ޅ. ކުރެންދޫން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެމުންދާތީ އެރަށު ރައްޔިތުން ކައުންސިލް އިދާރާ ކުރިމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.

ކުރެންދޫ ކައުންސިލް މެންބަރު މުހައްމަދު އަބްދުއް ސަމަދު މިއަދު ވިދާޅުވީ އެރަށުގައި ކަރަންޓްގެ މައްސަލަ ދިމާވާތާ ހަތް މަސް ދުވަސް ވެފައިވާއިރު އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޭގޭގައި ބޭނުންކުރާ އައިސް އަލަމާރި ފަދަ އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވެގެން އެކަމުގައި ޝަކުވާ ވަރަށް ގިނައިން ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެރަށަކީ 1900 ވަރަކަށް މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށަކަށް ވާއިރު މިހާރު އެރަށުގައި ބޭނުން ކުރަމުން އަންނަ ދެ ޖަނެރޭޓަރަކީ މުޅިރަށަށް ކަރަންޓް ދިނުމަށް އެކަށީގެންވާ ވަރުގެ ޖަނެރޭޓަރުތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު މެންދުރު 1:30 އިން ފެށިގެން ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާ ކުރަމުންދާ މީހުން ޑިމާންޑް ކުރަމުން ގެންދަނީ ރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަންގައި އެދުމުން ހައްލު ކޮށްދެއްވާނެ ކަމަށް ބުނިނަމަވެސް އެކަމުގެ އަމަލީ މަސައްކަތް އަދިވެސް ފެށިފައި ނުވާކަމަށް ސަމަދު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ކުރެންދޫ ގައި ކަރަންޓްގެ މައްސަލަ ދިމާވެގެން އުޅެނީ އެރަށުގައި ހުރި ޖަނެރޭތަރުތައް އޯވަހޯލް ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ކަމަށެވެ. އަދި އެ ޖަނެރޭޓަރުތައް އޯވަހޯލް ކުރާނެ ފަރާތެއް ހޯދުމަށް ގެޒެޓްގައި އިއުލާން ކުރުމުން އެެކަމަށް އެއްވެސް ބަޔަކު ކުރިމަތިލާފައި ނުވާކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަނެރޭޓަރު އޯވަހޯލް ކުރެވޭނެ ގޮތެއް ނެތުމުން އެރަށަށް އާ ޖަނެރޭޓަރެއް ގަތުމަށް އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިރޭ ނޫނީ މާދަމާގެ ވަގުތެއްގައި އެރަށަށް ޖަނެރޭޓަރެއް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.