ލަންޑަން (ޖަނަވަރީ 7) : ސޫރިޔާގެ ލޭއޮހޮރުވުންތައް ހުއްޓުމަކަށް ގެނެސް އެގައުމުގެ ދާހިލީ އަރާރުން ހައްލުކުރުމަށް ރައީސް ބައްޝާރުލް އަސަދު ހުށަހެޅުއްވި ސުލްޙައިގެ ޕްލޭނަށް ސޫރިޔާގެ އިދިކޮޅު ކޯލިޝަނުންނާއި އެމެރިކާ އާއި ހުޅަނގުގެ ބާރުތައް ދެކޮޅު ހަދައިފި އެވެ.

ބައްޝާރު އިއްޔެ ދެއްވި ހިތާބެއްގައި ހުށަހެޅުއްވި ސުލްޙައިގެ ޕްލޭނަށް ރައްދުދެމުން ސޫރިޔާގެ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ހަނގުރާމަވެރިން ހިމެނޭ ގުޅިފައިވާ ކޯލިޝަނުން ވަނީ މިއީ ބައްޝާރު ވެރިކަމުގައި ދެމިހުންނެވުމަށް ޖެއްސެވި މަޅިއެއް ކަމަށާއި މިމަޅީގައި އިދިކޮޅު ފަރާތްތައް ނުޖެހޭނެ ކަމަށް ބުނެފަ އެވެ. ބައްޝާރުގެ ހިތާބަށް ރައްދުދެމުން އިދިކޮޅު ކޯލިޝަނުންވަނީ އޭނާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރާއި ފައިސާ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލާފަ އެވެ.

ބައްޝާރު ހުށަހެޅުއްވި ސުލްޙައިގެ ޕްލޭނަށް ރައްދު ދެމުން އެމެރިކާ އާއި އިނގިރޭސިވިލާތާއި ޖަރުމަނުންވެސް ބުނެފައިވަނީ އެޕްލޭނަކީ ވެރިކަމުގައި ދެމިހުންނެވުމަށް ބައްޝާރު ރާއްވަވާފައިވާ މަކަރުގެ ޕްލޭނެއް ކަމަށެވެ. މީގެބަދަލުގައި މިތިން ގައުމުންވެސް ބައްޝާރަށް ގޮވާލީ ވެރިކަމުން ދުރުވެވަޑައިގަތުމަށެވެ. އަދި ބައްޝާރުގެ ޒަމާން މާޒީވެއްޖެ ކަމަށާއި ސޫރިޔާގެ ސުލްޙައިގެ ކަންތައްތަކުގައި އޭނާއަށް ފުރުސަތު އޮތްކަމަށް ނުދެކޭ ކަމަށްވެސް ހުޅަނގުގެ މިތިން ގައުމުން ބުނެފައިވެ އެވެ.
ބައްޝާރު އިއްޔެ ދެއްވި ތަގްރީރުގައި ވަނީ ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައަކީ ހުޅަނގުގެރޭވުމެއްގެ ދަށުން ހިނގަމުންދާ ލޭއޮހޮރުވުން ތަކެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި ބައްޝާރުގެ ވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކީވެސް ހުޅަނގުގެ ގޮނޑިކޮށްކޮއިން ކަމަށް އޭނާ ސިފަކުރެއްވި އެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ސިޔާސީ ފަރާތްތަކަށް އަމުރު އަންނަނީ އެމީހުންގެ ސާހިބުން ކަމަށްވާ ހުޅަނގުގެ ލީޑަރުންގެ ފަރާތުން ކަމަށާއި އެހެންކަމުން ވާހަކަ ދައްކާނަމަ އެކަންވެސް ކުރަން ޖެހިފައިވަނީ ގޮނޑިކޮށްކޮއިންގެ ބަދަލުގައި ސޫރިޔާގެ ލޭއޮހޮރުވުންތަކުގެ އެންމެ އަޑީގައިތިއްބެވި ހުޅަނގުގެ ބޮޑުންނާ ކަމަށްވެސް ބައްޝާރު ވިދާޅުވި އެވެ.

އިދިކޮޅު ހަނގުރާމަވެރިންނާވާހަކަ ނުދައްކަވާނެ ކަމަށް ބައްޝާރު ވިދާޅުވިނަމަވެސް ސުލްޙައިގެ ޕްލޭނެއްވެސް އޭނާ ހުށަހެޅުއްވި އެވެ. ތިން މަރުޙަލާއެއްގެ މައްޗަށް އެކުލެވޭ ސުލްހައިގެ މިޕްލޭންގެ ފުރަތަމަ މަރްޙަލާއަކީ ސޫރިޔާގެ ހަނގުރާމަވެރިންނަށް ބޭރު ގައުމު ތަކުން ދޭ އެހީތައް ހުއްޓާލުމާއެކު ސޫރިޔާ ސަރުކާރުގެ ސިފައިންވެސް ހަމަލާތައްވެސް ހުއްޓާލުމެވެ. ދެވަނަ މަރްޙަލާއަކީ ކަމާބެހޭ ފަރާތްތަކާއެކު ސުލްޙައިގެ ވާހަކަތައް ފަށައި ސުލްޙައިގެ މަގުޗާޓެއް އެކުލަވާލުމެވެ. ތިންވަނަ މަރްޙަލާއަކީ ސުލްހައިގެ މަގުޗާޓާއެއްގޮތަށް އަމަލުކޮށް ސޫރިޔާގައި އާއްމު އިންތިހާބެއް ބާއްވައި އާސަރުކާރެއް އިންތިހާބު ކުރުންކަމަށް ބައްޝާރު ވިދާޅުވެފައިވެ އެވެ. ބައްޝާރުގެ ހިތާބަށް މިސްރުގެ ރައީސް މުހައްމަދު މުރުސީވެސްވަނީ ރައްދު ދެއްވާފަ އެވެ. މުރުސީ ގޮވާލެއްވީ ބައްޝާރު، ސޫރިޔާގެ ވެރިކަމުން ފާބައިވަޑައިގަތުމަށެވެ. (އަލްޖަޒީރާ)