ގދ.ގައްދޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ބަދުއަހުލާގީ އެ މައްސަލައާ ގުޅިގެން އުމުރުން 54 އަހަރުގެ ފިރިހެނަކު ރޭ 10:30 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ގައްދޫން ވާހަކަ ދެއްކި މީހަކު ބުނީ އުމުރުން 10 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ކުޑަ ކުއްޖާއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެއް ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމުން 54 އަހަރުގެ މީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހދ. ކުޅުދުއްފުށީގައި އެއް ޖިންސުން ކުޑަކުއްޖަކާ ގުޅުން ހިންގައިގެން އުމުރުން 77 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. މިފަހަކަށް އައިސް ޖިންސީ އަމަލުތަކުގެ ޝިކާރައަކަށް ވާ ކުޑަކުދިންގެ ނިސްބަތް ވަނީ އިތުރުވެފަ އެވެ. އެގޮތުން ވިލިމާލޭގައި އަންހެނުން ކުއްޖަކު ރޭޕް ކުރި މައްސަލަވެސް ވަނީ ފެންމަތިވެފަ އެވެ.