07 Jan 2013, 13:00
ރިސޯޓުތައް ހިންގުމަށްޓަކައި ސަރުކާރާއިއެކު އެއްބަސްވެވިފައިވާ ގޮތަށް ކުލި ނުދައްކާ ދެން އެއް ވެސް ރިސޯޓަކަށް ނޫޅެވޭނެ ކަމަށް މިނިސްޓަރު އޮފް ޓުއަރިޒަމް އަހުމަދު އަދީބް ރޭ ވިދާޅުވެއްޖެ އެވެ.
ރޭ ދިޓީވީ ހަބަރުތެރޭން ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އަދީބް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ކުލި ނުދެއްކުމުގެ ސަގާފަތެއް ވަރަށް ބޮޑަށް އަށަގަނެފައިވާ ކަމަށެވެ. އެގޮތުން ކުލީގެ ގޮތުގައި ރިސޯޓުތަކުން ދައުލަތަށް ފައިސާ ދައްކަން ޖެހޭ 12 ރަށެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ވޭތުވެ ދިޔަ ތިން އަހަރު ތެރޭ ވަނީ ކުލި ނުދެއްކުމުގެ ސަގާފަތެއް ވަރަށް ބޮޑަށް އަށަގަނެފައި. ދައުލަތަށް ދައްކަން ޖެހޭކުލި ނުދައްކާ 12 ރިސޯޓެއް އޮޕަރޭޓް ކުރަމުން ދިޔަ. އަޅުގަނޑު ކަނޑައެޅިގެން މި ދަންނަވަނީ އަޅުގަނޑު ޓުއަރިޒަމް މިނިސްޓަރަކަށް ހުއްޓަކާ ދެން ލާހިކެއް ނޫން އެއް ވެސް ފަރާތަކަށް އެގޮތަށް ތިބޭކަށް،" އަދީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރާއިއެކު އެއްބަސްވެފައިވާ އުސޫލުން ކުލި ނުދައްކާ ރިސޯޓް ތަކަށް 30 ދުވަހުގެ ނޯޓިސް އެއް ދޭނެ ކަމަށެވެ. އެހެން ނަމަވެސް ނޯޓިސް ދޭ މުއްދަތުގެ ތެރޭގައި އެއް ވެސް ކުއާޓާއެއްގެ ފައިސާ ނުދައްކައިފި ކަމަށް ވާނަމަ އެއްބަސްވުން ބާތިލްކޮށް ސަރުކާރަށް އެ ރިސޯޓެއް ނަގާނެ ކަމަށް ވެސް އަދީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުލި ނުދެއްކުމުގެ ސަގާފަތެއް އަށަގަނެފައި މިވަނީ ކުރީގެ ސަރުކާރުން އެކަމަށް ދޭން ޖެހޭ ސަމާލުކަން ނުދީ ފަރުވާ ކުޑަކުރުމުގެ ސަބަބުން ކަމަށާއި އަދި ހަމައެކަނި ޓެކްސް ނެގުމުގެ ޒިންމާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މައްޗަށް ދޫކޮށްލުމުން ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ އަކީ ވަކި އެއްޗެއް ކަމަށާއި އަދި ރިސޯޓް ހިންގުމަށް ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ އަކީ ވަކި އެއްޗެއް ކަމަށެވެ. އެހެން ކަމުން ދެން ރާއްޖޭގައި ރިސޯޓްތައް ހިންގައިގެން ފައިސާ ހޯދައިގެން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޓެކްސް ނުދައްކާ އެއްވެސް ފަރާތަކަށް ތިބުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ ސަރުކާރާ ހަވާލުވިއިރި ކުލި ނުދައްކާ ހުރި ހުރިހައި ރިސޯޓަކަށް ވެސް ނޯޓިސް ފޮނުވައިގެން އެފަދަ ރިސޯޓުތައް ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއަށް ގެނެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި ދެ ރިސޯޓަކާއި ދޭތެރޭ ވަކި ގޮތެއް ނިމިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ފާއިތުވި ތިން އަހަރުގެ ތެރޭގައި ކުލި ނުދައްކާ ހިންގަމުން ދިޔަ 12 ރިސޯޓްގެ ތެރެއިން، ދެ ރިސޯޓެއް ފިޔަވައި އެހެން ހުރިހާ ރިސޯޓްތަކާ މެދު މިހާރު ފިޔަވަޅު އަޅާފަ ވާނީ. ބާކީ އޮތް ދެ ރިސޯޓާ މެދު ވެސް އަންނަ ބުދަދުވަހު ގޮތެއް ނިމޭނެ،" އަދީބް ވިދާޅުވި އެވެ.
