07 Jan 2013, 22:29
ރ. އުނގޫފާރުން ފުރައިގެން އެ އަތޮޅު ވޭވަށަށް އަކިރި ނަގަން ދިޔަ އުނގުއްފާރު ފިރިހެނަކާއި ބަނގުލަދޭސް ފިރިހެނެއްގެ ހަބަރެއް ނުވެގެން ފުލުހުންނާއި އެ ރަށުގެ ރައްޔިތުން ނުކުމެ، އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
~
އުނގޫފާރު ކައުންސިލްގެ ރައީސް އަބުދުލް ނާސިރު އަލީ ވިދާޅުވީ ގެއްލިފައި ވަނީ ގުރެސަސްގޭ އަބުދުލް ޝަކޫރު ޔޫސުފް 56، އާއި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންވަރު 30، ކަމަށެވެ. އަދި ބުނީ އެމީހުން އެރަށުން ފުރާފައިވަނީ ރޭ ފަތިހުކަމަށާއި އޭގެ ފަހުން އެމީހުންގެ އެއްވެސް ހަބަރެއް ނުވާ ކަމަށެވެ.
"އޭނާގެ އަންހެނުން ބުނީ އެހެން ދުވަސްދުވަހު އެކެއް ނުވަތަ ދޭއް ޖަހާއިރު އޭނާ ރަށަށް އަންނާނޭ، އަދި ދަމުން އޭނާ އަންހެނުން ކައިރި ބުންޔޯ މިހާރު މިދަނީ 250ރ. ދީފަ ބިދޭސީއަކު ގޮވައިގެނޭ، އަދި ކާއެއްޗެއް ހަދާދޭށޭ ބުނީމަ އޭނާ ބޯކިބަލަކާއި ތަރުމޯޗަށް ސައި އަޅާދިނީމަ އެ ހިފައިގެނޯދިޔައީ،" ނާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމީހުން އަކިރިނަގަން ފުރާފައިވަނީ 12 ރިޔަނުގެ އައުޓުބޯޑް އިންޖީނުލީ ދޯންޏެއްގައި ކަމަށެވެ. އަދި އަބުދުލް ޝަކޫރުގެ އަންހެނުންނާ ހަވާލާދީ ނާސިރު ވިދާޅުވީ އޭނާގެ ފިރިމީހާ ރަށުން ފުރީ ފޯނު ވެސް ނުލާ ކަމަށެވެ. އަދި އޭނާގެ ހަބަރެއް ނުވެގެން ގިނަ އިރުވުމުން އޭނާގެ ދަރިޔަކު ލޯންޗެއްގައި ގޮސް އެފަޅުރަށް ބަލަފައިވާ ކަމަށާއި ނަމަވެސް އެރަށުގައި އެމީހުންނެތް ކަމަށެވެ. އަދި ފުލުހުންނާއި ގުޅިގެން މިހާރު އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު އެހިސާބަސް ވަރަށް ވިއްސާރަ ނަމަވެސް ކަނޑު އެހާ ގަދަނޫން ކަމަށް ނާސިރު ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުނގޫފާރުން ފުރައިގެން ދިޔަ ދެމީހަކު ގެއްލިގެން ފުލުހުނަށް ހުށައެޅުމުން އޭނާހޯދުމުގެ މަސައްކަތް މިހާރު ފަށަފައިވާ ކަމަށެވެ.