ދެ ޖިންސު މަސްހުނިވެ އުޅުމުގައި އޮންނަ ދީނީ މިންގަނޑުގެ ތެރެއިން ދެ ޖިންސުގެ ކުދިންނަށް މަސްހުނިކޮށް ކިޔަވައި ދިނުމަކީ މައްސަލައެއް ނޫން ކަމަށް މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަބްދުލް މަޖީދު އަބުދުލް ބާރީ ވިދާޅުވެއްޖެ އެވެ.


ޑރ. ބާރީ މިހެން ވިދާޅުވީ، ދެ ޖިންސު އެއްކޮށް، ގްރޭޑު އެކަކުން 10 އަށް ކިޔަވައިދޭ ގޮތަށް ސަރުކާރުގެ ބޮޑެތި ސްކޫލްތައް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާތީ، އެކަމަކީ ދީނީ ނަޒަރަކުން ބަލާއިރު ކޮން ކަހަލަ ކަމެއްތޯ ބެލުމަށް ސަންއެފްއެމުން ޑރ. ބާރީއަށް ސުވާލު ދެންނެވުމުންނެވެ.


އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ، އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވަކިން ކިޔަވައިދެމުންދާ އަމީނިއްޔާ އާއި، ހިރިޔާ ސްކޫލާ އަދި މަޖީދިއްޔާ އާއި ދަރުމަވަންތަ ސްކޫލަކީ ދެ ޖިންސުގެ ކުދިންނަށް، ގްރޭޑް އެކަކުން 10 އަށް ކިޔަވައިދޭ ސްކޫލްތަކަށް ބަދަލުކުރުމަށެވެ. އަދި ޕްރައިމަރީ ސްކޫލްތަކުގައި ވެސް ގްރޭޑް އަށެއް އުފައްދައި، އެ ސްކޫލްތައް ވެސް ކުރިއަށް އޮތް ތަނުގައި ގްރޭޑް އެކަކުން 10 ކިޔަވައިދޭ ސްކޫލްތަކަށް ބަދަލުކުރުމަށެވެ.  


ޑރ. ބާރީ ވިދާޅުވީ، ދެ ޖިންސުގެ މީހުން މަސްހުނިވެ އުޅުމުގައި އޮންނަ ދީނީ މިންގަނޑަކީ "އެހެން މީހަކު ނެތް ތަނެއްގައި، އަންހެނަކާއި ފިރިހެނަކު އެކަހެރި ނުވުން" ކަމަށެވެ. އެހެންކަމުން، އެ މިންގަނޑުގެ ތެރެއިން ދެ ޖިންސުގެ މީހުން އެކީ އެއް ތަނެއްގައި މަސައްކަތްކުރުމާއި ކިޔެވުމަކީ މައްސަލައެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، މިނިސްޓަރު ވިދާޅުވީ، އިލްމީ ގޮތުން ބަލާއިރު، އެމެރިކާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުން ކޮށްފައިވާ ދިރާސާތަކުން ދައްކަނީ، ދެ ޖިންސުގެ ކުދިންނަށް އެކީ ކިޔަވައިދިނުމުން ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ކަމަށެވެ. އެހެންކަމުން، އެ ފަދަ ތަޖުރިބާތަކުން އަޅުގަނޑުމެން އިބްރަތް ލިބިގަންނަންޖެހޭ ކަމަށް ވެސް ޑރ. ބާރީ ވިދާޅުވި އެވެ.


ދެޖިންސު މަސްހުނިކޮށް ކިޔަވައި ދިނުމަށްވުރެ، ކުޑަކުދިންނާއި ބޮޑެތި ކުދިންނަށް އެކީގައި ކިޔަވައިދޭން އެޑިއުކޭޝަނުން ނިންމި ނިންމުމަކީ މާ ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ޑރ. ބާރީ ފާހަގަކުރެއްވި އެވެ. އެގޮތުން ސާނަވީ ދަރިވަރުން ކިޔަވާ ތަނެއްގައި، ގްރޭޑް އެކެއް ދޭއް ތިނެއްގައި ކިޔަވާ ކުދިން ލައިގެން އުޅުމަކީ އެކުދިންގެ އަހުލާގަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށް ޑރ. ބާރީ ދެކެވަޑައިގަންނަވަ އެވެ. އެއީ ބޮޑެތި ކުދިންގެ ތެރޭގައި ކުޑަކުދިން އުޅެން ފެށުމުން، އެ ބޮޑެތި ކުދިންގެ އުޅުމާއި ގުޅުން ހުންނަ ގޮތުގެ އަސަރު ދެން ތިބި ކުދިންނަށް ކުރާނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


މިކަމާ މެދު އިސްލާމިކް މިނިސްޓްރީން އެޑިއުކޭޝަނާ މަޝްވަރާކޮށް ފިޔަވަޅެއް އެޅުމަށް ނިންމާފައިވޭތޯ ދެންނެވުމުން ޑރ. ބާރީ ވިދާޅުވީ، މިކަންތައް ކުރިއަށްދާ ގޮތުން އަދި އިތުރު ކުރިއެރުމެއް ވެސް އައިސްދާނެ ކަމަށް ފެނިވަޑައިގަންނަވާތީ، އެކަމާ ބެހޭ ގޮތުން އަދި ވަކި ގޮތެއް މިނިސްޓްރީން ޚިޔާލުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް، އިސްލާމިކް މިނިސްޓަރު ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ، އެޑިއުކޭޝަންގެ ފަރާތުން ތަޢުލީމީ ފަލްސަފާގެ ތެރެއަށް ގެންނަމުންދާ ބަދަލުތަކަކީ ނުރަނގަޅު ބަދަލުތަކެއް ކަމަށް ބުނެ، އެކަމާމެދު ފިޔަވަޅު އެޅުމަށް ނިންމާފަ އެވެ.


އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، މަޝްވަރާ މަޖިލީހުގެ ގިނަ މެންބަރުން ވިދާޅުވި ގޮތުން، މިހާރު ގެންނަން އުޅޭ މިބަދަލު ތަކަކީ އިޖްތިމާޢީ ގޮތުންނާއި އަހުލާޤީ ގޮތުން ނުހަނު ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަންކަން ކަމަށެވެ. އަދި ސްކޫލް މަދްރަސާތަކުގެ ނިޒާމަށް ބަދަލު ގެންނަން ނިންމެވީ ބެލެނިވެރިންނަށް އޮޅުވާލައިގެން ކަމަށާއި، މިކަމަކީ ގިނަ ބެލެނިވެރިންނާއި، ސްކޫލްތަކުގެ މެނޭޖްމަންޓްތަކުން ނުލާހިކު އިދިކޮޅު ކަމެއްކަމުގައި މެންބަރުން ވިދާޅުވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.