ގައުމަކަށް ހަގީގީ މިނިވަންކަމެއް ލިބޭނީ އިގްތިސާދީ މިނިވަންކަން ލިބިގެން ކަމަށާއި ހަގީގީ ޑިމޮކްރަސީ އެއްގައި މިނިވަންކަމަކީ އިގްތިސާދީ މިނިވަންކަން ކަމަށް ނައިބް ރައީސް މުހައްމަދު ވަހީދުއްދީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ބިންގާ ފުޅާކުރުމުގެ ސިޔާސަތު ކަނޑައެޅުމުގެގޮތުން "ނޭޝަނަލް ވެލިޑޭޝަން ވޯކުޝޮޕް" ގެ ނަމުގައި އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒްކޮށްގެން ބަނޑޮސް އައިލެންޑް ރިސޯޓްގައި މިއަދު ފެށި ވޯކްޝޮޕް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވަހީދުއްދީން ވިދާޅުވީ ގައުމަކަށް އިގްތިސާދީ މިނިވަންކަން ނުލިބޭ ނަމަ ރައްޔިތުން އަބަދުވެސް ޖެހޭނީ ބޭނުންވާ އެކި ކަންކަމުގައި ސަރުކާރާއި ފޯރާމީހުންގެ ކިބައިން ސަލާން ޖަހަން ކަމަށެވެ. ވަހީދުއްދީން ވިދާޅުވީ އެނގިގެން ނުވަތަ ނޭންގި ނަމަވެސް ރާއްޖޭގައި މިހާރު ވަނީ އެފަދަ ސިޔާސަތެއް އަށަގެންފައި ކަމަށާއި އެކަންތައްތައް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލްކުރަންޖެހޭ ތަފާތު ޕާޓީތަކުން ވަޑައިގެން ތިއްބެވި ކަމުގައިވިޔަސް ތަފާތު ކުލަތަށް އަޅުގަނޑުމެނަށް ކަމުދިޔަނަމަވެސް، އަޅުގަނޑުމެންގެ ގައުމުގެ އިގްތިސާދީ ނައު ދާންޖެހޭނީ މުޅިގައުމުގެ އިގްތިސާދު އޮންނަންޖެހޭނީ މުޅި ހުރިހާ ރައްޔިތުނަށް ފައިދާ ކުރާނެގޮތެއްގެ މަތިންކަން، އަދި މިކަން އެންމެ ބޮޑަށް ގަބޫލްކުރައްވަންޖެހޭނީ އޭރަކު އޮންނަ ސަރުކާރަކުން،" ނައިބް ރައީސް ވިދާޅުވި އެވެ.

ވަހީދުއްދީން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަންވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ ހުރިހާ ރައްޔިތުންނާމެދު އެއް ހަމައަކުން ކަމަށާއި ކިތަންމެ ވަރަކަށް މަގުމައްޗަށް ނުކުމެ މުޒާހަރާކުރިއަސް އެއްވެސް ތަފާތެއް ގެންގުޅިގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އިގްތިސާދީ އެއްވެސް ކަމެއް ސިޔާސީ ކޮށްގެން ނުވާނެ ކަމަށެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ދުވެލި ރަނގަޅު މިސްރާބަކަށް އަމާޒު ކުރުމަށް އިގްތިސާދީ ސިޔާސަތުތަށް އެކަށަ އަޅަންޖެހޭ ކަމަށާއި އަދި އިގްތިސާދީ ސިޔާސަތުތައް އެކަށަ އެޅުމަށް ދިރާސާ އާއި ހެކީގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ކަނޑައަޅަން ޖެހޭ ކަމަށެވެ.

"އިގްތިސާދީ ސިޔާސަތުތަށް ބައްޓަން ކުރަންޖެހޭނީ ޖަޒުބާތުގެ މައްޗަށް ނުވަތަ ވަކިބައެއްގެ އަމިއްލަ މަސްލަހަތަށް ބުރަ ނުވެ ދުރު މުސްތަގުބަލަށް ގައުމީ ތަސައްވަރެއް އޮވެގެން އެމިސްރާބަށް ދަތުރުކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެވޯކްޝޮޕްގައި ދެމެހެއްޓެނިވި އިގްތިސާދު ޔަގީން ކުރުމަށާއި އިގްތިސާދީ ލޮޅުންތަށް މަދުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އުފެއްދުންތެރި ޒުވާނުން އުފެއްދުމަށް ކުރެވޭނެ ކަންތައްތަކާ މެދު އާއި ބޭރުފައިސާ ރާއްޖެއިން ބޭރުވެގެންދިއުން ހުއްޓުވުމަށާއި އިއާދަކުރެނިވި ހަކަތަ ބޭނުންކުރުމުގެ އިތުރުން ވިޔަފާރިތަށް ފުރާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދިމާވާ ދަތިތަށް ހައްލުކުރުމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެއް ދުވަހުގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިސޯޓްގައި ބާއްވާ އެ ވޯކްޝޮޕްގައި ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ޕަބްލިކް އެންޑް ޕްރައިވެޓް ސެކްޓާގެ ގިނަ ކުންފުނިތަކުގެ އިސްވެރިންނާއި ސަރުކާރުގެ އިސްފަރާތްތަށް ހިމެނެ އެވެ.