07 Jan 2013, 15:52
ބަޔަކާ ހާވާލުކޮށްގެން ޕްރައިވަޓައިޒްގެ އުސޫލުން ބ. އަތޮޅަށް ސަރުކާރުން ދެމުންގެންދާ ފެރީގެ ޚިދުމަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
ބ. އަތޮޅު ކައުންސިލް މެންބަރު މުހައްމަދު އާދިލް ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އެ އަތޮޅުގެ ރަށްތަކަށް ފެރީގެ ޚިދުމަތް ދެމުންގެންދަނީ ދެ އުޅަނަދަކުން ކަމަށެވެ. އޭގެ ތެރެއިން އެއް އުޅަނދުން ޚިދުމަތް ދެމުން ގެންދަނީ އަތޮޅުގެ އުތުރު ސަރަހައްދުގެ ރަށްތަކަށް ކަމަށާއި އަނެއް އުޅަނދުން ފެރީގެ ޚިދުމަތް ދެމުން ގެންދަނީ ދެކުނުގެ ރަށްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އަތޮޅުގެ ދެކުނުގެ ރަށްތައް ކަމަށްވާ ހިތާދޫ އާއި ތުޅާދޫ އާއި ފުޅަދޫ އަދި ގޮއިދޫއަށް ފެރީގެ ޚިދުމަތް ނުލިބޭތާ އެއް މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އުތުރުގެ ރަށްތަކަށް ފެރީގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ ދެ ހަފްތާ ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ދީބާޖާ އިންވެސްޓްމަންޓާ ސުވާލު ކުރުމުން ފެރީގެ ޚިދުމަތް ހުއްޓާލަންޖެހުނީ ކުޑަ ތާއްޓެއް ވެގެންކަމަށް އެކުންފުނިން ބުނެފައިވާ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
ފެރީގެ ނިޒާމް މޮނިޓާ ކުރުމުގެ ޒިންމާ ސަރުކާރުން އެ ކައުންސިލާ ހަވާލު ކުރުމަށް ނިންމުމުން އެކަމަށް އިޖާބަދީ މިދިޔަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކައުންސިލުން އެކަން މޮނިޓާ ކޮށް ބެލިބެލުމުގައި މިއަދާ ހަމައަށް ވެސް ފެރީ ނިޒާމް ފުރިހަމަގޮތުގައި މަސައްކަތް ނުކުރާކަން ފާހަގަ ކުރެވިފައިވާތީ އެކަން ހައްލު ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ދެކެވުނު ވާހަކަތަކުން އެކަމަށް ހައްލެއް ލިބިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެރީގެ ޚިދުމަތް ހުއްޓާލުމަކީ އެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުންފުނިން އެ އަތޮޅު ރައްޔިތުން ބިކަކުރުމަށް އެ ކުންފުނިން ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްފާހަގަ ކުރެވޭ ކަމަށާއި ޓްރާންސްޕޯޓް މިނިސްޓްރީން އެކަމާ މެދު ފިޔަވަޅެއް އަޅާފައި ނުވުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އިހުމާލެއް ކަމުގައި ދެކޭ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
ދާދިފަހުން ދެކުނުގެ ހުރިހާ އަތޮޅެއްގެ ފެރީގެ ހިދުމަތްތައްވެސް ވަނީ ހުއްޓިފަ އެވެ. ދެކުނުގެ ފެރީގެ ހިދުމަތްތައް އަދިވެސް ބައެއް އަތޮޅުތަކުގައި ނުފެއްޓެ އެވެ. އެ ހިދުމަތްތައް މެދުކެނޑި ކައުންސިލްތަކަށް އަންނަނީ މެދުކެނޑުމެއްނެތި ޝަކުވާތައް ލިބެމުންނެވެ.