07 Jan 2013, 09:57
ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ފީފާ ބެލޮންޑިއޯ އެވޯޑް މިއަދު ހޮވާއިރު، މިހާރު އެންމެންގެ ހިތުގައިވެސް އުފެދޭ ސުވާލަކީ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިފަހަރު ގެންދާނީ ކޮން ކުޅުންތެރިއެއްބާ އެވެ؟
ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަދި ސްޕެއިން ތަރި އަންދްރޭސް އިނިއެސްޓާގެ ތެރެއިން މިއެވޯޑަށް އެންމެ ބޮޑަށް ވާދަކުރާ ދެކުޅުންތެރިންނަކީ މެސީ އަދި ރޮނާލްޑޯ އެވެ.
ޕޯޗުގަލްގެ ސުޕަސްޓާ، ރޮނާލްޑޯއަށް މިދިޔަ އަހަރަކީ އޭނާގެ ފޭނުން ހައިރާންކޮށް ލެވުނު އަހަރެއް ނޫނެވެ. މިދިޔަ އަހަރު އޭނާ ކުޅުނު އެންމެ ފަހު 12 މެޗުން ކާމިޔާބު ކުރެވުނީ އެންމެ ފަސް ލަނޑެވެ. ނަމަވެސް ރޮނާލްޑޯގެ ވާދަވެރިޔާ މެސީ ދިޔައީ ގިނަ ގޯލްތަކެއް ކާމިޔާބުކޮށް ރެކޯޑްތައް މުގުރަމުންނެވެ. ރޮނާލްޑޯގެ ފަރާތުން މިދިޔަ އަހަރު މާގިނަ ގޯލްތަކެއް ފެނިފައެއް ނުވެ އެވެ. އެއީ މޮޅު ކުޅުންތެރިޔާގެ އެވޯޑް އޭނާއަށް ލިބުމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުގެ މެދުތެރޭގައި ރޮނާލްޑޯ މީޑިޔާތަކަށް ބުނެފައިވަނީ މޮޅޫ ކުޅުންތެރިޔާގެ އެވޯޑް އޭނާއަށް ކާމިޔާބު ކުރެވިއްޖެ ނަމަ އެއީ ބޮޑު އުފަލެއް ކަމަށާއި ކާމިޔާބު ނުވެއްޖެނަމަ، އެކަމާ އަޅާވެސް ނުލާނެ ކަމަށެވެ.
މިސީޒަނާއި ރޮނާލްޑޯ ކުރިމަތިލީ ކާމިޔާބީ ސީޒަނަކަށް ފަހު އެވެ. ދެހާސް އެގާރަވަނަ އަހަރު ގެ ސީޒަން ރޮނާލްޑޯ ނިންމާލީ 46 ގޯލާ އެކު އެވެ. އޭނާގެ މަސައްކަތުން ރިއާލްއަށް 12 ގޯލެއް ކާމިޔާބުކޮށްދިނުމުގެ ފަހަތުގައި ހުރީ އޭނާ އެވެ. މިދިޔަ ސީޒަނަށް ފަހު ބާސާ އާއި ދެކޮޅަށް މެޑްރިޑުން ކުޅުނު އެންމެ ވަރުގަދަ ލީގް ކަމަށްވާ ސްޕެނިޝް ލީގު ކާމިޔާބުކޮށްދިނުމަށް މެޑްރިޑް މޮޅުވި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ.
އެއަށްފަހު، ރޮނާލްޑޯ ކުރިމަތިލީ އެންމެ ބޮޑު މުބާރާތަކީ ޔޫރޯ 2012 އެވެ. އެ މުބާރާތުގެ ފުރަތަމަ މެޗަށް ފަހު، ރޮނާލްޑޯ އަކީ ބޮޑު މެޗަކަށް ހުރި ކުޅުންތެރިއެއް ނޫން ކަމަށް ބުނެ ފާޑުކިޔުންތަކެއް އަމާޒުކުރެވުނެވެ. ނަމަވެސް ރޮނާލްޑޯ ވަނީ އެ ފާޑުކިޔުންތަކަށް ވަރަށް އެދެވޭ ރައްދެއް ދީފަ އެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖްގައި ނެދަލޭންޑްސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލް އަށް ދެލަނޑު ކާމިޔާބުކޮށްދީ އެޓީމް ކުއާޓާ ފައިނަލާއި ހަމައަށް ދަތުރުކޮށްދިނުމަށް އެހީތެރިވެދީފަ އެވެ.
