މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ބީޖީ ސްޕޯޓްސް ކުލަބުގެ ފަރިތަކުރުންތައް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ނިންމައި ޓީމުގެ ހެޑް ކޯޗަކަށް މިދިޔަ އަހަރު ވެސް އެ މަގާމުގައި ހުރި މުހައްމަދު ޝާޒްލީ ހަމަޖައްސައިފި އެވެ.

ބީޖީ ޓީމުގެ ހެޑްކޯޗަކަށް ޝާޒްލީ ހަމަޖެއްސިއިރު، އޭނަގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސީ އެފްއޭއެމްއިން އެންމެ ފަހުން ބޭއްވި އަންހެން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ސަން ޓީމަށް ކޯޗް ކޮށްދިން ވިކްޓަރީގެ ކުރީގެ ޑިފެންޑަރު އިސްމާއިލް އަނިލެވެ.

ބީޖީގެ އިސް އޮފިޝަލަކު މިއަދު ބުނީ، ޓީމުގައި މިވަގުތު ތިބި ދެ ކޯޗުންނާއި އެކު ސީޒަނަށް ތައްޔާރުވުމަށް ޓީމުގެ ފަރިތަކުރުންތައް ބުރާސްފަތި ދުވަހު ފަށާއިރު، ޓީމުގެ ސްކޮޑުގައި ގައުމީ ފެންވަރުގެ މޮޅެތި ކުޅުންތެރިން ތިބި ކަމަށެވެ. އަދި އެކުޅުންތެރިންނާއެކު ސީޒަނާ ކުރިމަތި ލާނީ ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އުންމީދުގައި ކަމަށް ވެސް އޮފިސަލް ވިދާޅުވި އެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނާ ބީޖީން ކުރިމަތި ލާއިރު، މީގެ ކުރިން އެޓީމަށް ކުޅެން އެއްބަސްވެ ސޮއި ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމް އަދި ވީބީގެ ކެޕްޓަން އައްސަދު (އަޑުބަރޭ) އާއި އަހުމަދު އަޝްފާނާއި އާދަމް ފަޒީހް (ފަޒިއްކޮ) އާއި ފަރުހާދު އިސްމާއީލް އަދި ނިއުގެ މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި އީގަލްސްގެ ކީޕަރު މުހައްމަދު ޔަމާނާއި ވިކްޓަރީއަށް ކުޅުނު މުހައްމަދު ޝައްފާޒު (ސައްޕޭ) އާއި އީގަލްސްގެ އަހުމަދު ރިލްވާނާއި ވިޔަންސާގެ މަޒުހަރު އަބުދުﷲ އާއި ހުސްވި ސީޒަނުގައި ވެލެންސިއާގެ ގޯލު ބެލެހެއްޓި އިބްރާހީމް އިފްރާހު އަރީފާއި ވިކްޓަރީއަށް ކުޅުނު ޑިފެންޑަރު އިބްރާހީމް ޝިނާޒް އަދި ވިޔަންސާގެ ކެޕްޓަން އަހުމަދު ޒާދު ހިމެނެ އެވެ.