07 Jan 2013, 15:11
އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް ފީފާއިން ދޭ ބެލޮންޑިއޯ އެވޯޑް މިރޭ ހޮވާއިރު، މިއެވޯޑް ލިބޭނެ ކުޅުންތެރިޔަކީ ކާކު ކަން ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. އެކި ކުޅުންތެރިންނާއި ކުރީގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން ކޯޗުންގެ ހިޔާލުތައް ވެސް ތަފާތެވެ.
ބައެއް މީހުންގެ ނަޒަރުގައި މިއެވޯޑު ހަތަރުވަނަ ފަހަރަށް ބާސެލޯނާގެ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ގެންދާނެކަމަށް ބުނަމުންދާ އިރު، އަނެއް ބަޔަކު ބުނަނީ މިއަހަރުގެ އެވޯޑް ހޯދާނީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއަން ރޮނާލްޑޯ ކަމަށެވެ. އަދި ބާސާގެ ސްޕެއިން ތަރި އަންދްރޭސް އިނިއެސްޓާ އަށް އެވޯޑް ލިބޭނެ ކަމަށް ބުނަމުންދާ މީހުން ވެސް މަދެއް ނޫނެވެ. އެހެންކަމުން މިއެވޯޑް ލިބޭނެ ކުޅުންތެރިޔާ އާއި މެދު އެކި ކުޅުންތެރިންނާއި ކުރީގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން ކޯޗުންގެ ހިޔާލު ބަލައިލުން މުހިންމެވެ.
ބާސާގެ ތަރި މެސީ އާއި މެދު މަޝްހޫރު ބައެއް ކުޅުންތެރިންނާއި ކޯޗުންގެ ޚިޔާލު:
އާޖެންޓީނާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަލްފިއޯ ބަސްލް ބުނީ، "މެސީ އާއި އެއްވެސް އެހެން ކުޅުންތެރިޔަކާ އަޅުވާކިޔޭކަށް ނެތް. ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މޮޅު އިންސާނީ ފުޓްބޯޅަ ކުޅުންތެރިއެއް. ނަމަވެސް މެސީ އަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިއެއް. އޭނާ ބޯޅަ ނެތި ދުވާ ވަރަށްވުރެ ބާރަށް ބޯޅައާއެކު ދުވެވޭ. ހީވަނޯ މެސީ އެހެން ކުޅިވަރެއް ކުޅޭހެން. އެގޮތަށް އެއް ބާރު މިނެއްގައި ކަމެއް ކުރުމަކީ ނުވާނެ ކަމެއް."
ޖަރުމަންގެ ކުރީގެ ތަރި ގާޑް މުލާ އަހަރަކު ކާމިޔާބުކުރި ލަނޑުގެ ރެކޯޑް މެސީ މުގުރާލުމުން މުލާ ބުނީ، "އަހަރެންގެ ރެކޯޑް ސާޅީސް އަހަރު ވަންދެން ދެމިއޮތް. 60 މެޗުން 85 ގޯލް. އަދި މިހާރު އެ ރިކޯޑް އެމުގުރާލީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. މެސީ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ އަކީ ވަރަށް ރަނގަޅު ޕްރޮފެޝަނަލް ކުޅުންތެރިއެއް. ކުރިއަށް އޮތް ސާޅީސް އަހަރަށް އެ ރިކޯޑް ދެމިއޮންނާނެ ކަމަށް އަހަރެން އުންމީދުކުރަން."
ބްރެޒިލް ގައުމީ ޓީމްގެ ކާމިޔާބީ ކޯޗް ލުއިޒް ފިލިޕޭ ސްކޮލާރީ ބުނީ، "ބައެއް މީހުން ރޮނާލްޑޯ ދެކެ ރުޅި އަންނަނީ އޭނާ އަކީ މޮޅު ކުޅުންތެރިއަކަށް ވާތީ. އޭގެ އިތުރުން އޭނާ ރީތި ވީމަ. ރޮނާލްޑޯގެ ހަޔާތުގެ އެންމެ ބޮޑު ދެރައަކީ މެސީ. މެސީ ނެތްނަމަ، މިހާރު ރޮނާލްޑޯ ޖެހިޖެހިގެން ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން ހޯދީސް."