ނިމިގެންދިޔަ އަހަރުގެ ފުރަތަމަކޮޅު ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ފަހު ކޮޅު އޭނާގެ ފަރާތުން ފެނުނީ ތަފާތު ކުޅުމެކެވެ. އަހަރުގެ ފަހު ކޮޅުގައި އޭނާގެ ފަރާތުން މާގިނަ ގޯލްތަކެއް ނުފެނުނެވެ. މިހާރު ކުރިއަށްދާ ސްޕެނިޝް ލީގުގައި އެންމެ ފުރަތަމަ 17 މެޗުން ރޮނާލްޑޯ އަށް ކާމިޔާބުކުރެވުނީ 14 ލަނޑެވެ. މިވަރަށް ގޯލް ކާމިޔާބުކުރަމުން ދާނަމަ މިސީޒަނުގެ ސްޕެނިޝް ލީގުގައި އޭނާ އަށް ކާމިޔާބުކުރެވޭނީ ގާތްގަނޑަކަށް 30 ލަނޑެވެ. މިދިޔަ ސީޒަނާއި އަޅާބަލާއިރު، ލަނޑުޖެހުމަށް އެހީތެރިވެދިން ރޭޓްވެސް ދަށެވެ.
ސްޕެނިޝް ލީގުގެ މިސީޒަނުގައި އޭނާގެ ފަރާތުން ފެނިފައި ވަނީ އެންމެ ދެ އެސިސްޓެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯގެ ގޯލްޖެހުމުގެ ރޭޓް ގޯހެކޭ ބުނެވޭކަށް ނެތެވެ. ޗެމްޕިއަންސް ލީގުގައި ކުޅުނު ހަ މެޗުން ރޮނާލްޑޯ ވަނީ ހަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ދިހަ މެޗުން ރޮނާލްޑޯ ދިހަ ލަނޑު ކާމިޔާބު ކޮށްފައި ވެއެވެ. ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް މެޑްރިޑް ކުޅޭ މެޗުގައި ރޮނާލްޑޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނަން ޖެހެ އެވެ.
މިދިޔަ އަހަރު ރޮނާލްޑޯ ނިންމާލީ 63 ގޯލާއި އެކު އެވެ. އެއީ މެސީގެ ގޯލް ޖެހުމުގެ ރޭޓާއި އަޅާބަލާއިރު، އެއީ ސުމެކެވެ. މެސީ މިދިޔަ އަހަރު ނިންމާލީ 91 ގޯލް ކާމިޔާބުކޮށް ރެކޯޑަކާ އެކުއެވެ. ރޮނާލްޑޯ އަށް ގިނަ ބައެއްގެ ސަޕޯޓް އެބަ އޮތެވެ. ނަމަވެސް މިސީޒަނުގައި މެޑްރިޑާއި ރޮނާލްޑޯ އާއި ދެމެދު މައްސަލަތަކެއް އުޅުނު ކަމުގެ ވާހަކަތަކެއް ފެތުރިފައި ވެއެވެ. އެހެންކަމުން ޓީމް ކުޅުންތެރިއެއްގެ ގޮތުގައި ލިބެން ޖެހޭ ސަޕޯޓް އޭނާއަށް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ދެން އުފެދޭ ސުވާލަކީ ރޮނާލްޑޯ އަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބެންޖެހެނީ ކީއްވެބާ އެވެ؟ ނިމިގެންދިޔަ އަހަރުގެ ފުރަތަމަ ކޮޅު މެޑްރިޑުން އެންމެ ބޭނުންވި ސްޕެނިޝް ލީގު ކާމިޔާބުކުރެވުނީ ރޮނާލްޑޯގެ ބޮޑު އެއްބާރުލުމެއް ލިބިގެންނެވެ. އޭނާގެ 46 ގޯލް ވެގެންދިޔައީ މެޑްރިޑަށް ބޮޑު ކާމިޔާބަކަށެވެ. ޔޫރޯ 2012 ގައި އޭނާގެ އަމިއްލަ ގައުމުގހެ ޕޯޗުގަލްގެ ގައުމީ ޓީމަށް ދެއްކި ކުޅުން ވެސް ފާހަގަކޮށްލެވެ އެވެ.
