07 Jan 2013, 10:36
ވިސާ ހޯދުމުގެ މައްސަލައިގައި އިންޑިޔާއަށް ދަތުރު ކުރާ ދިވެހިން މަދުވުމުގެ ސަބަބުން ކަރުނާޓަކާގެ ބައެއް ކޯޕަރޭޓް ހޮސްޕިޓަލްތައް އިތުރަށް ތަރައްގީ ކުރުމަށް ހަދާފައިވާ ޕްލޭންތައް އަލުން ބަދަލު ކުރަން މަޖުބޫރުވަމުންދާ ކަމަށް އިންޑިޔާގެ "ދަ ހިންދޫ" ގައި ބުނެފި އެވެ.
މިފަހަކަށް އައިސް ބޭސްފަރުވާ އަށާއި އެހެނިހެން ބޭނުންތަކުގައި އިންޑިޔާއަށް ދަތުރުކުރާ ދިވެހިންނަށް އިންޑިޔާގައި ތިބުމަށް ހޯދަން ޖެހޭ ވިސާ ހޯދުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިވެފަ އެވެ.
އެޑްވާންސްޑް ސާޖަރީތަކަށް ހާއްސަ ތަނެއްކަމަށްވާ ބެންގަލޫރުގެ ސްޕާޝް ހޮސްޕިޓަލުގެ ޗެއާޕާސަން އަދި ޗީފް އޯތޮޕީޑިކް ޑޮކްޓަރު ޝަރަން އެސް. ޕަޓީލް ވިދާޅުވި ކަމަށް ދަ ހިންދޫގައި ބުނެފައިވަނީ ވިސާ ހޯދުމުގައި ދިވެހިންނަށް އިންޑިޔާ ސަރުކާރުން ކުރިމަތި ކޮށްފައިވާ ދަތިތަކުގެ ސަބަބުން އެމީހުންގެ ހޮސްޕިޓަލްތައް ދިވެހިރާއްޖޭގައި އިތުރަށް ފުޅާކުރުމަށް ހަމަޖެހިފައިވާ ބޮޑެތި މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ބޭނުމެއް މިހާރު އޮތްކަމަށް ނުފެންނަ ކަމަށެވެ.
"ރާއްޖޭގެ ގިނަ ހޮސްޕިޓަލް ތައް ހުންނަނީ އާންމުބަލިތަކަށް ފަރުވާ ދެވޭ ފެންވަރަށް ހަދާފައި. ގިނަ ދިވެހިން އަންނަނީ އިންޑިޔާއަށް ބޭސްފަރުވާ އަށް. އަހަރުމެން ޕްރޮޕޯސް ކުރަން ތައްޔާރުވަމުން މިދަނީ އަހަރުމެންގެ ޑޮކްޓަރުން ފޮނުވަން އެތަނުގައި ސްޕެޝަލިޓް ކުލިނިކުތަކެއް ހިންގަން. އޭގެ ބޭނުމަކީ ރާއްޖެއިން ކޮންސަލްޓޭޝަނަށް އިންޑިޔާއަށް މީހުން އަންނަން ނުޖެހޭގޮތެއް ހެދުން. އެކަމަކު މިހާރު އެމަސައްކަތައިގެން ކުރިޔަށް ދިއުމުގެ ބޭނުމެއް ނެތްހެން ހީވަނީ،" ޑޮކްޓަރު ޕަޓީލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއިން ގާތްގަނޑަކަށް މަހަކު 30 ވަރަކަށް ބަލިމީހުން އޮޕަރޭޝަން ކުރުމަށާއި އަދި ފޮލޯއަޕް ހެދުމަށް އެތަނަށް އަންނަ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ އަދަދު މަދުވެފައިވާ ކަމަށެވެ.
ސްޕާޝް ހޮސްޕިޓަލުން ކުރިން ނިންމާފައި އޮތީ ޖެނުއަރީ ތިނެއްގައި އެހޮސްޕިޓަލުގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ ޕްރައިވެޓް ދެ ހޮސްޕިޓަލެއް ކަމަށްވާ އޭޑީކޭ އާއި މެޑިކެއާ ޕްރައިމެކްސް އާއި ގުޅިގެން އެފަދަ މަސައްކަތްތަކެއް ކުރުމަށެވެ.
ދަ ޝްރީ ޖަޔަދޭވާ އިންސްޓިޓިއުޓްގެ ކާޑިއޯވަސްކިއުލާ ސައިންސަށް ވެސް ހަފުތާއަކު ހަތަރު ވަރަކަށް ދިވެހި ބަލިމީހުން ޒިޔާރަތްކުރާ ކަމަށް އެތަނުގެ ޑައިރެކްޓަރު ސީއެން މަންޖުނާތު ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް ކުރިން ބޭސްފަރުވާ އަށް ބެންގަލޫރަށާއި ކެރެލާ އިހުތިޔާރު ކުރި ބައެއް ދިވެހިން ވިސާގެ މައްސަލައިގައި މިހާރު ދަނީ ޝްރީލަންކާ އަށް ކަމަށް ވެސް އޭނާ ވިދާޅު ވިއެވެ.
ރާއްޖެއިން އިންޑިޔާއަށް ބޭސްފަރުވާއަށްދާ ގިނަ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ބުނެފައިވަނީ މެޑިކަލް ޓޫރިޒަމްއަށް މިފަދަ ހުރަސްތަކެއް ކުރިމަތި ކުރުވައިގެން ނުވާނެ ކަމަށާއި އެކަން އެހެންވާނަމަ އިންޑިޔާ ސަރުކާރުން އެދެނީ ނުބައި މެސެޖެއް ކަމަށެވެ.