އާޖެންޓީނާ ގައުމީ ޓީމްގެ ކޯޗް އެލްޖެންޑްރޯ ސަބެއްލާ ބުނީ، "މެސީ ދަނޑުމަތީގައި ދައްކާ ކުޅުމުން ރޯޔަލް ސްޕެނިޝް އެކެޑަމީން އޭނާ އަށް ހާއްސަ ނަމެއް ދޭން ވިސްނަން ޖެހޭ."
ބާސާގެ ކުރީގެ ފޯވާޑް ސެމުއެލް އެޓޫ ބުނީ، "ނެސީ ވަރުގެ ކުޅުންތެރިއެއް ނެތް. އާޖެންޓީނާއާ އެކު މެސީ ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ކަމަށް އުންމީދުކުރަން."
ބާސާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ، "ބާސްކެޓްބޯޅާ ގައި މައިކަލް ޖޯޑަން ކުރަމުން ދިޔަ ކަންތައް، މެސީގެ ކުޅިވަރުން އޭނާ އެކުރަނީ އެކަންތައް. ތާރީހުގައި މައިކަލް ޖޯޑަން އާއި މެސީ ކުރަމުންދާ ކަންތައް ކުޅިވަރެއްގައި ވަރަށް މަދު ބަޔަކަށް ނޫނީ ނުކުރެވޭނެ. މެސީ އާއި ވާދަކުރަމުންދާ ކުޅުންތެރިންނާއި ދޭތެރޭ އަހަރެން ވަރަށް ދެރަވަން. މެސީ އަކީ ތަފާތު ކުއްޖެއް. މެސީ ހަމައެކަނި ގިނަ ލަނޑުތަކެއް ކާމިޔާބު ކުރަނީކީ ނޫން. މުހިންމު ގިނަ ލަނޑުތަކެއް ވެސް އޭނާ ކާމިޔާބުކުރޭ."
މެޑްރިޑްގެ ތަރި ރޮނާލްޑޯ އާއި މެދު މަޝްހޫރު ބައެއް ކުޅުންތެރިންނާއި ކޯޗުންގެ ޚިޔާލު:
ކުރީގެ ޕޯޗުގަލް ގައުމީ ޓީމްގެ ކޯޗް އަދި މިހާރުގެ އިރާން ގައުމީ ޓީމްގެ ކޯޗް ކާލޮސް ކުއޭރޮޒް ބުނީ، "ޕޯޗުގަލް ގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކިޔާ ފުޓްބޯޅަ ގައުމީ ޓީމެއް އެބައޮތް. އެ ޓީމުގައި ހިމެނޭ ކުޅުންތެރިން ދަނީ އޭނާގެ ފަހަތުން މަސައްކަތް ކުރަމުން."
ސްޕެއިން ގައުމީ ޓީމްގެ ކުރީގެ ކޯޗް އެމީލިއޯ ބުޓްރަގުއެނޯ ބުނީ، "ކްރިސްޓިއާނޯ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާގެ ސްޓައިލް އަކީ ތަފާތު ސްޓައިލެއް. ކްރިސްޓިއާނޯ އަކީ އެއް ދުވަހަކަށް ވުރެ، އަނެއް ދުވަހަކު ކުޅުން ރަނގަޅު ކުރުމަށް ބޭނުންވާ ކުޅުންތެރިއެއް. އޭނާގެ ކިބާގައި ގޯލް ޖެހުމުގެ ބޮޑު ހުނަރެއް އެބަހުރި. އޭނާ އަކީ މެޑްރިޑްގައި ޖާޒީގައި ކުޅެމުންދާ ދުނިޔޭގެ އެންމެ މޮޅު ފޯވާޑް."
