މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓްގައި ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓަކީ ޝަރުއީ ދާއިރާގެ ގާނޫނީ ވާޖިބު އަދާކުރެވޭ ވަރުގެ ބަޖެޓެއް ނޫންކަމަށް ބުނެ މިއަހަރުގެ ބަޖެޓް އިތުރުކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އެޑްރެސް ކުރައްވައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އިބްރާހިމް އަހުމަދު މަނިކު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ މިއަހަރުގެ ބަޖެޓްގައި ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓަކީ ކޯޓުތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އަހަރުގެ ނިޔަލަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސޭނެ ބަޖެޓެއް ނޫން ކަމަށެވެ. އަދި މިއަހަރު ޝަރުއީ ދާއިރާއަށް ބޭނުންވާ ތަފްސީލުތައް އެ ޑިޕާޓްމަންޓުން މަޖިލީހުގެ ބަޖެޓް ކޮމެޓީއަށް ވަރަށް ތަފްސީލްކޮށް ދެއްވާފައި ވަނިކޮށް، ބަޖެޓް ފާސްކޮށްފައިވަނީ އެކަންކަމަށް ރިއާޔަތް ކުރެއްވުމެއް ނެތި ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ޖުޑީޝަރީގެ މީޑިއާ ޔުނިޓުން ބުނީ ޑިޕާޓްމަންޓްގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބަޖެޓްގައި މާލޭގެ ކޯޓުތަކުގެ ޖާގައިގެ ދަތިތައް ހައްލު ކުރުމަށް ކޯޓު ކޮންޕްލެކްސް އެއް އެޅުމަށް ބޭނުންވާ 70.5 މިލިއަން ރުފިޔާ އާއި ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސް ހަމަޖެއްސުމަށް ބޭނުންވާ ފައިސާއާ އެކު ޖުމްލަ 517.2 މިލިއަން ރުފިޔާ ބަޖެޓެއް ޑިޕާޓްމަންޓުން މަޖިލީހަށް ހުށަހެޅި ކަމަށެވެ.

އެ ސިޓީގައި ވިދާޅުވެފައި ވަނީ ބަޖެޓުން އުނިކުރި ބަޔާއެކު ޝަރުއީ ދާއިރާއަށް މިއަހަރަށް ލިބިފައި ވަނީ މިދިޔަ އަހަރު ލިބުނު ބަޖެޓަށް ވުރެ 32.50 އިންސައްތަ ކުޑަ އަދި މިދިޔަ އަހަރު ހިނގި ޚަރަދަށް ވުރެ 22.31 އިންސައްތަ ކުޑަ ބަޖެޓެއް ކަމަށެވެ. އަދި އެއީ ފައިސާގެ ގޮތުން ބަލާނަމަ މިދިޔަ އަހަރު ލިބުނު ބަޖެޓަށް ވުރެ 140 މިލިއަން ރުފިޔާ މަދު އަދި މިދިޔަ އަހަރު ހިނގި ޚަރަދަށް ވުރެ 83 މިލިއަން ރުފިޔާ މަދު ބަޖެޓެއް ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

މިހާރު ލިބިފައިވާ ބަޖެޓަށް ބަލާއިރު މިއަހަރުގެ މެދަކާ ހަމައަށް ދާއިރު ކޯޓުތަކުގެ ޚިދުމަތްތައް ހުއްޓުމަކަށް އަންނަނާނެ ކަމުގެ އިންޒާރުވެސް އެ ސިޓީގައި ވަނީ ދީފަ އެވެ. ބަޖެޓް ކުޑަވެގެން އޭސީސީ އާއި މީރާވެސް އަންނަނީ އެކަމާ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.

މިއަހަރުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 15.3 ބިލިއަން ރުފިޔާއަށް ކުޑަކުރީއިރު ރިކަރަންޓް ގިނަ ހަރަދުތަކެއް ވަނީ މަޖިލީހުން ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.