07 Jan 2013, 14:30
ބިގްފުޓް އިންޑަސްޓްރީޒް އެންޓަޕްރައިޒް އިން އިންތިޒާމްކޮށްގެން ބާއްވާ ހަތް ވަނަ މޮންސޫން މޭހެމް އިންޓަނޭޝަނަލް ސާފް ޗެލެންޖް 2013 މެލޭޝިޔާގެ ޖޮހޮރު ބާރޫގެ ދެސަރު ޕަބްލިކް ބީޗުގައި ބާއްވައިފި އެވެ.
މި މަހުގެ ހަތަރަކުން ހަޔަކަށް ކުރިޔަށް ގެންދިޔަ އެ މުބާރާތުގެ ބޮޑީބޯޑް ޑިވިޒަންގައި ވާދަކުރި ދިވެހިރާއްޖޭގެ އަލީ ހުސްރުވާން އެ ކެޓަގަރީގެ ދެވަނަ ހޯދާފައިވާއިރު ރާއްޖޭގެ އަލީ ޖާވީދު ވަނީ ތިންވަނަ ހޯދާފަ އެވެ. އަދި ރާއްޖޭގެ އިބްރާހީމް ޝިމާން އަށް ހަތަރު ވަނަ ލިބުނު އިރު އެބައިގެ އެއްވަނަ ހޯދީ މެލޭޝިޔާގެ ސަޢީދު އަލް ޙުސެއިން އެވެ.
މި އަހަރުގެ މުބާރާތާ އަޅާ ކިޔާއިރު 2012 ގައި އެ މުބާރާތުގައި ރާއްޖެއިން ވާދަކުރި ބައިވެރިން ވަނީ ވަރަށް ފުރިހަމަ ކާމިޔާބު ތަކެއް ހޯދާފަ އެވެ.
އެ މުބާރާތުގައި މެލޭޝިޔާއިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 150 ބައިވެރިން ވާދަކުރި އިރު ބައިވެރިންގެ ތެރޭގައި އިންޑޮނީޝިޔާ، ޖަޕާން، ދިވެހިރާއްޖެ، ތައިވާން، ތައިލެންޑް، ސިންގަޕޫރު އަދި އެމެރިކާގެ ރާޅާއެޅުންތެރިން ވާދަ ކޮށްފައި ވެއެވެ.
10،000 ރިންގިޓް (51400 ރުފިޔާ) ގެ ފައިސާގެ އިނާމާއި ޓްރޮފީ ހުށަހެޅިފައިވާ މުބާރާތުގައި މެންސް އޯޕަން، ވިމެންސް އޯޕަން މާސްޓާސް (35 އަހަރު އަދި މަތި)، ބޮޑީބޯޑް އަދި ސްލައިޑް ޖޭމް ލޯންގްބޯޑިން ގައި ބައިވެރިން ވާދަ ކޮށްފައި ވެއެވެ.
އަހަރަކު އެއްފަހަރު ބާއްވާ ތިންދުވަހުގެ ޓޫ-ސްޓާ އެ މުބާރާތުގެ އިވެންޓު ޕާޓްނަރުންގެ ތެރޭގައި މެލޭޝިޔާގެ ޓޫރިޒަމް މިނިސްޓްރީއާއި، ޖޮހޮރު ޓޫރިޒަމް ޕްރޮމޯޝަން ބޯޑާއި، ޖޮހޮރު ޓޫރިޒަމް ޑިޕާޓްމަންޓާއި، ސައުތު އީސްޓް ޖޮހޮރު ޑިވެލޮޕްމަންޓް އޮތޯރިޓީގެ އިތުރުން ޕުލާއި ދެސަރު ބީޗު ރިޒޯޓްސް އެންޑް ސްޕާ ހިމެނެ އެވެ.