މެންޗެސްޓަރ ޔުނައިޓެޑްގެ ކާމިޔާބީ ކޯޗް ސަރ އެލެކްސް ފާގަސަން ބުނީ، "ރޮނާލްޑޯ އަކީ ގަބޫލުކުރަން ދަތި މޮޅު ކުޅުންތެރިއެއް. އަހަރެމެންގެ ތެރޭގައި މޮޅެތި ކުޅުންތެރިންތަކެއް އެބަތިބި. ނަމަވެސް އޭގެ ތެރެއިން އެންމެ މޮޅީ ރޮނާލްޑޯ. އޭނާގެ ކިބާގައި ގުދުރަތީ މޮޅުކަމެއް އެބަހުރި. އޭނާ އަކީ ތަފާތު މަގާމުތަކެއްގައި ބޭނުން ކުރެވިދާނެ ކުޅުންތެރިއެއް. ރޮނާލްޑޯ އަކީ އެރިކް ކެންޓޯނާ ފަދަ މޮޅު ކުޅުމެއް ދައްކަމުންދާ ކުޅުންތެރިއެއް. އަދި އޭނާ އަކީ މެޑްރިޑަށް ވަރަށް މުހިންމު ކުޅުންތެރިއެއް."
ކުރީގެ ޗެލްސީގެ ކޯޗު އަދި ނުވަދިހައިގެ އަހަރުތަކުގައި ފޯވާޑެއްގެ ގޮތުގައި ފެނުނު ރޫޑް ގުލިޓް ބުނީ، "ރޮނާލްޑޯގެ ފަރާތުން އެ ފެންނަނީ ކުރިން ޑޭވިޑް ބެކަމްގެ ފަރާތުން ފެނުނު ކަންތައްތައް. މީހުން އެމީހުންނާއި މެދު ފާޑުކިޔަނީ އެމީހުންގެ ސިފަ ރީތިކަމުން. ނަމަވެސް އަހަރެންނަށް އެންމެ މޮޅު ކުޅުންތެރިޔަކީ ރޮނާލްޑޯ. އޭނާ އަކީ އަވަސް، ދިގު، ބޮލަށް ރަނގަޅު، ޓެކްނިކަލީ ގޮތުން ރަނގަޅު، ޕެނަލްޓީ އާއި ހިލޭ ޖެހުންތަކަށް ރަނގަޅު ކުޅުންތެރިއެއްގެ އިތުރުން ލީޑަރެއް. އަހަރެން ނަޒަރުގައި އެންމެ މޮޅު ކުޅުންތެރިޔަކީ ރޮނާލްޑޯ."
ޔޫރޯ 2012 ގައި ރޮނާލްޑޯ އާއި ބެހޭގޮތުން އާޖެންޓީނާގެ ކުރީގެ ތަރި ޑިއެގޯ މެރަޑޯނާ ބުނީ، "ރޮނާލްޑޯ ދިޔައީ ގައުމީ ޓީމާއެކު ރަނގަޅު ފޯމެއް ހޯދަން ވަރަށް މަސައްކަތް ކުރަމުން. އަހަރެންގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި މެސީ އަށް ކުރިން ބެލިއިރު، ޕޯޗުގަލް ގައުމީ ޓީމަށް ރޮނާލްޑޯ ދެއްކި ކުޅުމާއި މެދު ހިތްހަމަ ނުޖެހުން. ނަމަވެސް ޔޫރޯގައި މުހިންމު ލަނޑުތަކާއި އެކު ރޮނާލްޑޯ ވަނީ ގިނަބަޔަކު ސިއްސުވާލާފައި. އޭނާ ވަނީ ޕޯޗުގަލްގެ ކުޅުންތެރިންނަށް މިފަހަރުގެ ބެލޮންޑިއޯ އެވޯޑް ހައްގުވަނީ ރޮނާލްޑޯ އަށް ކަން ސާބިތުކޮށްދީފަ."
ޕޯޗުގަލް ގައުމީ ޓީމްގެ ކުރީގެ ފޯވާޑް ނޫނޯ ގޮމޭޒް ބުނީ، " މެސީ އަކީ މޮޅު ކުޅުންތެރިއެއް. ނަމަވެސް އަހަރެންނަށް އެންމެ މޮޅު ކުޅުންތެރިޔަކީ ކްރިސްޓިއާނޯ. އޭނާ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވަނީ ކްރިސްޓިއާނޯ އަކީ އެންމެ ފުރިހަމަ ކުޅުންތެރިޔާ އަށް ވާތީ. އޭނާ އަކީ އަވަސް، ވަރުގަދަ، ފެންވަރު ރަނގަޅު ޓީމުން ޑިފެންސް ކުރާނަމަ އެކަމުގައި ވެސް ބައިވެރިވާ ކުޅުންތެރި އެއް. އަހަރެން ދުވަހަކު ވެސް ކްރިސްޓިއާނޯ ވަރުގެ ފުޓްބޯޅަ މެޝިނެއް ނުދެކެން. މިހާރު ފުޓްބޯޅަ ވަނީ ވަރަށް ބޮޑަށް ބަދަލު ވެފައި. ކުރީގެ ތަރިންގެ ތެރޭގައި ހިމެނޭ ޕެލޭ، ޑި ސްޓެފަނޯ އަދި މެރަޑޯނާ އަށް އެކަން ކުރެވުނު ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. ކްރިސްޓިއާނޯގެ ފެންވަރެއް އެމީހުންނަކަށް ނުދެއްކޭ."
ބާސާގެ ތަރި އިނިއެސްޓާ އާއި މެދު މަޝްހޫރު ބައެއް ކުޅުންތެރިންނާއި ކޯޗުންގެ ޚިޔާލު:
ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ބޮރިސް ބެކާ ބުނީ، "އެއްވެސް ޝައްކެއް ނެތްގޮތުގައި ދުނިޔޭޣެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބެންޖެހޭނީ އިނިއެސްޓާ އަށް. ބާސާގައި ހުރެ ރަނގަޅު ކުޅުމަކާއި ތަށިތައް ކާމިޔާބުކުރުމަކީ އުނދަގޫ ކަމެއް ނޫން. ނަމަވެސް ގައުމީ ޓީމްގައި އެ ފެންވަރު ދެއްކުމަކީ އުނދަގޫ ކަމެއް. އެވަރުގެ ފެންވަރެއް ކުރިން ދެއްކުނީ ޕެލޭ، މެރަޑޯނާ އަދި ޒައިނެދިން ޒިދާން އަށް. އެހެންވެގެން މެސީ އަދި ރޮނާލްޑޯގެ ބަދަލުގައި އިނިއެސްޓާ އަކީ އަހަރެންގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ. މެސީ އާއި ރޮނާލްޑޯ އަށް ގިނަ ލަނޑުތަކެއް ކާމިޔާބުކުރެވުނު ނަމަވެސް އެ ދެކުޅުންތެރިންނަށް ގައުމީ ޓީމާއެކު އެއްވެސް ކާމިޔާބީއެއް ނުލިބޭ."
މެންޗެސްޓަރ ސިޓީގެ ސްޕެއިން ތަރި ޑޭވިޑް ސިލްވާ ބުނީ، "ނޫސްވެރިން އަހަރެން ކައިރީ އަބަދުވެސް އަހަނީ ރޮނާލްޑޯ އާއި މެސީގެ ތެރެއިން ބެލޮންޑިއޯ ކާމިޔާބުކުރާނީ ކާކު ހޭ. ނަމަވެސް އަހަރެންނަށް އެންމެ މޮޅު ކުޅުންތެރިޔާ އަކީ އިނިއެސްޓާ. އޭނާ އަށް އުނދަގޫ ކިތަންމެ ކަމެއް ދަނޑު މަތީގައި ކުރެވިދާނެ. އޭނާ ބޯޅައާއެކު ގިނަ ޖާދޫ ތަކެއް ދައްކާ."
ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) ގެ ކުރީގެ ކޯޗު ލުއިސް ފެނާންޑޭޒް ބުނީ، "މެސީގެ ގިނަ ވާހަކަތަކެއް ހުރި ނަމަވެސް އިނިއެސްޓާގެ ގިނަ ވާހަކަތަކެއް ނެތް. ނަމަވެސް އިނިއެސްޓާ އަށް ބެލޮންޑިއޯ އެވޯޑް ލިބޭނެ ކަމަށް އަހަރެން އުންމީދު ކުރަން. އޭނާގެ ފުޓްބޯޅަ ކެރިޔަރުގައި ބާސާ އަށާއި ސްޕެއިން ގައުމީ ޓީމަށް ދެއްކި ކުޅުމާއެކު އެ އެވޯޑް ހައްގު. އޭނާ ހުރިހާ ކަމެއްވެސް ކުރަނީ ރަނގަޅަށް. އިނިއެސްޓާގެ ފަރާތުން މަދު ލަނޑުތަކެއް ފެނުނު ނަމަވެސް އޭނާ ގިނަ ފުރުސަތުތަކެއް ގިނަ ކުޅުންތެރިންތަކަށް ހޯދައިދޭ. ބޯޅަ ލިބުމުން އިނިއެސްޓާ އަކީ ޖާދޫ ގަރެއް."
"އިނިއެސްޓާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ ދަނޑު މަތީގައި ކޮމާންޑް ކުރަނީ އިޚްތިރާމާ އެކު. ފުޓްބޯޅަ ދެކެ ލޯބިކުރާ ކުޅުންތެރިއެއްގެ ގޮތުން އަހަރެން ބުނާނީ އިނިއެސްޓާއާ އެކު ކުޅެވޭތީ އުފާކުރަމޭ. އާނާއަކީ ތަފާތު. އިނިއެސްޓާ އަށް އެއްވެސް ކުޅުންތެރިއަކަށް ނުކުރެވޭ ފަދަ ކަންތައްތައް ކުރެވޭ."
ބޮކާ ޖޫނިއަސްގެ އާޖެންޓީނާ ޕްލޭމޭކަރު ހުއާން ރޯމަން ރިކޭލްމީ ބުނީ، "އަހަރެން އިނިއެސްޓާގެ ކުޅުމަށް ބަލާފައި މި އުމުރުގައި ވެސް ތަފާތު ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ކަން އެނގޭ."
ޗެލްސީގެ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭސް ބުނީ، "އިނިއެސްޓާ އަށް ބޯޅަ ލިބުމުން ހީވަނީ އެހެން ހުރިހާ އެއްޗެއް ހުއްޓޭހެން. ހީވަނީ ކެމެރާ އިން ސްލޯ މޯޝަންގައި ފެންނަހެން. އަހަރެން އިނިއެސްޓާއާ އެކު އަހަރެމެންގެ އުމުރުން ފަނަރަ އަހަރުން ފެށިގެން މިދަނީ އެކުގައި ކުޅެން. އަހަރެންނަށް ދުވަހަކު ވެސް އިނިއެސްޓާގެ ފަރާތުން ދަށް ކުޅުމެއް ފެންނަ ދުވަހެއް ނާދޭ."
މިހުރިހާ ކުޅުންތެރިންނާއި ކޯޗުންގެ ހިޔާލު ތަފާތުވާ އިރު، ފުޓްބޯޅަ އަށް ލޯބިކުރާ ކޮންމެ ސަޕޯޓަރެއްގެ ޚިޔާލު ވެސް މުޅިން ތަފާތުވާނެ އެވެ. ކޮންމެ ކުޅުންތެރިއެއް ވެސް ބޭނުންވާނެ އެއް ކަމަކަށް ވާނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމެވެ.
މިއެވޯޑަށް ޝޯޓްލިސްޓް ކުރެވިފައިވާ ތިން ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާ ހޮވާނީ ވޯޓަކުންނެވެ. މި ވޯޓުގައި ބައިވެރިވެރި ވެވޭނީ ކޯޗުންނާއި، ގައުމީ ޓީމްގެ ކުޅުންތެރިންނާއި އަދި ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ނޫސްވެރިންނަށެވެ. ފީފާ ބެލޮންޑިއޯ އެވޯޑް ލިބޭނެ ކުޅުންތެރިޔާ ރާއްޖޭ ގަޑިން މިރޭ 11:00 ގައި ބާއްވާ ހާއްސަ ރަސްމިއްޔާތުން އެނގިގެން ދާނެއެވެ.