07 Jan 2013, 16:43
މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުޅިވަރު ކުޅޭ ބިންތައް އެ ކައުންސިލަށް ނޭންގި ސަރުކާރުން ޔޫތް މިނިސްޓްރީއާ ހަވާލު ކުރުމުން މާލޭ ސިޓީ ކައުންސިލުން ހައުންސިން މިނިސްޓްރީ ގޮވައިގެން ކޯޓަށް ގޮސްފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިން ޝުޖާއު މިއަދު ސަން އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިނަމާލެ ފްލެޓް ބިއްދޮށުގައި ބާސްކެޓް އަދި ބަށި ކޯޓުގެ ގޮތުގައި މިހާރު ބޭނުން ކުރަމުންދާ ބިންތަކަކީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިމެއް ކަމަށާއި އެހެން ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެ ބިން އެ ކައުންސިލްގެ ބެލުމުގެ ދަށުން ނަގައި ޔޫތް މިނިސްޓްރީއާ ހަވާލު ކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ސިޓީ އަކުން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
"ސިނަމާލެ ފްލެޓް ބިއްދޮށުގައި އޮންނަ ބާސްކެޓް އަދި ބަށި ކުޅޭ ކޯޓަކީ ކައުންސިލް ތަކުގެ ގާނޫނު ބުނާ ގޮތުން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއް. އަދި އޮންނަން ޖެހޭ ތަނެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެއް ވެސް އެންގުމަކާ ނުލައި ހައުސިން މިނިސްޓްރީން ވަނީ އެ ބިން ޔޫތް މިނިސްޓްރީއާ ހަވާލު ކޮށްފައި. އެކަން އަޅުގަނޑުމެންނަށް މި އަންގަނީ ސިޓީ އަކުން. އެހެން ވީމަ އަޅުގަނޑުމެން މިއަދު އެ މައްސަލަ ވާނީ ސިވިލް ކޯޓަށް ވައްދާފައި،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މިއަދު އެ މައްސަލަ ކޯޓަށް ވެއްދި ނަމަވެސް މައްސަލަ ކޯޓަށް ބަލައިގަތް ކަމެއް އަދި އަންގާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ސިނަމާލެ ފްލެޓް ބިއްދޮށުގައިވާ ބިމަކީ ސިޓީ ކައުންސިލިން ތަރައްގީ ކުރުމަށް ނިންމާފައިވާ ބިމެއް ކަމަށާއި އަދި އެކަމުގެ މަސައްކަތް ތައް ކުރިއަށްދާ ކަމަށެވެ.
އަދި ވިދާޅުވީ މައްސަލަ ކޯޓަށް ވައްދަން ޖެހުނީ ސަރުކާރު ބަދަލުވި ފަހުން މާލޭ ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް އަދާ ކުރުމަށް ތަފާތު އެކި ގޮތް ގޮތުން ހައުސިން މިނިސްޓްރީން އެ ކައުންސިލަށް ހުރަސް އަޅަމުންދާ ކަމަށް ކައުންސިލަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އޭނާ ވިދާޅުވީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހުރިހާ ބިމެއް ސަރުކާރަށް ނަގާތީ އެ މައްސަލަތައް މިހާރުވެސް ހުރީ ކޯޓު މަރުހަލާގައި ކަމަށެވެ.
ސިޓީ ކައުންސިލުގެ ބެލުމުގައި ދަށުގައި ވަނިކޮށް ސަރުކާރަށް ނެގުމުން ހިޔާލުތަފާތުވެފައިވާ ބިންތަކަކީ ހެންވޭރު އަޑުޕާކާއި އުސްފަސްގަނޑާއި ދަރުބާރުގެ އަދި ކާނިވާ ސަރަހައްދުގެ މައްސަލަ އެވެ. އަދި އާޓިފިޝަލް ބީޗް ހަވާލުކުރަން އެންގި މައްސަލަވެސް އޮތީ ކޯޓުގަ އެވެ. އެ މައްސަލަތައް އެގޮތަށް އޮތްއިރު ހޯމް މިނިސްޓްރީން ލޯކަލް ގަވަރު މަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވަނީ މާލޭ ސިޓީ ކައުންސިލް އުވާލުމަށެވެ.