07 Jan 2013, 14:35
ސައުތު އޭޝިޔާ ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމް ކޮށްގެން މިމަހު 17 އިން 22 އަށް ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދެ ވަނަ ސާބާ ޗެމްޕިއަންޝިޕް 2013ގައި ރާއްޖެ އިން ބައިވެރި ކުރާ ބާސްކެޓްބޯލް ޓީމުގެ ޕްރެކްޓިސް ރަސްމީކޮށް ފަށައިފި އެވެ.
މި މަހު 15 ގައި ޑާކާއަށް ފުރުމަށް ހަމަޖެހިފައިވާ ޓީމު، އަޙްމަދު ފަޔާޒު ގެ ކޯޗުކަމުގެ ދަށުގައި 17 ކުޅުންތެރިންނާ އެކު ފުރަތަމަ ޕްރެކްޓިސް ކުރިއަށް ގެންގޮސްފައި ވަނީ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.
ޕްރެކްޓިސް ފެށުމުގެ ކުރިން ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަމުގެ ރޫހު އާލާކުރުމުގެ ގޮތުން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މިމަހުގެ ދޭކުން ފަހަކަށް އދ އަރިޔަދޫ އަށް ޕިކްނިކް ދަތުރެއް ކޮށްފަ އެވެ. އަދި އެ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ޖެނެރަލް ސެކްރެޓަރީ އާރިފް ރިޒާ ވިދާޅުވި އެވެ.
ގައުމީ ބާސްކެޓް ޓީމާބެހޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން އާރިފު ވިދާޅުވީ ސާބާ ޗެމްޕިއަމްޝިޕް 2013ގައި ވާދަކުރާ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ މެއިން ސްޕޮންސަރަކަށް މިހާރު ހަމަ ޖެހިފައިވަނީ "މޯލްޑިވިއަން" ކަމަށެވެ.
އެޓީމު ޖެނުއަރީ 15ގައި ބަންގުލަދޭޝް އަށް ފުރުމުގެ ކުރިން، 17 ކުޅުންތެރިންގެ ސްކޮޑްގެ ތެރެއިން ހޮވާލެވޭ 12 ކުޅުންތެރިން އަލުން އެމްބީއޭއިން އަލުން އިއުލާނު ކުރާނެ އެވެ.