07 Jan 2013, 18:29
ރާއްޖެ އަކީ އާމްދަނީ ހޯދޭނެ ވަސީލަތްތައް މަދު ގައުމެއް ކަމަށް ބުނެ ދައްކާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަ ތަކެއް ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ. ސިޔާމް މިހެން ވިދާޅުވީ އެމްޑީއޭގެ މެންބަރުން އިތުރުކުރުމަށް ޓަކައި ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި އަތޮޅު މާޅެންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސިޔާމް ވިދާޅުވީ ރާއްޖެ އަކީ ގުދުރަތީ ގޮތުން ވަރަށް އަގު ބޮޑު ގައުމެއް ކަމަށެވެ. ރާއްޖޭގެ ގުދުރަތީ މުއްސަނދި ކަމަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ދެއްވާފައި ނުވާ ފަދަ މުއްސަނދި ކަމެއް ކަމަށާއި އެހެން ނަމަވެސް އެ މުއްސަނދި ކަމުގެ ބޭނުން ގައުމަށް ޓަކައި ހިފޭނީ އެކަން ދަނެ، އެކަން ރަނގަޅަށް އެނގިގެން ކަމަށް ސިޔާމް ވިދާޅުވި އެވެ.
"ރާއްޖެ އަކީ އާމްދަނީ ހޯދޭނެ ވަސީލަތްތައް މަދު ގައުމެއް ކަމަށް ބުނެ ބައެއް ވެރީން އެ ދައްކާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް. އަޅުގަނޑު މި ހުރީ މިކަން އަމިއްލަ އަށް ތަޖުރިބާކޮށްގެން. ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން އަޅުގަނޑަށް ވަރަށް ސާފުކޮށް ފެނޭ. އެއީ އެހެން އެއްވެސް ބަޔަކަށް ދެއްވާފައި ނުވާ ފަދަ އަގުބޮޑު މުއްސަނދި ކަމެއް،" ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ ގުދުރަތީ ގޮތުން ލައްވާފައި ވަނީ ވެސް ޚާއްސަ ސަރަހައްދެއްގައި ކަމަށެވެ. އެހެން ކަމުން ދުނިޔޭގެ އެހެން ގިނަ ގައުމު ތަކަށް ލިބިފައި ނުވާ ފަދަ ސަލާމަތާއި ޚާއްސަ ރައްކާތެރިކަމެއް ރާއްޖެ އަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާމްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ރާއްޖޭގައި ޑްރަގް މައްސަލަތައް ގިނަވެ ދަރީންތައް މަގުމަތިވީ ގައުމުގެ ދަރީންގެ ހައްގުގައި ވެރިންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމުގެ ސަބަބުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހި ގައުމުން ރައީސުންނާއި ވަޒީރުންނަށް ވެސް ލިބެން ޖެހޭނީ ރައްޔިތުންނާ ހަމަހަމަ ހިއްސާއެއް ކަމަށެވެ. ގާނޫނު އަސާސީގައި ބުނާ ހަމަހަމަ ކަމާ އެކު ޚިދުމަތް ކޮށްދޭން ޖެހޭނެ ކަމަށާއި ރައްޔިތުންނަކީ ގައުމުގެ ހިއްސާދާރުންގެ ގޮތުގައި ވިސްނާން ޖެހޭ ކަމަށެވެ.
ރޭ މާޅެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ވިދާޅުވީ މަލްޓިޕާޓީ ޑިމޮކްރެސީގެ ކާމިޔާބުކަން ދުނިޔެ ތަޖުރިބާކޮށްފައިވާ ކަމަށާއި ރައްޔިތުންގެ ހަގީގީ އަޑު އުފުލައިދެވޭނީ މި ނިޒާމް ތަރައްގީ ކޮށްގެން ކަމަށެވެ. އެހެން ކަމުން މި ނިޒާމް ތަރައްގީ ކުރުމަކީ އަޅުގަނޑުމެން އެންމެން ގުޅިގެން ވަރަށް ބާރަށް ކުރާން ވެއްޖެ މަސައްކަތެއް ކަމަށާއި ގައުމުގެ މަސްލަހަތު އޮތީ އެގޮތުގައި ކަމަށް މައުރޫފު ވިދާޅުވި އެވެ. މާޅެންދޫ ޒުވާނުންގެ ކަންކަމަށް ޚާއްސަ ސަމާލު ކަމެއް އެމްޑީއޭގެ ފަރާތުން ދެއްވާނެ ކަމަށް ވިދާޅުވަމުން، މާޅެންދޫގައި ޒުވާނުންގެ ޖަމިއްޔާއެއް އުފައްދައިގެން އެކަމަށް މަސައްކަތް ފެށުމަށް ވެސް މައުރޫފު އެދިވަޑައިގަތެވެ.