މެސީގެ ފަރާތުން ގިނަ ގޯލްތަކެއް މިދިޔަ އަހަރު ފެނުނު ނަމަވެސް، މިދިޔަ އަހަރު ރޮނާލްޑޯ މެޑްރިޑަށާއި ޕޯޗުގަލް އަށް ހޯދައިދިން ކާމިޔާބީ އާއި އަޅާބެލިދާނެތޯ ވިސްނާލުމަކީ މުހިންމުކަމަކަށް ވާނެ އެވެ. މެސީގެ އެގޯލްތަކާއި ނެދަލޭންޑްސް ކޮޅަށް ޔޫރޯ 2012 ގައި ކާމިޔާބުކުރި މުހިންމު ދެގޯލް މެސީގެ ލަނޑު ގޯންޏާއި އަޅައެއް ނުކިޔޭނެ އެވެ. ރޮނާލްޑޯގެ ގޯލުގެ އަދަދު ކިތަންމެ މަދު ނަމަވެސް އެއީ މުހިންމު ގޯލްތަކެކެވެ. މިސީޒަން ފެށުމުގެ ކުރިން މެޑްރިޑާއި ބާސާ ދެލީގު ހިމެނޭގޮތަށް ކުޅުނު ސްޕެނިޝް ސްޕާ ކަޕް މެޑްރިޑަށް ކާމިޔާބުކޮށްދިނުމަށް ރޮނާލްޑޯގެ ފަރާތުން ދެލަނޑު ފެނިފައި ވެއެވެ. މިދިޔަ އަހަރު މެސީ ނިންމާލަން ޖެހުނީ ހުސްއަތާ އެވެ.
މެސީގެ ކާމިޔާބީތަކަށް ބަލާއިރު، ނިމިގެންދިޔަ ތިން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކާމިޔާބުކުރީ މެސީ އެވެ. މިއަހަރުގެ އެވޯޑް މެސީ އަށް ކާމިޔާބު ވެއްޖެނަމަ، އެއެވޯޑް ވާނީ މެސީ އެ އެވޯޑް އުފުލައިލާމެ ހަތަރުވަނަ ފަހަރަށެވެ. އެވޯޑް އޭނާ ކާމިޔާބުކޮށް ފިނަމަ އަނެއްކާ ވެސް މެސީ ތާރީހުގެ ތެރެއަށް ވަދެގެން ދާނެ އެވެ.
މެސީ އަށް މިދިޔަ އަހަރު އެއްވެސް ކާމިޔާބެއް ނުލިބުމަކީ އޭނާ އަށް ލިބުނު ހިތާމައެކެވެ. ތިން އަހަރަށް ފަހު، ބާސާ އަތުން މިދިޔަ ސީޒަންގެ ސްޕެނިޝް ލީގު ތަށި ބީވި އެވެ. އެތަށިވެސް އުފުލައިލީ މެސީގެ ވާދަވެރި، ރޮނާލްޑޯގެ މެޑްރިޑުންނެވެ. މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސާ އާއި މެޑްރިޑް ކުޅުނު ކްލެސިކޯގެ ފަހު މެޗުގައި ރޮނާލްޑޯ ލަނޑެއް ކާމިޔާބުކުރި އިރު، މެސީ އަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޗެލްސީ ކޮޅަށް ލަނޑެއް ކާމިޔާބުކުރުމަށް މެސީ އަށް ރަނުގެ ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް އެ ޕެނަލްޓީވެސް ދިޔައީ ފަނުފުލުންނެވެ. އެއާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލާއި ހަމައަށް ބާސާ ކުރަމުން އައި އުންމީދުތައް ދިޔައީ ފެނަށެވެ. މެސީ އަށް ބާސާ އަށް ޓްރޮފީ އެއް ހޯދައިދެވުނީ ހަމައެކަނި ކޮޕާ ޑެލްގައި ރޭ ކުޅުނު މެޗުންނެވެ. ނަމަވެސް އެއީ ސްޕެނިޝް ލީގާއި އަޅާބަލާއިރު، ކުޑަ ކާމިޔާބީ އެކެވެ. އެމުބާރާތުގައި މެސީއަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ތިން ލަނޑެވެ.
