07 Jan 2013, 10:03
ނަސްލީގޮތުން ކުޅުންތެރިންނާއި ދިމާކުރި ނަމަވެސް ކުޅުންތެރިން މެޗު ދޫކޮށް ދަނޑުން ފައިބައިގެން ދިއުމަކީ ކުރުން ރަނގަޅު ކަމެއް ނޫންކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ "ފީފާ"ގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ.
ބްލެޓާ އެހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އިޓަލީގެ އޭސީ މިލާނާއި ޕްރޯ ޕެޓްރިއާ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޕްރޯ ޕެޓްރިއާގެ ސަޕޯޓަރުން މިލާންގެ މިލާންގެ ގާނާ އިންޓަނޭޝަނަލް ކެވިން ޕްރިންސް ބޯޓޭންއާއި ނަސްލީގޮތުން ދިމާކުރަން ފެށުމުން ބޯޓެން ދަނޑުން ފައިބައިގެން ދިޔުމާ ގުޅުވައިގެން ނެވެ.
ބުލެޓާ ވިދާޅުވީ "ދަނޑުން ފައިބައިގެން ދިއުން؟ އެއީކީ އަދި ހައްލެއް ނޫން." ކަމަށާއި "އަހަރެން ގަބޫލުކުރަނީ އެގޮތަށް ފައިބައިގެން ދާނީ މެޗުން ބަލިވުމުން" ކަމަށެވެ.
އަދި ވިދާޅުވީ "އެ މައްސަލައަކީ ވަރަށް ނާޒުކު މައްސަލައެއް. ދަނޑު ތެރޭގައި ހިންގާ މިފަދަ ނަސްލީ ދިމާކުރުން ތަކަކީ ބަލަން ތިބެވޭނޭ ކަމެއް ނޫން." ކަމަށްވެސް އަބޫދާބީގެ ދަ ނޭޝަނަލްގައި ބްލެޓާ ވިދާޅުވި ކަމަށް އެ ނޫހުގައިވެ އެވެ. ފީފާގެ ރައީސް އިތުރަށް ވިދާޅުވީ ނަސްލީގޮތުން ދިމާކުރުން ފަދަ ކަންތައް ހުއްޓުވުމަށް ޓީމުތަކާއި ދޭތެރޭ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.
"މިކަމަށް އޮތް ހަމައެކަނި ހައްލަކީ އަދަބުތައް ހަރުކަށި ކުރުން... އަދި އަދަބެއްގެ ގޮތުން ޓީމުގެ ޕޮއިންޓު އުނިކުރުން ފަދަ ކަންތަށް ހިމެނިދާނެ." ބުލެޓާ ވިދާޅުވި އެވެ.
ބޯޓެން ވަނީ އެ މެޗުގެ ފުރަތަމަ ހާފުގެ މެދަކާ ހަމައަށް ކުޅެވުނުތަނާ އިދިކޮޅުޓީމުގެ ފޭނުން އޭނާއާއި ނަސްލީގޮތުން ދިމާކުރަންފެށުމުން ބޯޅަ އަތަށް ނެގުމަށްފަހު އޭނަޔާ ދިމާކުރި މީހުންނާ ދިމާއަށް ބޯޅަ ފޮނުވާލާފަ އެވެ. އަދި އޭނާ ލައިގެން ހުރި ޖާޒި ބޭލުމަށްފަހު ދަނޑުން ފައިބައިގެން ދާންފެށުމުން އޭނާއާއެކު ޓީމުގެ ބާކީ ތިބިކުޅުންތެރިންނާއި އޮފިޝަލުންވެސް ވަނީ ދަނޑުން ފައިބައިގެން ގޮސްފަ އެވެ.
ބޯޓެން ފަހުން ބުނެފައިވަނީ ޗެމްޕިއަންސް ލީގުގެ މެޗެއްގައިވެސް އެފަދަ ހާދިސާއެއް މެދުވެރިވެއްޖެ ނަމަ އެންމެން ދަނޑުން ފައިބަގެން ދާނެ ކަމަށެވެ.
އިޓަލީގެ ފުޓްބޯލް ފެޑެރޭޝަން (އެފްއައިޖީސީ) އިންވަނީ ރޭސިޒަމްގެ އެ މައްސަލަ އަވަސްގޮތެއްގައި ބެލުމަށް ގޮވާލާފަ އެވެ. އަދި ހަމަ އެހެންމެ އޭސީ މިލާން ކުޅުންތެރިންވަނީ އާދީއްތަ ދުވަހު ސިއެނާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެމީހުންގެ ޖާޒީގައި އެންޓި-ރޭސިޒަމް މެސެޖުތައް ދައްކުވާފަ އެވެ.