ރ. ކިނޮޅަހުގައި ކެމިކަލްއެއް ބުއި އަންހެނަކަށް ފަރުވާދޭން މާލެ ގެންނަނިކޮށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ކެމިކަލް ބުއި އުމުރުން 39 އަހަރުގެ އަންހެން މީހާ މާލެ ގެންނަނިކޮށް މަރުވީ މިއަދު ހަވީރު 3:30 ހާއިރު ކަމަށެވެ. އަދި އޭނާ ކެމިކަލް ބޮއިފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓް ކުރީ 10:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އޭނާ ކެމިކަލް ބުއީ ކީއްވެ ކަމެއް ސާފެއްނުވެ އެވެ. އެނގިފައިވާ ގޮތުގައި އަންހެން މީހާ ބޮއިފައި ވަނީ، ފައިބަރު މަސައްކަތުގައި ބޭނުންކުރާ ބާރުގަދަ ކެމިކަލެއް ކަމަށްވާ ހާޑްނާވެ.

އަންހެން މީހާ މަރުވެފައިވަނީ ކިނޮޅަހު ސިއްހީ މަރުކަޒުންނާއި އެ އަތޮޅު އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މަގުމަތީގައި އޭނާގެ ހާލު އިތުރަށް ސީރިއަސްވާތީ ބ. އޭދަފުށްޓަށް މަޑުކޮށް އޭދަފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.