އިސްލާމްއާބާދު (ޖަނަވަރީ 7) : އެމެރިކާއިން ޕާކިސްތާނުގެ ހުޅަނގު އުތުރަށް ދިން ވައިގެ ހަމަލާތަކެއްގައި 17 މީހަކު މަރުވެ ފަސް މީހަކު ޒަހަމްވެއްޖެ އެވެ. ޕާކިސްތާނުގެ ޖިއޯ ޓީވީ ޗެނަލްއިން ބުނާގޮތުން ޕައިލެޓަކާނުލާ ދަތުކުރާ އެމެރިކާގެ މަތިންދާބޯޓަކުން ވަޒަރިސްތާނުގެ ޖަންދޫލާ ސަރަޙައްދުގައިވާ ތިންގެއަކަށް އިއްޔެ ދިން މިސައިލް ހަމަލާތަކެއްގައި 17 މީހަކު މަރުވެ ފަސް މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

މިހަމަލާތަކުގައި މި ތިން ގެވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށާއި މިތިން ގެއަކީ އެސަރަޙައްދުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާއަތުގެ ލީޑަރެއް ކަމަށްވާ ގާރީ އިމްރާނުގެ ގެތައް ކަމަށްވެސް އެޗެނެލުން ބުނެފައިވެއެވެ. މިޙަމަލާތަކުގައި މަރުވި 17 މީހުންގެ ތެރޭގައި ގިނައީ ތާލިބާން ޖަމާއަތަށް ނިސްބަތްވާ މީހުން ކަމަށާ މީގެތެރޭގައި ޢިމްރާންވެސް ހިމެނޭކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތައް ބުނެ އެވެ. ޕާކިސްތާނުގެ ޖާސޫސީ މަސްއޫލުވެރިން ލަފާކުރައްވާގޮތުގައި އެމެރިކާގެ ޑްރޯން މަތިންދާބޯޓުން ހަމަލާތައް ދީފައިވަނީ ތާލިބާނުންގެ ބައެއް މީހުން އެގެތަކުގެ ތެރޭން ގައެއްގައި ބައްދަލުވުމެއްގައި ތިއްބަ އެވެ. މި ހަމަލާތައް އެމެރިކާއިން ދީފައި މިވަނީ ވަޒަރިސްތާނަށް އެމެރިކާ ދިން އެހެން ހަމަލާއެއްގައި ތާލިބާނުންގެ ލީޑަރެއް ކަމަށްވާ މުއްލާ ނަޒީރު އަވަހާރަވެފައިވަނިކޮށެވެ.

ޕައިލެޓަކާނުލާ ދަތުކުރާ އެމެރިކާގެ މަތިންދާބޯޓަކުން ޕާކިސްތާނުގެ ވަޒަރިސްތާނަށް ދެމުންގެންދާ ހަމަލާތަކުގައި ގިނަ އަދަދަކަށް އާންމުންވެސް މަރުވަމުން ދެއެވެ. މިދޔަ އަހަރު އެމެރިކާ ދިން މިބާވަތުގެ ޙަމަލާތަކުގައިވެސް 12 ސަތޭކައަށްވުރެ ގިނަމީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު މީގެތެރޭގައި އާންމުންގެ އެތަށް ބަޔަކުވެސް ހިމެނޭކަމަށް ހަބަރު ލިބެ އެވެ. ޕައިލެޓަކާނުލާ ދަތުކުރާ އެމެރިކާގެ މަތިންދާ ބޯޓަކުން ޕާކިސްތާނުގެ ވަޒަރިސްތާނަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކޮށް އިތުރުކޮށްފައިވަނީ ބަރަކް އޮބާމާ އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ. (އަލްޖަޒީރާ)