މާލޭ އިރުމަތީ ފަރާތު، ރާޅުގަނޑު ސަރަހައްދުގެ ފަރަށް އެރި އާގު ބޯޓުން، ފަރަށް ލިބުނު ގެއްލުން ބަލާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ސްރީލަންކާއިން ފުރައިގެން ކޮންޓެއިނާ ބަރުކޮށްގެން މާލެ އައި "އޮގަސްޓެ ޝައުލްޓެ" ނަމަކަށް ކިޔާ ކޮންޓެއިނާ ބޯޓު، މާލޭ އިރުމަތީ ފަރާތު ފަރަށް އެރި ހާދިސާއާ ގުޅޭގޮތުން ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ މިރޭ ވިދާޅުވީ އެ ހާދިސާގައި ބޯޓަށް ވުރެ ބޮޑަށް ގެއްލުން ލިބޭނެ ކަމަށް ލަފާކުރެވެނީ އެ ސަރަހައްދުގެ ފަރަށް ކަމަށެވެ.

އޭނާ ވިދާޅުވީ ފަރަށް ލިބިފައިވާ ގެއްލުން ބެލުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އެމްއެންޑީއެފްގެ ޑައިވަރުން މާދަމާ އެ ސަރަހައްދަން ފީނާނެ ކަމަށެވެ. އަދި އެ ސަރަހައްދަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް އަބްދުﷲ އަލީ ވިދާޅުވި އެވެ.

ދިގުމިނުގައި 210 މީޓަރު، އަދި ފުޅާމިނުގައި 30 މީޓަރު ހުންނަ އޮސްޓްރިއާގެ އާގު ބޯޓުގެ ދިރުބާކޮޅު ފަރަށް އެރި ހާދިސާއާ ގުޅޭ ގޮތުން ޓްރާސްޕޯޓްގެ އޮފިޝަލަކު ވިދާޅުވީ ފަރަށް ގެއްލުމެއް ލިބިފައިވާ ކޮންމެ އަކަމީޓަރަކަށް، 85،000ރ. އިން ޖޫނިމަނާ ކުރާނެ ކަމަށެވެ. ނަމަވެސް އެ ޖޫރިމަނާގެ ފައިސާގެ ކުޑަ ބޮޑުމިން އަޅާ ކިޔޭނީ ފަރުގެ ދިރުމަށް ލިބިފައިވާ ގެއްލުން ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު އިރުއޮސެނިކޮށް ރާޅުގަނޑު ސަރަހައްދުގެ ފަރަށް އާގު ބޯޓް އެރީ ގާދޫކޮލުން ވަދެގެން، މާލެއިން ހުޅުލެއާ ދެމެދު ކަނޑު ވަނުމަށްފަހު، އަނބުރާލާފައި ބޭރުކަނޑަށް ނުކުންނަށް އުޅެނިކޮށެވެ. ބޯޓް ފުންކުރީ ތިން ގަޑިއިރުގެ މަސައްކަތައްފަހު އެވެ. ބޯޓް ފުންކުރުމުގެ މަސައްކަތްކޮށްފައި ވަނީ ބޯޓްގެ އެޖެންޓުން އެހީގައި ބޭނުން ކުރީ ދެ ޓަގަކުންނެވެ. ބޯޓް ފުންކުރި އިރު، އެމްއެންޑީއެފްގެ ކޯސްޓްގާޑުންވެސް ހަރަކާތްތެރިވި އެވެ.