ކ. ހިންމަފުށީގައި ހުރި މަސްފެކްޓްރީގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ފެކްޓަރީ އަނދައިގެން ދިޔައިރު އެތަނުގެ ތެރޭގައި ހުރި 36 ޓަނުގެ މަސް ވެސް އަނދާ ހުލިވެފައިވާ ކަމަށް އެ ފެކްޓްރީން ބުނެފި އެވެ.

ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އަލިފާނުގެ ބޮޑު އެހާދިސާ ހިނގިއިރު، ތާޒާ މަހުގެ ގޮތުގައި 16 ޓަނުގެ މަސް ފެކްޓްރީތެރޭ ހުންނާނެ ކަމަށާއި އަދި ރާއްޖޭން ބޭރަށް ފޮނުވުމަށް ތައްޔާރުކޮށްފައި ހުރި 20 ޓަނުގެ ފްރޯޒަން މަސް އެތާތެރޭ ހުންނާނެ ކަމަށެވެ. މަސް ބަންދުކުރުމުގެ މަސަކަތްވެސް ކުރިއަށްދަނިކޮށް، އަލިފާނުގެ ހާދިސާ ހިނގީ އެއާޕޯޓަށް ގެންދަން މަސްތައް ދޯންޏަށް އަރުވަމުން ދަނިކޮށް ކަމަށާއި އެގޮތުން ފުރަތަމަ ޓަނު ލޯޑު ކުރުމަށްފަހު ދެވަނަ ޓަނު ލޯޑު ކުރަން ބަލައިދިޔައިރު ހުރީ ފެކްޓްރީގައި އަލިފާން ރޯވެފައި ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އަންދާޒާ ކުރެވޭ ގޮތުގައި އެވަގުތު ފެކްޓްރީގެ ތޭރަލައްކަ ފަންސަވީސްހާސް ރުފިޔާގެ މަސް ހުންނާނެ ކަމަށެވެ.

ދިވެހި ބަޔަކާއި ބޭރު ބަޔަކު ގުޅިގެން ހިންގާ މޯލްޑިވްސް ކޮލިޓީ ސީ ފުޑް ފެކްޓްރީގައި އަލިފާން ރޯވި ސީދާ ސަބަބު ސާފުނުވި ނަމަވެސް، މިހާތަނަށް ބެލެވިފައިވަނީ އެހާދިސާ ހިނގީ ކަރަންޓް ސޯޓެއް ވެގެން ކަމަށް އެ މުވައްޒަފު ބުންޏެވެ. އޭނާ ބުނީ ފުރަތަމަ އަލިފާން ރޯވި ކޯލްޑް ސްޓޯރޭޖް އައުޓްޑޯ ޔުނިޓްގެ ތެރޭގައި ކަމަށާއި އޭރު އެތަނުގެ ތެރޭ 3،000 ފުޅިމަދުފޮށި ވެސް ހުންނާނެ ކަމަށެވެ.

އޭނާ ބުނީ އަލިފާން ރޯވި ވަގުތު ފެކްޓްރީގައި މަސައްކަތް ކުރާ 88 މުވައްޒަފުގެ ތެރެއިން 78 މުވައްޒަފަކު މަސައްކަތުގައި ތިބި ކަމަށެވެ. އޭގެ ތެރޭގައި އެންމެ ދިވެއްސެއް ފިޔަވައި ދެން ތިބީ ހުސް ބިދޭސީ މުވައްޒަފުން ކަމަށްވެސް އޭނާ ބުންޏެވެ. އަދި އަލިފާން ރޯވި ވަގުތަކީ މެއިންޓެނެންސް މީހުން އިންޖީނެއްގެ އަޑީތެޔޮ ބަދަލުކުރަމުން ދިޔަ ވަގުތެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވެ ވަނީ ސަލާމަތް ވެފައެވެ.

އިއްޔެ ހެނދުނު 10:40 އެހާއިރު ހިނގި އަލިފާނުގެ އެ ހާދިސާގައި މުޅި ފެކްޓްރީ އެއްކޮށް އަނދާ ހުލިވިއިރު، އަލިފާންގަނޑު ބޮޑުވުމުގެ ކުރިން އެވަގުތު އެ ސަރަހައްދަށް ފެން އެޅުމަށް ދިޔަ ބޯޓެއްގެ ޕަމްޕްތައް ބޭނުންކޮށްގެން ފެންޖަހައިދިނުމަށް އެތަށް ފަހަރެއްގެ މަތިން އެދުނު ނަމަވެސް އެމީހުން އަޅާނުލައި ދިޔައީ ކަމަށްވެސް ފެކްޓްރީގައި މަސައްކަތްކުރާ މުވައްޒަފު ބުންޏެވެ. އަލިފާން ނިންވުމުގައި އެހީތެރިވީ އެރަށުގެ ރައްޔިތުންނާއި ގިލަލަންކަން ރިސޯޓުގެ މުވައްޒަފުންނާއި އެރަށުގައި ހިންގާ ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އަދި އެހިސާބުގައި ހުރި ފެކްޓްރީ ތަކުގެ މުވައްޒަފުންނެވެ. އަދި ފަހުން ފުލުހުންނާއި ސިފައިންވެސް އަލިފާން ނިންވުމުގައި ހަރަކާތްތެރިވި އެވެ.

އަލިފާނުގެ އެ ހާދިސާ ހިނގާފައިވަނީ ފެކްޓްރީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ވެރިންތަކެއް ރާއްޖޭގައި ނެތީސް އެވެ. ބޮޑު ކަންނެލި ޕްރޮސެސްކުރާ ފެކްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ ސީދާ އަދަދެއް އަދި ސާފެއްނުވެ އެވެ.