ދިމިޝްޤު (ޖަނަވަރީ 6) : ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަކީ ހުޅަނގުން ކޮންޓްރޯލްކުރާ ގޮނޑިކޮށްކޮއިން ކަމަށް އެގައުމުގެ ރައީސް ބައްޝާރުލްއަސަދު ސިފަކުރައްވައިފި އެވެ.

ދިމިޝްޤުގެ އޮޕެރާ ހައުސްގައި ރައްޔިތުންނާ މުހާތަބު ކުރައްވައި މިއަދު ހަވީރު ދެއްވި ތަގްރީރެއްގައި ބައްޝާރު ވިދާޅުވީ ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައަކީ ހުޅަނގުގެ ރޭވުމެއްގެ ދަށުން ހިނގަމުންދާ ލޭއޮހޮރުވުން ތަކެއް ކަމަށާއި މިލޭއޮހޮރުވުންތަކާ ގުޅިގެން ސޫރިޔާގެ ރައްޔިތުން ބަރުދާސްތުކުރާ ވޭންތަކާއި ކެކުޅުންތަކުގެ ޒިންމާ އުފުލަންޖެހޭނީ އިދިކޮޅު ފަރާތްތަކާއި ހުޅަނގުން ކަމަށެވެ. މި ސަބަބުތަކަށްޓަކައި އިދިކޮޅު ހަނގުރާމަވެރިންނާ ވާހަކަ ނުދައްކަވާނެ ކަމަށްވެސް ބައްޝާރު ވިދާޅުވި އެވެ. ބައްޝާރުގެ ވާހަކާގައި އޭނާގެ ހުދުމުހްތާރު ވެރިކަމުގެ ނިޒާމާ ދެކޮޅަށް ސޫރިޔާގެ ރައްޔިތުން އެންމެ ފުރަތަމަ ސުލްޙަވެރިކަމާއެކު ތެދުވި މައްސަލައަށް އިޝާރާތެއް ނުކުރައްވަ އެވެ. އަދި ރައްޔިތުން އޭނާގެ ވެރިކަމާ ދެކޮޅަށް އުތުރިއެރިކަމަށްވެސް އެއްބަސްވެ ވަޑައެއް ނުގަންނަވަ އެވެ.

ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ސިޔާސީ ފަރާތްތަކާއި އެމީހުންނާ ގުޅިފައިވާ ހަތިޔާރުއެޅި ފަރާތްތަކަކީ ހުޅަނގުގެ ގޮނޑިކޮށްކޮއިން ކަމަށް ސިފަކުރައްވަމުން ބައްޝާރު ވިދާޅުވީ އޭނާގެ ސަރުކާރުން ވާހަކަދައްކަން ބޭނުންވަނީ ގޮނޑިކޮށްކޮ އިންނާ ނޫން ކަމަށާއި މިރޭވުންތަކުގެ އަޑީގައިތިބި ފަރާތްތަކާ ކަމަށެވެ. ނަމަވެސް ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިނުވާ އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ. މުރާސިލުން ވަނީ ބައްޝާރުގެ ތަގްރީރަކީ އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކައިގެން ހިމޭންކަމާއެކު ސޫރިޔާގެ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ގޮތްދުނުކުރުމުގެ ހިތާބެއް ކަމަށް ސިފަކުރައްވާފަ އެވެ.

ބައްޝާރުގެ ތަގްރީރުގައި ސޫރިޔާގެ ލޭއޮހޮރުވުންތައް ހުއްޓުވުމަށްޓަކައި ތިން މަރުޙަލާއެއްގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް އިއުލާން ކުރެއްވި އެވެ. މިޕްލޭންގެ ފުރަތަމަ މަރްޙަލާއަކީ ސޫރިޔާގެ ހަނގުރާމަވެރިންނަށް ބޭރު ގައުމު ތަކުން ދޭ އެހީތައް ހުއްޓާލުމާއެކު ސަރުކާރު ސިފައިންވެސް ހަމަލާތައް ހުއްޓާލުމެވެ. ދެވަނަ މަރްޙަލާއަކީ ސުލްޙައިގެ ވާހަކަތައް ފެށުމެވެ. ތިންވަނަ މަރްޙަލާއަކީ ސުލްހައިގެ މަގު ޗާޓެއް އެކުލަވާލައި ސޫރިޔާގައި އާއްމު އިންތިހާބެއް ބާއްވައި އާ ސަރުކާރެއް ގެނައުމުގެ ފުރުސަތު ދިނުން ކަމަށް ބައްޝާރު ވިދާޅުވި އެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ވަނީ ބައްޝާރުގެ ތަޤްރީރު ނިމުމާއެކު އޭނާގެ ސުލްހައިގެ ޕްލޭނަށް ދެކޮޅު ހަދައި އެޕްލޭން ގަބޫލުނުކުރާނެކަން ހާމަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)