ބެލޮންޑިއޯ އެވޯޑަށް މެސީގެ އިތުރުން ވާދަކުރަމުންދާ ރޮނާލްޑޯ އަދި އިނިއެސްޓާ ވަނީ މިދިޔަ އަހަރު ބޮޑު ދެމުބާރާތް ކާމިޔާބުކޮށްފަ އެވެ. ރޮނާލްޑޯ ވަނީ މެޑްރިޑާއެކު ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަކަޕް ކާމިޔާބު ކޮށްފައެވެ. އަދި މެސީގެ ކްލަބުގެ ޕްލޭމޭކާ އިނިއެސްޓާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު ޔޫރޯ 2012 ކާމިޔާބުކޮށްފަ އެވެ. އަދި އިނިއެސްޓާ ވަނީ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ކާމިޔާބުކޮށްފަ އެވެ.
އަހަރެއްގެ ތެރޭ އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާގެ ނަމާއިއެކު މެސީގެ ނަން ވަނީ ރަން އަކުރުން ފަވާލެވިފަ އެވެ. މެސީ ވަނީ މިދިޔަ އަހަރު ކާމިޔާބުކުރި 91 ލަނޑާއެކު، އަހަރެއްތެރޭ އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާ އަށް ވެފައެވެ. އެ ޝަރަފް ކުރިން އޮތީ އަހަރެއްތެރޭ 86 ގޯލް ކާމިޔާބުކުރި ޖަރުމަންގެ ކުރީގެ ތަރި ގާޑް މުލާގެ އަތުގަ އެވެ. ދެހާސް އެގާރަ އަދި ބާރައިގެ ސީޒަން މެސީ ނިންމާލީ ފަންސާސް ގޯލާއި ފަނަރަ އެސްޓާއެކު އެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ސާދަ ގޯލާއެކު މެސީގެ ފަރާތުން ފަސް އެސިސްޓް ފެނިފައި ވެއެވެ.
މިސީޒަނުގައި މެސީގެ ފަރާތުން ފެނިފައިވާ ގޯލް ޖެހުމުގެ ރޭޓް ވަރަށް ރަނގަޅެވެ. އޭނާ އަހަރު ނިންމާލީ މިސީޒަންގެ ސްޕެނިޝް ލީގުގައި މިހާތަނަށް 15 ގޯލާއި ފަސް އެސިސްޓާއެކު އެވެ. އަދި މެސީ ވަނީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ފަސް ގޯލު ވެސް ކާމިޔާބުކޮށްދީފަ އެވެ. އަދި އާޖެންޓީނާ ގައުމީ ޓީމަށް ވެސް ރަނގަޅު ކުޅުމެއް ދައްކާފައި ވެއެވެ. ދެހާސްސާދައިގައި ވޯލްޑްކަޕް ކޮލިފައިންގައި މެސީގެ އާޖެންޓީނާ އޮތީ ގްރޫޕް އެއްވަނާގަ އެވެ.
އިންޑިވިޖުއަލް ކާމިޔާބީއާ އެކު މެސީ އާއި އަޅާކިޔާލާނެ އެއްވެސް ކުޅުންތެރިއަކު ނެތްކަން ސާބިތުވެ އެވެ. އޭގެ ސަބަބުން އޭނާ އަށް ހަތަރު ވަނަ ބެލޮންޑިއޯ އެވޯޑާއެކު އޭނާގެ ނަން ތާރީހުގެ ތެރެއަށް އަލުން ވަނުމަކީ ކައިރި ކަމެކެވެ. މިހުރިހާ ކަމަކަށް ބަލާއިރު، ރޮނާލްޑޯ، މެސީ އަދި އިނިއެސްޓާ އަކީ ތަފާތު ތިން ކުޅުންތެރިންކަން ވަރަށް ރަނގަޅަށް އެނގެ އެވެ. މިއެވޯޑް ކާމިޔާބުކުރާ ކުޅުންތެރިޔާ ސްވިޒަލެންޑްގެ ޒިޔުރިކްގައި މިރޭ ރާއްޖޭގަޑިން 11:00 ގައި ފަށާ ރަސްމިއްޔާތުން އެނގިގެންދާނެ އެވެ. ދެން އޮތީ އިންތިޒާރު ކުރުމެވެ. މާގިނަ ވަގުތެއްދެން ނެތެވެ.