08 Jan 2013, 00:53
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ވަގުތީ ސްޕޯކްސްޕާސަން އެއް ބަހައްޓަން ނިންމައި އެ މަގާމަށް އެ ޕާޓީގެ ނައިބު ލީޑަރުގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހޮވައިފި އެވެ.
އެ މަގާމަށް އަހުމަދު އާމިރު ހޮވީ މެންބަރުން އިތުރުކުރުމަށް އެމްޑީއޭ ގެ ފަރާތުން މިހާރު ނ. އަތޮޅަށް ކުރަމުން އަންނަ ދަތުރުގެ ތެރޭގައި އެ އަތޮޅު އިރުފުށީ ރިސޯޓުގައި ރޭ ބެއްވި އިންތިގާލީ ގައުމީ ކައުންސިލްގެ ޖަލްސާގަ އެވެ. ވަގުތީ ސްޕޯކްސްޕާސަންގެ މަގާމަށް އާމިރު ހޮވިވަޑައިގަތީ ވަގުތީ ގައުމީ ކައުންސިލްގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި 11 މެންބަރުންގެ އިއްތިފާގުންނެވެ.
އާމިރަކީ އެމްޑީއޭ އުފެއްދުމުގެ މަސައްކަތުގައި ވަރަށް އިސް ދައުރެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމްޑީއޭ އުފެއްދުމަށް ބޭއްވި ޖަލްސާގައި ނައިބު ލީޑަރުގެ މަގާމަށް ވެސް އާމިރު ހޮވާފައި ވަނީ ޕާޓީގެ މެންބަރުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުންނެވެ.