އެރީނާ ލީގު ފުޓްބޯލްގެ ޓަމްޕާ ބޭ ސްޓޯމް އަށް ކުޅޭ އެމެރިކަން ފުޓްބޯލް ކުޅުންތެރިޔާ ޗެންޑްލާ ވިލިއަމްސް، މިދިޔަ ހޮނިހިރު ދުވަހު މެޗެއްގައި ކުޅެމުން ދަނިކޮށް މަރުވެއްޖެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

އެމެރިކަން ފުޓްބޯލް ލީގު (އޭއެފްއެލް) އިން އާދިއްތަދުވަހު ބުނެފައިވަނީ އުމުރުން 27 އަހަރުގެ ވިލިއަމްސް މަރުވެފައި ވަނީ ދެކުނު ފްލޮރިޑާއި ލޯކަލް ފްލެގް ފުޓްބޯޅަ ޓޯނަމެންޓް މެޗެއްގައި ކުޅެމުން ދަނިކޮށް ކަމަށެވެ. އެހެން ނަމަވެސް އޭނާމަރުގެ އިތުރު ތަފްސީލެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

ވިލިއަމްސް ކުޅެފައިވާ ޓީމުތަކުގެ ތެރޭގައި މިއާމީ ޑޮލްފިންސް، އެޓްލާންޓާ ފަލްކޮންސް އަދި ކެންސަސް ސިޓީ ޗީފްސް ހިމެނެ އެވެ. އަދި އޭނާ ވަނީ ކެނޭޑިއަން ފުޓްބޯލް ލީގުގެ ޓޮރޮންޓޯ އާގޮނޯޓްސް އަށްވެސް ކުޅެދީފަ އެވެ.

އޭއެފްއެލް އިން ނެރުނު ސްޓޭޓްމަންޓެއްގައި ޓަމްޕާ ބޭ ސްޓޯމް ޓީމުގެ ޕްރެޒިޑެންޓް ޑެރިކް ބުރޫކްސް ބުނެފައިވަނީ "ޗެންޑްލާގެ މަރުގެ ހަބަރު އަޑުއެހީ ކުއްލި ސިހުމަކާއި ހިތާމަޔާ އެކު" ކަމަށާއި އަދި "އަހަރެމެންގެ ހެޔޮދުއާތައް ވަނީ އޭނާގެ އަންހެނުން ވެނިޓިއާ ހެރިގަންސް އާއި އަންހެން ދަރިފުޅު ޓޯރީ ވިލިއަމްސް އާއި މުޅި އާއިލާއާ އެކުގައި" ކަމަށެވެ.