07 Jan 2013, 19:11
އިންސާނުންނަށް ވެސް ނުރައްކާތެރި ބައްޔެއްގެ ވައިރަސް ތިލަފުށީގައި ގެންގުޅޭ ބަކަރިއަކުން ފެނިއްޖެކަމަށް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެމިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެމިނިސްޓްރީގެ ފަރާތުން މިއަދު ތިލަފުއްޓަށް ޒިޔާރަތްކޮށް ހެދި ޓެސްޓްތަކަކުން ވައިރަސްގެ ޒަރީއާއިން އިންސާނުންގެ ގަޔަށްވެސް އަރާބައްޔެއް ކަމަށްވާ "އޯއާރުއެފް" ކިޔާ ބައްޔެއްގެ ވައިރަސް ބަކަރިއެއްގެ ގައިން ފެނިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް އެ ވައިރަސްފެނިފައި ވަނީ އެންމެ ބަކަރިއަކުން ކަމަށާއި އެ ބަކަރި އެހެން ބަކަރިތަކާ ވަކިކޮށްގެން މިހާރު މަސައްކަތް ކުރަމުންދާއިރު އިތުރު ބަކަރިއަކަށް އެވައިރަސްގެ އަސަރުކޮށްފައިވޭތީ ޗެކްކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
"އޯއާރުއެފް ކިޔާ އެބަލި ފެނިފައިވަނީ އޭގެތެރެއިން އެއް ބަކަރިން، އެ ބައްޔަކީ އިންސާނުންނަށްވެސް އަސަރުކުރާ ބައްޔެއް، މިއީ ރާއްޖޭގެ ފުރަތަމަ ފަހަރަށް އެވައިރަސް ފެނުނު ފަހަރު، އެބަކަރިތަކަކީ އިންޑިއާއިން ގެނެސްފައިވާ ބަކަރިތަކެއް،"އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެބަލީގެ ސަބަބުން އިންސާނުންގެ ހަންގަނޑަށާއި ލޮލުގެ އިތުރުން ފިރިހެނުންގެ ޖިންސީ ގުނަވަންތަކަށްވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ. އެގޮތުން އެބަލީގައި ހަށިގަނޑުގެ އެކިހިސާބުތަކުގައި ދޮސްލާ ފޮޅުނަގާފަދަ ކަންތަށްތައް ދިމާވާނެ ކަމަށެވެ.
ތިލަފުށީގައި ހުރި ބަކަރިތަކެއްގެ ތެރެއިން އެ ވައިރަސް ފެނުމުން ބަކަރި ގަތުމުގައި ސަމާލުވުމަށް އެގްރިކަލްޗާ މިނިސްޓްރީން މިހާރު ވަނީ އިލްތިމާސްކޮށްފަ އެވެ.