ރޯމިން ސިމް ބޭނުންކުރާ އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް އެސްއެމްއެސް މެދުވެރިކޮށް ބްރިޓިޝް ހައިކޮމިޝަންގެ ފޯނު ނަންބަރާއި މައުލޫމާތު ހިމެނޭ އެސްއެމްއެސް ލިބޭ ހިދުމަތެއް ވަތަނިއްޔާއިން ތައާރަފްކޮށްފި އެވެ.


ބްރިޓިޝް ހައިކޮމިޝަނާ ގުޅިގެން ވަތަނިއްޔާއިން ތައާރަފްކުރި މި ހިދުމަތާ ގުޅޭ ގޮތުން ވަތަނިއްޔާގެ މާކެޓިން މެނޭޖާ އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވީ، އެމީހުންގެ ފޯނަށް ވަތަނިއްޔާއިން "މަރުހަބާ" މެސެޖެއް ފޮނުވާނެ ކަމަށާއި އެ މެސެޖުގައި، ބްރިޓިޝް ހައިކޮމިޝަނާ ގުޅަން ބޭނުންވާ ފޯނު ނަންބަރާ އެހެނިހެން މުހިންމު މައުލޫމާތު ހިމެނޭނެ ކަމަށެވެ.


ވަތަނިއްޔާއިން ބުނިގޮތުގައި، މި ޚިދުމަތް ތައާރަފް ކުރުމުގެ ސަބަބުން، ޕާސްޕޯޓު ގެއްލުމާއި، އެކްސިޑެންޓެއްވުން ފަދަ ކުއްލި ހާލަތެއްގައި އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ބްރިޓިޝް އެމްބަސީއާ ގުޅޭނެ ކަމަށާއި އެމީހުންނަށް ދިމާވާ މައްސަލަތައް ފަސޭހައިން ހައްލުވާނެ ކަމަށެވެ.