ވީއޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނަގާފައިވާ ލޯނަކަށް ގިނަ އަދަދެއްގެ ފައިސާ ނުދައްކައިގެން ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އާއި އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާކުރަން ގައުމީ ބޭންކް، ބީއެމްއެލް އިން ސިވިލް ކޯޓަށް މައްސަލަ ވައްދައިފި އެވެ.

ހަމްޒާގެ އިތުރުން އެ ފައިސާ ހޯދުމަށް ދައުވާ ކޮށްފައިވަނީ އަލީ ޝިޔާމާއި ޝަމްޝުލް މުނާ އާއި މުހައްމަދު ލަތީފާއި އިބްރާހިމް ޖިހާދު އަދި ޝަމޫނާ އަބްދުﷲ އަލީގެ މައްޗަށެވެ. އަދި އެ މައްސަލައިގައި ވީއޭ ޕްރައިވެޓް ލިމިޓެޑާއި މެދުފުށީގެ މައްޗަށްވެސް ބޭންކުން ވަނީ ދައުވާކޮށްފަ އެވެ.

ނަމަވެސް ވީއޭއިން ނަގާފައިވަނީ ކިހާ އަދަދެއްގެ ލޯނެއް ކަމެއް އަދި ދައުވާކޮށްފައިވަނީ ކިހާއަދަދެއްގެ ފައިސާއެއް ހޯދަން ކަމެއްވެސް ސާފުވާގޮތެއްނުވި އެވެ. އެނގިފައިވާ ގޮތުގައި އެ ފައިސާ އަކީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ވީއޭގެ ފަރާތުން ބީއެމްއެލް އިން ނަގާފައިވާ ލޯނަކަށް ދައްކަންޖެހޭ ފައިސާ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން މިއަދު މެންދުރު 1:00 ޖެހީއިރަށް ސިވިލް ކޯޓުގައި ޝެޑިއުލް ކުރި ނަމަވެސް އެ މައްސަލައިގައި ހިމެނޭ ވަކީލަކު ކޯޓަށް ހާޒިރުވެފައި ނުވާތީ ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.

ބީއެމްއެލްގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީން އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވަނީ ބީއެމްއެލްއިން ނަގާފައިވާ "ބޮޑު ތިން ލޯނަކަ"ށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއްވެފައިވާ އިރު އެ ލޯނުތަކުގެ އިންޓަރެސްޓަށް އެކަނި ވެސް މިހާތަނަށް 790.76 މިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ.

ބޭންކުން ލޯނު ނެގުމަށް ފަހު ލޯނުނުދައްކާ ގިނަ ދުވަސްތަކެއްވެފައިވާ، ކެންދޫ ދާއިރާގެ މެންބަރު ތަސްމީން އަލީގެ މަސްލަހަތު އޮންނަ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްއިން ނަގާފައިވާ 654 މިލިއަން ރުފިޔާގެ ލޯނަށް ފައިސާ ދެއްކުމަށް ކުރި ހުކުމާއި އެއްގޮތަށް އެ ލޯނަށް ފައިސާ ނުދައްކާތީ ގެރެންޓީދެއްވި އަލިފުށީ ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒު އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށްވެސް ދާދިފަހުން ބީއެމްއެލްއިން ސިވިލް ކޯޓުގެ ދައުވާކުރި އެވެ. އެ މައްސަލަ ނިމުނީ އެ ލޯނަށް ރަހުނުކޮށްފައިވާ މުދާ ބީއެމްއެލްއަށް ނެގުމަށެވެ.

ބީއެމްއެލް އަށް 2011 ވަނަ އަހަރުވެސް 519 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވީ ނަމަވެސް، ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ލޯނުތަކަށް ސާފު ފައިދާ އިން ބޮޑު އަދަދެއް ޕްރޮވިޝަންގެ ގޮތުގައި ކަނޑައެޅުމާ އެކު މިދިޔަ އަހަރުގެ ފައިދާ އިންވެސް ހިއްސާދާރުންނަށް އެއްވެސް އެއްޗެއް ނުލިބުނެވެ.