07 Jan 2013, 17:22
ވަޒީފާ އަދާ ކުރާ ތަންތަނާއި ތައުލީމު ދޭ ތަންތަނާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި މިނޫސް ވެސް އިޖުތިމާއީ ހިދުމަތްދޭ ތަންތަނުގައި ދިމާވާ ޖިންސީ ފުރައްސާރައިގެ އަމަލުތައް ހުއްޓުވުމަށް ކޮންމެ އޮފީހެއްގައި ކޮމެޓީއެއް އުފެއްދަންޖެހޭ ކަމަށް ސަރުކާރުން މަޖިލީހަށް ވެއްދި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ބިލުގައި ކަނޑައަޅައިފި އެވެ.
ސަރުކާރު ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ އޮފީހުގެ މާހައުލުގައި ހިނގާ ޖިންސާ ފުރައްސާރައިގެ އަމަލުތައް ތަހުގީގުކޮށް ބެލުމަށް ކޮންމެ އޮފީހެއް[ކުންފުންޏެއް، މުއައްސަސާއެއް، މަރުކަޒެއް]ގައި ކޮމެޓީއެއް އުފައްދަންޖެހޭ ކަމަށެވެ. އެގޮތުން 10 މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އެކުލަވާލަންވާނެ ކަމަށާއި އެ ކޮމެޓީގެ މެޖޯރިޓީ އޮންނަންވާނީ އަންހެނުންގެ މައްޗަށް ކަމަށް ބިލްގައިވެ އެވެ. އަދި އެ ކޮމެޓީއަށް ރައީސްއަކާއި ނައިބު ރައީސްއަކު އިންތިހާބު ކުރަންޖެހެ އެވެ. އަދި އެ ބިލް ގާނޫނަކަށް ވުމަށްފަހު ކޮމެޓީ ނުއުފައްދާ އޮފީސްތައް 5000 ރުފިޔާއިން ޖޫރިމަނާވާނެ އެވެ.
ކޮމެޓީއަށް ހުށަހަޅާ ޝަކުވާތައް ބެލުމުގައި އަމަލު ކުރަންޖެހޭނެ އިޖުރާއަތްތައް، ބަޔާންކުރާ ގަވާއިދެއް އެ ބިލް ގާނޫނަކަށްވާތާ ތިން މަސްދުވަހުގެ ތެރޭގައި ކަމާ ބެހޭ މިނިސްޓްރީން ހަދަންޖެހެ އެވެ.
އޮފީހުގައި ޖިންސީ ފުރައްސާރައެއްކޮށްފިނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ވަޒީފާއިން ސަސްޕެންޓް ކުރުމާއި އިންޒާރު ދިނުމާއި ނަސޭހަތްތެރިވުމުގެ އިހްތިޔާރު ކޮމެޓީއަށް ލިބިދީފައިވެ އެވެ. އަދި ޖިންސީ ފުރައްސާރަ ކުރި މީހާ އޮފީހުގެ ކޮމެޓީއަށް ހާޒިރުކޮށް، ހެކިބަސް ހޯދުމުގެ ބާރު ވެސް ލިބިދެ އެވެ. ކޮމެޓީން ތަހުގީގު ކުރާ މައްސަލައެއް ދެ މަސް ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމަންޖެހެ އެވެ. އަދި އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލައެއް ޓްރައިބިއުނަލުން ބެލުމުގައި ރިޔާއަތް ކުރަންޖެހޭނެ ކަންތައްތަކަކީ ޖިންސީ ފުރައްސާރައިގެ ސަބަބުން ލިބުނު ނަފްސާނީ ގެއްލުމާއި ބޭސްފަރުވާއަށް ދިޔަ ހަރަދުގެ ބަދަލު ނަގައިދޭން ޖެހެ އެވެ. ޖިންސީ ފުރައްސާރަ ކުރި މީހަކު ބަދަލު ދިނުމަށް އިންކާރުކޮށްފިނަމަ، އޭނާ އަދާކުރާ ވަޒީފާގެ މުސާރައިން ކެނޑޭގޮތައް އެ ބަދަލު ނަގައިދޭންޖެހޭނެ ކަމަށް ބިލުގައި ބުނެ އެވެ. ޓްރައިބިއުނަލުން ނިންމާ ނިންމުމާމެދު، ހިންހަމަނުޖެހޭނަމަ އެ މައްސަލަ މަތީ މަރުހަލާގެ ކޯޓްތަކުގައި އިސްތިއުފާނު ކުރެވޭނެ ކަމަށް ވެސް ބިލުގައި ބަޔާންކުރެ އެވެ.
ޖިންސީ ފުރައްސާރަ ކުރުން ކަމަށް ބެލެވޭނީ މީހެއްގެ "ނުގަބޫލުގައި" ޖިންސީ އަމަލެއް ހިންގުމުން ކަމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގައި ބުނެ އެވެ. އަދި ޖިންސީ އަމަލު ހިންގުން ކަމަށް ބެލެވޭނީ އެ އަމަލު ހިންގާ މީހަކު ދައްކާ ވާހަކައަކުން، ނުވަތަ ބުނާ ބަސްތަކަކުން، ނުވަތަ ލިޔާ ލިޔުމަކުން، ނުވަތަ ދައްކާ ކުރެހުމަކުން، ނުވަތަ ތަސްވީރަކުން ނުވަތަ އިއްވާ އަޑަކުން ނުވަތަ ކުރާ އިޝާރާތަކުން އެނޫން ވެސް އަމަލެއްގެ ސަބަބުން އެކަން ރައްދުވާ މީހާއަށް އެ އަމަލުން ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ދިއުމަށެވެ.