07 Jan 2013, 17:07
ރައްޔިތުންގެ މަޖުލީހުގެ ޖަލްސާތައް ލައިވްކުރުމުގައި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ސުލޫކީ މިންގަނޑާއި އެއްގޮތަށް އަމަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ހުރަހެއް ނެތް ކަމަށާއި އެ މިންގަނޑަށް ބްރޮޑްކާސްޓަރުން އަމަލުކުރަން ޖެހޭނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ލައިވް ކުރުމަށް މިހާރު އިންތިޒާމް ކުރެވިފައިވާ ގޮތުން ބްރޮޑްކާސްޓަރުންގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މަޖިލިސް ބްރޯޑްކާސްޓްކުރުމަށް ދަތިތަކެއް ހުރި ކަމަށް ބުނެ ކޮމިޝަނަށް ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ.
އެ ޝަކުވާތަކާ ގުޅިގެން ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީއާ ބައްދަލު ކޮށް މަޝްވަރާ ކޮށްފަ އެވެ. އެ ބައްދަލު ވުމަށް ފަހު ބްރޮޑްކާސްޓިން ކޮމިޝަނުން މިއަދު ބުނީ މަޖްލީހުގެ ޖަލްސާތައް ލައިވްކުރުމާ ބެހޭގޮތުން ބްރޯޑްކާސްޓަރުންނާ އެކު މަޖިލިހުން ވެފައިވާ އެއްބަސްވުމެއް މިހާރު ނެތް ކަމަށާއި އަދި ބްރޯޑްކާސްޓަރުންނާ އެކު 2008 ވަނަ އަހަރު ވެފައިވާ ދެ އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު 2010 ވަނަ އަހަރުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.
އެ މައުލޫމާތުތައް ބްރޮޑްކާސްޓަރުންނާ ހިއްސާ ކުރައްވަމުން ބޮރޮޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ ގާނޫނީ ގޮތުން އެ ބޭފުޅުންނަށް ވަކި ކަހަލަ އިމްތިޔާޒް ތަކެއް ލިބިގެން ކަމަށެވެ. އެހެން ނަމަވެސް ބްރޮޑްކާސްޓަރުން މަޖިލީހުގެ ޖަލްސާތައް ލައިވް ކުރަން ޖެހޭނީ ބްރޮޑްކާސްޓް ކުރުމަށް ހެދިފައިވާ ސުލޫކީ މިންގަޑާއި އަދި ބްރޮޑްކާސްޓް ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފް ނުވާނޭ ގޮތެއްގެ މަތިން ކަމަށް ޝަހީބް ވިދާޅުވި އެވެ.
"މަޖްލީހުގެ ޖަލްސާތަކުގައި މެންބަރުން ވާހަކަ ދައްކަވަނީ ގާނޫނީ އިމްތިޔާޒްތަކެއް ލިބިވަޑައިގެން. އެހެނަސް ބްރޯޑްކާސްޓަރުން މަޖްލިސް ލައިވްކުރަން ޖެހޭނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފުނުވާ ގޮތަށް،" ޝަހީބު ވިދާޅުވި އެވެ.
މަޖްލިސް ލައިވް ކުރުމާ ގުޅޭ އާ އެއްބަސްވުމެއް ހެދުމަށް މަޖްލީހުގެ އާއްމު ކޮމިޓީގެ ސަބް ކޮމިޓީން މަސައްކަތްކުރައްވާ ކަމަށާއި އެކަމުގައި ކޮމިޝަންގެ ލަފާ ހޯއްދަވާނެކަމުގެ ޔަގީންކަން އާންމު ކޮމިޓީން ދެއްވައިފައިވާ ކަމުގައި ވެސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.