07 Jan 2013, 13:47
ކ. ހިންމަފުށީގެ ހުޅަނގު ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ޖާނީ މޯލްޑް މޯލްޑިވްސްއަށް ދޫކޮށްފައިވާ ބިން ހިންމަފުށީ ކައުންސިލުން ނަގައިފި އެވެ.
ހިންމަފުށީ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސްލިޕްވޭއެއް ހެދުމަށް ޖާނީ ވޯލްޑް މޯލްޑިވްސްއަށް ދޫކޮށްފައިވާ ބިން ހުސްކުރުމަށް ފަހު 30 ދުވަހުގެ ތެރޭގައި ބިން ކައުންސިލާ ހަވާލުކުރުމަށް 02 ޑިސެމްބަރު 2012 ގައި އަންގާފައިވާ އެންގުމާ އެއްގޮތަށް އެބިން ކައުންސިލާ ހަވާލުކޮށްފައިނުވާތީ އިއްޔެ އިން ފެށިގެން އެބިން ކައުންސިލަށް ނަގާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ ހުއްދައެއް ނެތި އެބިމުގައި އެއްވެސް ކަމެއް ނުކުރުމަށް އަންގާ އެ ސަރަހައްދުގައި ވަނީ މިހާރު ވަނީ އިއުލާނެއް ހަރުކޮށްފަ އެވެ.
ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް މިއަދު ވިދާޅުވީ ބޯޓް ޔާޑެއް ހެދުމަށް ޖާނީ ވޯލްޑަށް ހިންމަފުށިން ދޫކޮށްފައިވާ ބިމުގެ ބަދަލުގައި ތިލަފުށިން އެ ކުންފުންޏަށް އެހެން ބިމެއް ދީފައިވާ ކަމަށާއި ނަމަވެސް އެ ބިން އިއްޔެ ނެގުމާ ހަމައަށް ވެސް އެކުންފުނިން ގެންދިޔައީ އެބިން ބޭނުން ކުރަމުން ކަމަށެވެ.
"އޮޑިޓާ ޖެނެރަލްގެ ފާހަގަކުރައްވާފައި އެބަވޭ އެޓޯލްއިން ޖާނީ ވޯލްޑް މޯލްޑިވްސްއަށް ތިލަފުށިން ބިމެއް ދީފައިވާތީ ހިންމަފުށީގެ ބިން ހުސްކުރުމަށްފަހު އެޓޯލްސްއާ ހަވާލުކުރުމަށް އެމިނިސްޓްރީން އަންގަވާފައިވާކަން، އެޓޯލްސްއިން ވެސް ހޯމް މިނިސްޓްރީން ވެސް ގައުމީ އިދާރާއަށް ވެސް އެތަން ހުސްކުރެވިފައެއް ނުވޭ، އެހެންވެ އެތަނަކީ ވަކިކުރެވިފައިވާ ބިމެއް ކަމުގައިވާތީ އެބިން ކައުންސިލަށް މިނެނގީ،" ޝާން ވިދާޅުވި އެވެ.
އެބިން ހުސްކުރުމަށް އަންގައި ކައުންސިލުން ޖާބިރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ހިންމަފުށީގައި ސްލިޕްވޭއެއް ހެދުމަށް ދޫކޮށްފައިވާ ބިމަކީ 2007 ވަނަ އަހަރު އެޓޯލް މިނިސްޓްރީއާ އެ ބިން ހަވާލުކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބިން ހުސްކުރުމަށް ވެސް އެސިޓީގައި އެކުންފުންޏަށް ވަނީ އަންގާފަ އެވެ.
މީގެއިތުރުން 01 ޑިސެމްބަރު 2009 އިން ފެށިގެން އެބިމުގެ ކުލީގެ ގޮތުގައި އެކުންފުނިން ދައްކަން ޖެހޭ 487،072.90ރ ހަތް ދުވަހުގެ ތެރޭގައި އެއްފަހަރާ ދެއްކުމަށް ވެސް ކައުންސިލުން ވަނީ އެ ކުންފުންޏަށް އަންގާފަ އެވެ. އެބިން ކައުންސިލާ ހަވާލުނުކޮށް ބޭނުން ކޮށްފައިވަނީ ނަހަމަ ގޮތުގައި ކަމަށް ބުނެ ކައުންސިލުން ވަނީ އެ މައްސަލަ ކޯޓަށް ވައްދަން ނިންމައިފަ އެވެ.
ޖާނީ ވޯލްޑް މޯލްޑިވްސް މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި އިސް ބޭފުޅަކު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ހިންމަފުށިން އެކުންފުންޏަށް ދޫކޮށްފައިވާ އެބިމަކީ 2018 ވަނަ އަހަރުގެ ނިޔަލަށް އެކުންފުންޏަށް ކުއްޔަށް ދީފައިވާ ބިމެއް ކަމަށާއި ބޯޓްޔާޑުގެ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމަށް އެޓޯލްސް މިނިސްޓްރީން އެނގިނަމަވެސް އެބިން އެ ކުންފުނިން އަތުލާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ގަވާއިދާ ހިލާފަށް ކައުންސިލުން އެބިން ނަގާނަމަ އެކަމާ މެދު ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ.
ހިންމަފުށީ ސްލިޕްވޭ ސަރުކާރުން 2003 ވަނަ އަހަރު ދޫކޮށްފައިވަނީ ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކަމަށް ކައުންސިލުން ބުނާއިރު އެ ކުންފުނީގައި ޖާބިރުގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށް ޖާބިރު މިއަދު ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވި ނަމަވެސް ކައުންސިލަރު ޝާން ވިދާޅުވީ ހިންމަފުށީގެ ބިމުގެ ބަދަލުގައި ތިލަފުށިން އެ ކުންފުންޏަށް ބިމެއް ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމާއި އަދި 2003 ވަނަ އަހަރު ހިންމަފުށީގެ ބިން މޯލްޑް މޯލްޑިވްސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ހުދު ޖާބިރު ކަމަށެވެ. އަދި ވިދާޅުވީ ޖާނީ މޯލްޑިވްސްއިން އެކައުންސިލަށް ދައްކަން ޖެހޭ ފައިސާ ދައްކާފައިނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅެއް އަޅާނީ ބިމާ ހަވާލުވުމަށްފަހު، ވަގުތީ ކޯޓު އަމުރެއް ހޯދުމަށް ފަހު ކަމަށެވެ.