07 Jan 2013, 14:51
ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވާ ތަރައްގީ ކުރުމަށް އެހީދޭ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ހެލްތް މިނިސްޓަރު ޑރ. އަހްމަދު ޖަމްޝީދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީ އޮފް ހެލްތާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގުޅިގެން ރާއްޖޭގައި ސިއްހީ ކަންކަމަށް ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ކުރާ ހޭދައިގެ އަންދާސީ ހިސާބު ބެލުމަށާއި، ވަސީލަތްތަށް ބެހިގެންދާ ގޮތް ދެނެގަތުމަށް "ނޭޝަނަލް ހެލްތް އެކައުންޓްސް ސާވޭ" ގެ ނަމުގައި ކުރި ސާވޭގައި އެއްކުރެވުނު މައުލޫމާތުތައް ކަމާއި ގުޅޭ މުއައްސަސާ ތަކާއި ހިއްސާ ކުރުމަށް ހެލްތް މިނިސްޓްރީގެ ފަރާތުން ޓްރޭޑާސް ހޮޓެލްގައި މިއަދު ފެށި އެއްދުވަހުގެ ވޯކްޝޮޕް ފައްޓަވާ ދެއްވުމަފަހު ބައިވެރިންނާއި މުޚާތަބު ކުރައްވާ ޖަމްޝީދު ވިދާޅުވީ އިގްތިސޯދީ ރޭހުގައި ރާއްޖެއާއި އެއް ހަމައެއްގައި ދުވެލި ހުރި ގައުމު ތަކަށް ލިބޭ އެހީތެރިކަމާއި އަޅާބަލާއިރު ރާއްޖެ އަށް އެހީދޭ ފަރާތްތަކުގެ ނިސްބަތް އުޅެނީ އެންމެ ތިން ޕަސެންޓްގައި ކަމަށެވެ. އަދި އެ އަދަދަކީ ވަރަށް މަދު އަދަދެއް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކުރި ސާވޭ އިން ދައްކާ ގޮތުގައި [ޑޯނާސް ފަންޑް] އެހީދޭ ފަރާތްތަކުގެ ހިއްސާ މިއުޅެނީ އެންމެ ތިން ޕަސެންޓުގައި. އެއީ ސިއްހީ ދާއިރާ ކުރިއަރުވަން ބަލާއިރު ވަރަށްވެސް މަދު އަދަދެއް،" ޖަމްޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިއްހީ ދާއިރާގައިހުރި ގިނަ މައްސަލަތަކެއް އެ ސާވޭ އަށްފަހު ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާއަށް ކުރާ ޚަރަދުތައް ދެނެގަތުމާއި، އެ ޚަރަދުތައް ކުރުމުގައި އިތުރަށް ސަމާލްވާން ޖެހޭ ގިނަ ކަންތައްތަކެއްވެސް ސާވޭގެ އެހީގައި ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެފަދަ މުހިއްމު ދާއިރާއެއް ކުރިއަރުވަން އެހީދޭ ފަރާތްތަކުގެ މަދުކަމުން އެކަމަށް ހުރަސްތަކެއް ދިމާވެފައިވާކަން ސާވޭއިން ހާމަވެފައިވާ ކަމަށެވެ.