07 Jan 2013, 15:29
ގދ. ފަރެސްމާތޮޑާ ސިއްހީ ސިއްހީ މަރުކަޒުގެ ތިޖޫރީގައި ހުރި 28،000ރ. އަށް ވުރެ ގިނަ ފައިސާއާ އެކު ތިޖޫރި ވަގަށް ނަގައިފި އެވެ.
އެ ރަށު ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މުހަންމަދު ވަހީދު ވިދާޅުވީ ފަރެސްމާތޮޑާ ހިއްކި ސަރަހައްދުގައި ހުންނަ ސިއްހީ މަރުކަޒުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން ވަދެ ވަގަށް ގެންދިޔަ ތިޖޫރީގައި 28،883.28ރ. ކަމަށެވެ. އޭނާ ވިދާޅުވީ ސިއްހީމަރުކަޒުގެ އޮފީސްބައިގައި ހުރި ތިޖޫރީ ވަގަށް ގެންގޮސްފައިވަނީ ރޭ 12:00ގެ ފަހުން މަރުކަޒު ބަންދުކޮށްފައި ވަނިކޮށް ކަމަށެވެ.
"ރޭ ބާރަ އާ ހެނދުނު ހައަކާ ދޭތެރޭ އެކަން ކޮށްފައިވަނީ. މިތާންގައި ވޮޗަރެއް އިންނާނެ. އެކަކު އިންނާނީ. އޭނަގެ ޗުއްޓީ ދުވަހު ވަންކަން ކޮށްފައި މިވަނީ،" ވަހީދު ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އުމުރުން 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރޭ ސިއްހީމަރުކަޒުގެ ތިޖޫރީ ވަގަށް ގެންދިޔައިރު، އެރަށުގައި މަސައްކަތް ކުރާ ބިދޭސީ މީހަކަށް ތޫނު އެއްޗަކު ބިރުދައްކައި ވަނީ ފޭރެން މަސައްކަތް ކޮށްފަ އެވެ.
ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް މުހައްމަދު އައްސަދު ވިދާޅުވީ ރޭ 8 އާއި 9 އާ ދޭތެރޭ ހިނގި އެހާދިސާގައި މޫނު ނިވާކޮށްގެން ތިބި ދެމީހަކު ބިދޭސީ މީހާއާ ދިމާކުރުމަށްފަހު ފޭރެން މަސައްކަތް ކުރި ކަމަށެވެ.
"އަނިޔާއެއްނުވޭ އެހާދިސާގައި އޭނައަކަށް. އެމީހުންގޮސް ވަޅި ޖެއްސީމައި އޭނަ ހަޅޭލަވާގަތް އަޑަށް ގެތަކުގެ މީހުން ނުކުތީމައި އެދެމީހުން ފިލައިފި،" އައްސަދު ވިދާޅުވި އެވެ.
ފަރެސް އަވަށުގައި ރޭ ހިނގި އެހާދިސާގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. އައްސަދު ވިދާޅުވީ ފެބްރުއަރީ އަށެއްގެ ފަހުން އެރަށުން ފުލުހުން ފައިބައިގެން ދިޔަފަހުން މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.
"އަސްލު މައްސަލައަކީ މަސްތުވާތަކެތި. އެކަމާހެދި ހުރިހާ ކުށެއް އެބަކުރޭ. އެފަދަ ކަމެއް ނުހިނގާ ދުވަހެއްނުދޭ. ވައްކަން އާންމުވީމަ އާންމުން އެކަން ނަގަނީވެސް އާދައިގެ ކަމަކަށް. ކައުންސިލަށް އެކަން އަންގާކަށް ބޭނުމެއްނުވޭ،" އައްސަދު ވިދާޅުވި އެވެ.