ޅ.ނައިފަރު ކައުންސިލަށް ސަރުކާރުން ދޫކުރަންޖެހޭ މިލިއަނެއްހާ ރުފިޔާ އަދިވެސް ނުލިބޭ ކަމަށާއި، ކައުންސިލް ވަނީ މިލިއަނަކަށް ވުރެ ގިނަ ރުފިޔާއިން ދަރަނިވެރި ވެފައި ކަމަށް ނައިފަރު ކައުންސިލުން މިއަދު ބުނެފި އެވެ.

ދައުލަތުން މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ ގަބޫލުކުރެވޭނެ ބަޖެޓެއް ނޫން ކަމަށް ބުނެ، އެ ކައުންސިލުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ފެށުނު އިރުވެސް ސަރުކާރުން ދޫކުރަންޖެހޭ ފައިސާގެ ތެރެއިން މިލިއަނެއްހާ ރުފިޔާ ނުލިބިވާ ކަމަށެވެ. އަދި އެފައިސާ ނުލިބުމުގެ ސަބަބުން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެއްކި، އެ ކައުންސިލް ވަނީ މިލިއަނަކަށްވުރެ ބޮޑު އަދަދުކަން ދަރަނިވެރި ވެފައި ކަމަށެވެ.

ނައިފަރު ކައުންސިލުން އަދި ބުނީ 2012 ވަނަ އަހަރުގެ ބަޖެޓުން އެ ކައުންސިލަށް ދޫކޮށްފައިވަނީ ހަ މަސް ދުވަހުގެ ފައިސާ އެކަނި ކަމަށެވެ. އަދި 2013 ވަނަ އަހަރުގެ ބަޖެޓު ފާސްކޮށް ފޮނުވިއިރު، އެފައިސާއިން ހަމައެކަނި އިދާރީ ހަރަދުތައް ވެސް ބެލެހެއްޓޭނީ ގާތްގަނޑަކަށް ހަ މަސް ދުވަހު ކަމަށް ވެސް ނައިފަރު ކައުންސިލުން ބުނެ އެވެ.

އަބާދީގައި 5000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ނައިފަރު ކައުންސިލުން ބުނީ 2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު ސަރުކާރުން އަންގާފައިވަނީ މުސާރަ ފިޔަވައި އެހެން ހަރަދުތައް ތިން މިލިއަން ރުފިޔާގެ ސީލިންގަކަށް ފައްތައިގެން ތައްޔާރު ކުރުމަށް ކަމަށެވެ. އަދި އެހެންވެ ކައުންސިލުން ދޭން ބޭނުންވާ ބައެއް ޚިދުމަތްތައް ބަޖެޓްގައި ވަނީ ހިމެނޭ ގޮތް ނުވެފައި ކަމަށް ވެސް ނައިފަރު ކައުންސިލުން ބުނެ އެވެ.

މުސާރަ ފިޔަވައި އެހެން ހުރިހާ ޚަރަދު ތަކެއް ތިން މިލިއަން ރުފިޔާއަށް ކުޑަކޮށް ފޮނުވުމުން، އެ ކައުންސިލަށް ކަނޑައަޅާފައިވަނީ ވަރަސް ކުޑަ ބަޖެޓެއް ކަމަށްވެސް ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި މަގު އަދި ބަނދަރު ބައްތިތަކުގެ ކަރަންޓް ހަރަދަށް އެކަނިވެސް އަހަރަކު އެއް މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.
"އެހެން ކަމުން ކައުންސިލްގެ އިދާރީ އެހެން ޚަރަދުތައް ބެލެހެއްޓުމާއި ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެހެނިހެން ޚިދުމަތްތައް ދިނުމަށް ލިބިފައިވަނީ މުޅި އަހަރަށް އެންމެ ތިން ލައްކަ ރުފިޔާ،" ނައިފަރުން ކައުންސިލްގެ ބަޔާނުގައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓަރުގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފަ އެވެ. މިއަހަރު ކައުންސިލްތަކަށް ބަޖެޓް ދޫކޮށްފައިވަނީ ކައުންސިލްތައް ހުޅުވާ ލައްޕާލެވޭ ވަރަށް އެކަނި ކަމަށް ބައެއް ކައުންސިލްތަކުން ވަނީ ބުނެފަ އެވެ. އެގޮތުން ބަޖެޓްގެ ދަތިކަން ކުރިމަތިވެފައިވާ ނ. މިލަދޫ ކައުންސިލްގެ ރައީސް ހަސަން ޣައްސާން މިއަދު ވިދާޅުވީ އެރަށު ކައުންސިލް ހިންގުމަށް މުވައްޒަފުންގެ މުސާރައާ އެކު ލިބިފައިވަނީ 1.6 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އެ ފައިސާއިން ކައުންސިލް ހިންގޭނީ ގާތްގަނޑަކަށް ތިން މަސް ދުވަހާ ހަމައަށް ކަމަށް ޣައްސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުރި ތަންތަން މިވަރުގެ ބަޖެޓެއް ލިބިގެން ކިހިނެތްތޯ ހިންގާނީ. ޕްރީ ސްކޫލް ވެސް މިއަހަރު ހިންގޭނެ ހެނެއް ހިއެއްނުވޭ،" ޣައްސާން ވިދާޅުވި އެވެ.

މިއަހަރަށް މަޖިލީހުން ފާސްކުރި 15.3 ބިލިއަން ރުފިޔާގެ ބަޖެޓް ދެކޮޅު ނުޖެއްސި އަހަރުގެ ވަކި ހިސާބަކުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވަނީ ވިދާޅުވެފަ އެވެ.