07 Jan 2013, 14:56
އިންޑިއާގެ ގައުމީ ދޫންޏެއް ކަމުގައިވާ ސާމަރާ ދޫނީގެ ފަތްތަކެއްގެ މައްސަލާގައި އިންޑިއާގައި ހައްޔަރުކުރި ދިވެހި ޒުވާނެއްގެ އަތުން ފެނިފައިވަނީ ފޭކް ފަތްތަކެއް ކަމަށް އާއިލާއިން ބުނެފި އެވެ.
އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު މިއަދު ބުނި ގޮތުގައި އެމައްސަލާގައި 23 އަހަރުގެ ޒުވާނާ ހައްޔަރުކުރުމަށްފަހު، އޭނާ އިންޑިއާގެ ފުލުހުންގެ އިދާރާއަށް ގެންދިއުމަށްފަހު، އޭނާގެ އަތުން ފެނިފައިވާ ފަތްތަކަކީ ސާމަރާ ދޫނީގެ ފަތްތޯ ބެލުމަށް އިންޑިއާގެ ވައިޑްލައިފް އާ ބެހޭ މުއައްސަސާއަކުން ބެލިއިރު އެފަތްތަކަކީ ސާމަރާދޫނީގެ ފަތް ގޮތަށް ހަދާފައި ހުރި "ފޭކް" ފަތްތަކެއް ކަމަށެވެ. ނަމަވެސް އެމައްސަލާގައި ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާތޯ މަސައްކަތް ކުރި ނަމަވެސް އެފުރުސަތު ނުދީ އޭނާގެ ބަންދުގެ މުއްދަތަށް 14 ދުވަސް ޖަހާދީފައިވާ ކަމަށެވެ.
އެމައްސަލަ މިހާރު އިންޑިއާގެ ކަސްޓަމްސްއިން ވިތްޑްރޯކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެމައްސަލާގައި އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުންގެ އިދާރާއަށް ގެންދިއުމަށްފަހު، އެމީހުން ވަނި އެއީ އަސްލު ފަތްތޯ ބެލުމަށް އިންޑިއާގެ ވައިލްޑް ލައިފްއާ ބެހޭ ބަޔަކު ގެނެސްގެން ބަލައިފައި، އެމީހުން ބުނެފައިވަނީ އެއީ ފޭކް ފަތޭ، މިހާތަނަށް ވެސް ބޭލްއައުޓެއް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާއިރު އާއިލާއަށް އެނގިފައިވާ ގޮތުގައި އެމައްސަލަ މިހާރު ވަނީ ވިތްޑްރޯކޮށްފައި،" އާއިލާއިން ވާހަކަދެއްކި ގާތް މީހަކު ބުންޏެވެ.
އާއިލާގެ ފަރާތުން ވަނީ އެމައްސަލާގައި އެތައް ފަހަރެއްގެ މަތިން ފޮރިން މިނިސްޓްރީގެ އެހީތެރިކަމަށް އެދިފަ އެވެ. ނަމަވެސް މިހާތަނަށް ވެސް ފޮރިން މިނިސްޓްރީން އެކަމުގައި މާބޮޑު އެއްބާރުލުމެއް ލިބިފައިނުވާ ކަމަށާއި މައްސަލައިގައި ކުރިއަށްދާން ވީ ގޮތުގެ މައުލޫމާތު ދީފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ކަމަށް އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
އިންޑިއާގެ ކަސްޓަމްސުން އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖެ އައުމަށް ފުރަން ވެގެން ގޮސް އެއާޕޯޓްގެ ހުރިހާ ދިމާއަކުން ވެސް ޗެކިން ހެދުމަށްފަހު، ބޯޓަށް އަރަން އުޅެނިކޮށެވެ. އަދި އެފަތްތައް އޭނާ ރާއްޖެ ގެނައުމަށް މަސައްކަތް ކޮށްފައިވަނީ ހަލާކުވެދާނެތީ ކޮތަޅަކަށް ލައިގެން އަތުން ހިފައިންގެ ކަމަށް ވެސް ވެ އެވެ.