ހެނބަދޫގައި ބޭއްވި ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އާމިރުގެ ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންނަށް އަސާސީ ހައްގުތައް ލިބެނީ ވަކި މީހަކު ދީގެން ކަމަށް ނުވަތަ އެކަން ވަނީ ވަކި މީހަކު ކޮށްދީގެން ކަމަށް ބުނެ ދައްކާ ވާހަކަ އަކީ ވަރަށް ބޮޑު އޮޅުވައިލުމެއް ކަމަށެވެ. އެ ގޮތުން ރައްޔިތުންގެ އަސާސީ ހައްގު ތަކަކީ ގާނޫނު އަސާސީގައި ލިޔެ ކަށަވަރުކޮށްދީފައި ހުރި އެއްޗެއް ކަމަށް ވިދާޅުވެ ގާނޫނު އަސާސީގެ އެ މާއްދާތަކުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ. އަދި އެ ހައްގުތައް ކޮންމެ މީހަކު ވެރިޔަކަށް ހުއްޓަސް އަދި ކޮންމެ ސަރުކާރެއް އޮތަސް ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.
މާޅެންދޫގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީއޭގެ ނައިބު ލީޑަރު ޢާއިޝަތު ރަފިއްޔާ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެސީ އަދި މި އޮތީ ވަރަށް ޅަފަތުގައި ކަމަށާއި ރާއްޖޭގެ ޑިމޮކްރެސީ އަދި މިދާ މިސްރާބު އެންމެ ރަނގަޅު ނޫން ކަމަށެވެ. އެ ގޮތުން ރާއްޖޭގައި ޑިމޮކްރެސީގެ ނަމުގައި މި ކުރެވޭ މަސައްކަތުގައި ވަރަށް ގިނަ މައްސަލަތައް އެބަ ހުރިކަން ފާހަގަ ކުރައްވަމުން ރަފިއްޔާ ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ދޭދޭ މީހުންގެ މެދުގައި މައްސަލަތައް އުފެދި އާއިލާތައް ބައިބައިވެ ޖަމާއަތްތައް ރޫޅިގެން ގޮސްފައިވާ ކަމަށެވެ. އެހެން ކަމުން މި ސިސްޓަމް ރަނގަޅު ކުރާން އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. ޑިމޮކްރެސީ ހަރުދަނާ ކުރުމުގެ އަޚުލާގީ ގޮތުން އެންމެ ރަނގަޅު ސިފަތައް އެމްޑީއޭގެ ފަރާތުން ދައްކައިދޭނެ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ. އަދި މި މަސައްކަތުގައި އަންހެން ބޭފުޅުން އިސްނަންގަވައި، ހިތްވަރާ އެކު ވަކީން ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ވެސް ރަފިއްޔާ އެދިވަޑައިގަތެވެ.
މާޅެންދޫގެ ޖަލްސާގައި ޕާޓީއަށް އަލަށް ސޮއިކުރެއްވި އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަޝީދު ހަސަންގެ ވާހަކައިގައި ވަނީ ރަށަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަތައް ވަރަށް އަސަރާ އެކު ހިއްސާ ކުރައްވައިފަ އެވެ. އެ ގޮތުން މާޅެންދޫގެ ފެން ފަށަލަ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި ކޮންމެ ގެއެއްގެ ވަޅުގައި ދޭއް ނުވަތަ ތިން އޮކްސިޖަން ޕަންޕު ހަރުކޮށްފައި ހުންނަ އިރު ވެސް ފެނުން ދުވަނީ ނުބައި ވަސް ކަމަށް ވިދާޅުވި އެވެ. އަދި މި ކަމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލައަކާ މެދު ރައްޔިތުން ތިބީ ބިރުން ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ރަށުގެ ބަނދަރު ހަލާކުވެފައި އޮންނަތާ ވެސް އެތައް އަހަރެއް ވެފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިޔާމަކީ ތަރައްގީ ގެނެސްދޭން އެނގިވަޑައިގަންނަވާ ލީޑަރެއް ކަން ސިޔާމް މިހާރު ވެސް ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ. އަދި އެކަންކަން ސިޔާމްގެ ވިޔަފާރިންނާއި އޭނާ މެންބަރުކަން ކުރައްވާ ދާއިރާއިން ޝައްކެތް ނެތް މިންވަރަށް ރައްޔިތުންނަށް ފެންނާން އެބަ ހުރި ކަމަށެވެ.
އެމްޑީއޭގެ ފަރާތުން ނ. އަތޮޅު ހެނބަދޫ އާއި މާޅެންދޫ އަށް ވަޑައިގަތުމުން އެ ދެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އަދި ޖުމުލަ ގޮތެއްގައި ނ. އަތޮޅު ރަށްރަށުން އެމްޑީއޭ އަށް ވަންނަމުން އަންނަ މެންބަރުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަނީސް ސަން އަށް ވިދާޅުވި އެވެ.