ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގައި ދައުވާ ކުރުމަށް ފަހު އެދައުވާ އަނބުރާ ގެންދިޔުމަށް ފަހު ދެވަނަ ފަހަރަށް ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ އަލީ ވަހީދު އެ މައްސަލަ އިސްތިއުނާފު ކޮށްފި އެވެ.

އަލީ ވަހީދު އެ މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ އޭނާގެ މައްޗަށް ދެވަނަފަހަރަށް ދައުވާ ކުރުމަކީ ގާނޫނީގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އަށް ލިބިގެންވާ ބާރެއްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅިގެންނެވެ.

ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އަލީ ވަހީދުގެ ފަރާތުން މައްސަލަ ހުށަހަޅުއްވަމުން އޭނާގެ ގަނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް ފަހު، އެދައުވާ އަނބުރާ ގެންދެވުމަށް ފަހު ދައުވާ އަށް އެއްވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ދައުވާ ކުރުމަކީ ގަނޫނު އަސާސީގެ 223 ވަނަ މާއްދާއާ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ 2010 ވަނަ އަހަރު އެ ދައުވާ ކުރުމަށް ފަހު އަނބުރާ ގެންދަވައި އޭގެ ދެ އަހަރު ފަހުން ދެވަނަ ފަހަރަށް ދައުވާ ކުރުމަކީ އެއީ އިންސާފުވެރިގޮތެއް ނޫން ކަމަށެވެ.

ސުއޫދު ވިދާޅުވީ އަލީ ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މާޗް 25، 2010 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުޅުއްވި ގެކޮޅު، މުލީއާގޭ ކައިރިއަށް އެއްވެ ކުރި މުޒާހަރާ އަކާ ގުޅިގެން ކަމަށްވާއިރު، އެކަމާގުޅޭ ގޮތުން ނޫސްތަކުގައި ޝާއިއު ކޮށްފައިވާ ލިޔުންތަކަށް ބަލާއިރު އިތުރު ބަޔަކު ވެސް އެ މުޒާހަރާގައި ބައިވެރިވިކަން އެނގޭ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރު އުމަރު ނަސީރާއި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް އެ ދެ ބޭފުޅުންނާ އެކު އެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވިކަމާ އެރޭ މުލިއާގެ ގޭޓަށް އުމަރު އެރުއްވި ކަމަށް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ކަމަށާއި ނަމަވެސް އަލީ ވަހީދާ މަހުލޫފް ފިޔަވައި އެހެން ބައެއްގެ މައްޗަށް ދައުވާ ކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުއޫދުގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ ހުސެއިން ނާޝިދު ވަނީ އަލީ ވަހީދާއި މަހުލޫފްގެ މައްޗަށް ހުށަހެޅުނު ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް އަނބުރާ ގެންދަވާފައި ވަނީ ދައުވާ ނުކުރުމަށް ނިންމުމަށް ފަހު ކަމަށް ފުލުހުންގެ ފަރާތުން އަލީ ވަހީދަށް އަންގާފައިވޭތޯ އޮޅުންފިލުވުމަށް އެދިވަޑައިގެންފަ އެވެ.

ނާޝިދު ވިދާޅުވީ އަލީ ވަހީދާއި މަހުލޫފްގެ މައްޗަށް ކުރި ދައުވާ ނޮވެމްބަރު 29،2010 ގައި އަނބުރާ ގެންދަވާފައި ވަނީ ފެބްރުއަރީ 1، 2010 ގައި ސިވިލްސާވިސް ކޮމިޝަންތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ފޮނުވައި ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް ފުލުހުންނަށް އެެންގުމުން އެ މައްސަލަ ފޮނުވާފައި ނުވާތީ، ދެ އަމަލަކީ ވެސް ސިޔާސީ ދެ ފިކުރަކުން ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަކަށްވާތީ އެ ހިނދުގައި ދައުވާ އަނބުރާ ގެންދިޔުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަށް ފެނިވަޑައިގަތީ ކަމަށެވެ. އަދި ސިވިލްސާވިސް ކޮމިޝަންތެރޭގައި ހަމަނުޖެހުން ހިނގި މައްސަލަ ތަހުގީގުކުރުމަށްފަހު މިދިޔަ އަހަރުގެ މެއި 16 ވަނަ ދުވަހު ފުލުހުން ފޮނުވުމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެ ދެ މައްސަލައިގައި ވެސް ދައުވާ ކޮށްފައިވާނެ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.

އެ މައްސަލައިގައި އަލީވަހީދުގެ ފަރާތުން މިއަދު ވަނީ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އަލީ ވަހީދުގެ ވަކީލު ސުއޫދު ވިދާޅުވީ އެ މައްސަލައާ މެދު ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަން ދެން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ އަމުރަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޔޫސުފް ހުސެއިން ވިދާޅުވީ މިއަދުގެ ވަގުތެއްގައި ވަގުތީ އަމުރާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޔޫސުފް ހުސެއިން ވިދާޅުވީ މިއަދަށް ކަނޑައެޅިފައިވާ ވަގުތު ހަމަވިއިރު ދައުލަތުގެ ވަކީލު ދައްކަންހުރި ވާހަކަތަށް ނިމިފައި ނުވާތީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ފުރަތަމަ ފުރުސަތު އަރުވާނީ ދައުލަތަށް ކަމަށެވެ.