ރިސޯޓް ތަކުން ކުލީގެ ގޮތުގައާއި ޓެކްސްގެ ގޮތުގައި ދައުލަތައް ފައިސާ ދައްކަން ޖެހޭ ފަރާތްތައް ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވާ ކަމަށާއި އެއްބަސްވުމުގައިވާ ގޮތަށް ކުއްޔާއި ޓެކްސް ނުދައްކާ ފަރާތް ތަކަށް ނޯޓިސް ދިނުމަށް ފަހު ވެސް ދައުލަތައް ދައްކަން ޖެހޭ ފައިސާ ނުދައްކައިފި ނަމަ އެ ފަރާތެއްގެ އެގްރިމެންޓް ބާތިލް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ކޯޓު ތަކަށް ފައިސާ ހޯދަން ދާކަށް. މިހާރު ވެސް މީރާ އިން ވަނީ ވަރަށް ގިނަ ފަރާތް ތަކެއް ގޮވައިގެން ކޯޓަށް ގޮސްފައި. އަދި ވެސް އެ މައްސަލަ ތަކެއް ނުނިމޭ. މިވާގޮތަކީ އަޅުގަނޑުމެން ކުލި ހޯދަން ދިޔައިމާ މި ބުނަނީ މައްސަލަ ވީ ކޯޓުގައޭ. ކޯޓުން ވަކި ގޮތެއް ނިމުނީމަ އޭ ދައުލަތައް ދަންކަން ޖެހޭ ފައިސާ ދެއްކޭނީ. އެހްނެއް ނުތިބެވޭނެ. ކޯޓު މަރުހަލާ ނިމެންދެން ދައުލަތައް ލިބެން ޖެހޭ ފައިސާ ނުހާދާ ނުތިބޭނަން،" އަދީބް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދައުލަތުގެ ކޭޝް ފްލޯ ވަރުގަދަ ކުރުމަށް ކަމަށާއި ރާއްޖޭގެ މުޅި އިގްތިސާދު ބަރޯސާ ވެފައިވަނީ ފަތުރުވެރިކަމުން ލިބޭ އާންމްދަނީގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ދައުލަތުގެ ކޭޝް ފްލޯ ވަރުގަދަ ކުރަން. މައިގަނޑު ގޮތެއްގައި ރާއްޖޭގެ އިސްތިސާދުގެ ބޮޑު ބައެއް ބިނާވެފައި ވަނީ ޓުއަރިޒަމްގެ ދާއިރާގައި ހުރި 23000 އެނދުގެ މައްޗަށް. އެހެންވީމައި ރިސޯޓްތައް ހިންގައިގެން، ރިސޯޓްތައް ހިންގާ ފަރާތްތަކުން ބޮޑު އާމްދަނީ ހޯދާ އިރު، ދައުލަތަށް ލިބެން ޖެހޭ އެއްޗެއް ނުލިބުމަކީ ވަރަށް ބޮޑު މައްސަލައެއް،" އަދީބް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޭނާ ބޭނުން ވަނީ ހުރިހައި ފަރާތަކުން ވެސް ގާނޫނާއި ގަވާއިދުގެ އިމުގެ ތެރޭގައި ތިބެގެން މަސައްކަތް ކުރުމަށް ކަމަށާއި ކުލި ނުދައްކާ ރިސޯޓް ތައް ސަރުކާރަށް ނަގަނީ އޭގައި އެއްވެސް ޒާތީ މަގުސަދެއް އޮވެގެން ނޫން ކަމަށެވެ. އެހެން ކަމުން ޓުއަރިޒަމް ދާއިރާގެ ކަންތައްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި މަސައްކަތުގައި ފިނޭސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް އަދީބް ވިދާޅުވި އެވެ.