މަސްތުވާތަކެތީގެ މައްސަލަތަކުގައި މިދިޔަ އަހަރު ކުޑަކުދިންގެ މައްޗަށް ދައުވާ ކޮށްފައިވާ މިންވަރު ވަރަށް ބޮޑުތަން މަދުވެފައިވާ ކަމަށް ޖުވެނައިލް ކޯޓުން ބުނެފި އެވެ.

ޖުވެނައިލް ކޯޓުން ބުނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތަކުގެ ތެރެއިން 2011 ވަނަ އަހަރު އެ ކޯޓަށް ހުށަޖެޅިފައި ވަނީ 51 މައްސަލަ ކަމަށާއި ނަމަވެސް މދިޔަ އަހަރު އެ ކޯޓަށް ހުށަހެޅިފައި ވަނީ އެބާވަތުގެ ހަ މައްސަލަ ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަތަކަށް ބަލާއިރު، މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ 16 މައްސަލައެއް 2011 ވަނަ އަހަރު އެ ކޯޓަށް ހުށަހެޅުނު ނަމަވެސް މިދިޔަ އަހަރު ނިމުނު އިރު ހުށަހެޅިފައި ވަނީ އެބާވަތުގެ ފަސް މައްސަލަ ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ 12 މައްސަލަ ނިމިފައިވާއިރު އޭގެތެރެއިން ހަތަރު ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ދެ މައްސަލައެއް ނިމި ދެ ކުއްޖެއްގެ މައްޗަށް މިދިޔަ އަހަރު ކުށް ސާބިތުވެފައިވާ އިރު، މަސްތުވާތަކެތީގެ މައްސަލަތަކުގެ ތުހުމަތުގައި 61 ކުއްޖެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަ ވެސް މިދިޔަ އަހަރު ހުށަހެޅިފައިވާ ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.