07 Jan 2013, 13:26
ނ. މާޅެންދޫ ކައުންސިލްގެ ރައީސް ޢަބްދުއްރަހީމް ހަސަން އާއި އެ ކައުންސިލްގެ މެންބަރު އިސްމާއީލް ފަޔާޒާއި ނ. ހެނބަދޫ ކައުންސިލްގެ މެންބަރު ހުސެއިން އަބޫބަކުރު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ސޮއިކުރައްވައިފި އެވެ. އެ ބޭފުޅުން އެމްޑީއޭ އަށް ސޮއި ކުރެއްވީ މެންބަރުން އިތުރު ކުރުމަށް އެމްޑީއޭ އިން މިހާރު ނ. އަތޮޅުގެ ރަށްރަށަށް ކުރަމުން އަންނަ ދަތުރުގައި އިއްޔެ އެ ދެ ރަށުގައި ބޭއްވި ޖަލްސާގަ އެވެ.
މީގެ ތެރެއިން މާޅެންދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޢަބްދުއްރަޝީދު ހަސަން ކުރިން ހުންނެވީ ޑީއާރްޕީގަ އެވެ. އެ ރަށު ކައުންސިލް މެންބަރު އިސްމާއީލް ކުރިން ހުންނެވީ އެމްޑީޕީގަ އެވެ. ހެނބަދޫ އިން ސޮއި ކުރެއްވި ހުސެއިން އަބޫބަކުރު ކުރިން ހުންނެވީ ޑީއާރްޕީގަ އެވެ.
މި ބޭފުޅުން އެމްޑީއޭ އާއި ގުޅިވަޑައިގަތުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެހެން ޕާޓީ އަކުން ވަކިވެ އެމްޑީއޭ އާއި ގުޅުނީ ކުރީން ތިއްބެވި ޕާޓީ ތަކަށް ވުރެ ބޮޑަށް އެމްޑީއޭގެ ލީޑަރޝިޕު ގަބޫލު ކުރެއްވޭތީ ކަމަށެވެ. ވަކީން ޚާއްސަ ގޮތެއްގައި ރަށްފުށުގެ ތަރައްގީ އާއި ތައުލީމު އަދި ސިއްހީ ކަންކަން ފަދަ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް އެމްޑީއޭގެ އިންތިގާލީ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ކުރައްވާ މަސައްކަތް ތަކަކީ ވެސް އޭގެ ސަބަބެއް ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ސިޔާސީ ދާއިރާގައި ސިޔާމް މަސައްކަތް ކުރެއްވި ކުރު މުއްދަތުގައި އޭނާ ވަނީ ރައްޔިތުންނަށް އަޅާލާ ލީޑަރެއްކަން ސާބިތުކޮށްދެއްވާފައި ކަމަށާއި އެކަން އެ ބޭފުޅާ މެންބަރުކަން ކުރައްވާ ދާއިރާ ކަމަށްވާ ދ. އަތޮޅުގެ ރަށްރަށުން ވަރަށް ސާބިތު ކަމާ އެކު ފެންނާން އެބަ ހުރި ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.
ނ. ހެނބަދޫ އަދި މާޅެންދޫގައި ބޭއްވި ޖަލްސާގައި މި ކައުންސިލަރުންގެ އިތުރުން ވެސް ގިނަ އަދަދެއްގެ ރައްޔިތުން މިހާރު ވަނީ އެމްޑީއޭ އަށް ވަދެފަ އެވެ. އެ ގޮތުން މާޅެންދޫގައި މި ވަގުތު އޮތް އެންމެ މެންބަރުން ގިނަ ޕާޓީ އަކީ ވެސް އެމްޑީއޭ އެވެ.