ސިފައިންގެ ތެރޭގައި އަންހެނުން އިތުރު ކުރުމަށް ސިފައިންގެއަށް މީހުން ވެއްދުމަށް ރެކްރޫޓްކުރާ ކޮންމެ ބެޗަކުން ވެސް ކަނޑައެޅޭ ވަކި ޕަސެންޓަކީ އަންހެނުން ކަމުގައި ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ސިފައިންގެ މިލިޓަރީ އެކަޑަމީއެއް ކަމުގައިވާ ސާ ޖޯން ކޮތެލާވަލާ ޑިފެންސް ޔުނިވާސިޓީ (ކޭޑީޔޫ) އިން ގްރެެޖުއޭޓްވި އަންހެން ދެ ސިފައިިންނާ މަގާމު ހަވާލުކޮށްދިނުމަށް ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ޖިންސުގެ ތަފާތު ކުރުމެއް ނެތި، އެމީހެއްގެ ގާބިލްކަމާ އެއްވަރަށް މަސައްކަތްކުރުމުގެ ފުރުސަތު، ހުރިހާ އެންމެންނަށް ހުޅުވިފައިވާ މުއައްސަސާއަކަށް އެމްއެންޑީއެފް ހެދުމަށްޓަކައި ބޭނުންވާ ޕޮލިސީތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށާއި އަންހެން ސިފައިން އެމްޕަވާކޮށް އެމީހުންނަށް ކުރިއަށް ދިއުމަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރިމަގުގައި އިތުރު މަސައްކަތްތަކެއް ކުރެއްވުމަށް ގަސްދުކުރައްވާ ކަމަށެވެ.

އަންހެން ސިފައިންނަށް އިތުރު ހުނަރުތައް ދަސްކޮށްދީގެން، އެމީހުންގެ ބޭނުން މިހާރަށްވުރެ ބޮޑަށް މުއައްސަސާއަށް ހިފޭނެ ގޮތްތައް ރޭވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ފޮޓޯގްރަފީއާއި ޑްރައިވިން ފަދަ ހުނަރުތަކަށް މީހުން ތަމްރީނުކުރާއިރު ކުރިމަގުގައި އަންހެން ސިފައިންނަށް އިސްކަންދެއްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންގެ އެކި ދާއިރާތަކުގައި އަންހެން ސިފައިން ގެންދަނީ ބިނާކުރަނިވި ހިދުމަތްތަކެއް ކޮށްދެމުންދާ ކަމަށާއި ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިލުކޮށްގެން ތިބި އަންހެނުން މިހާރުވެސް އެމްއެންޑީއެފްގެ ޒިއްމާދާރު އެކި މަގާމްތަކުގައި ތިބި ކަމަށެވެ.

ސްރީލަންކާގެ ސިފައިންގެ މިލިޓަރީ އެކަޑަމީއެއް ކަމުގައިވާ ސާ ޖޯން ކޮތެލާވަލާ ޑިފެންސް ޔުނިވާސިޓީ (ކޭޑީޔޫ) އިން ގްރެެޒުވޭޓްވި ދެ އޮފިސަރުންނަކީ ލެފްޓިނެންޓް ފާތިމަތު އިސްމާއީލް އަދި ލެފްޓިނެންޓް މަރިޔަމް މުޒްލިފާ އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި މިލިޓަރީ އެކަޑަމީއަކުން ސިފައިންގެ ދެ އަންހެންކުދިން ގްރެޖުއޭޓްވި ފުރަތަމަ ފަހަރެވެ.

ކަމިޝަން ކުރެވުނު އެ ދެ އޮފިސަރުންގެ ކިބައިން ހުރިހާ ސިފައިންނަށް ނަމޫނާއެއްގެ ގޮތުގަ ޒިންމާދާރުކަމާއެކު ސިފައިންގެ ކަމިޝަންޑް އޮފިސަރެއްގެ ކެރިއާ ފެއްޓެވުމަށް އިލްތިމާސް ކުރައްވައި، ލިބިފައިވާ ތަމްރީނާއި ތައުލީމުގެ އެހީގައި ގައުމަށާއި ސިފައިންގެއަށް ހިދުމަތްކުރުން މަތީ ސާބިތުކަމާ އެކު ދެމިތިބުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ފާތިމަތު އިސްމާއީލާއި މަރިޔަމް މުޒްލިފާ ވަނީ ބެޗަލާސް އޮފް ކޮމާސް ޑިގްރީ ފުރިހަމަކޮށް، ސްރީލަންކާ މިލިޓަރީ އެކަޑަމީގައި އަސްކަރީ ތަމްރީންތައް ފުރިހަމަކޮށްފަ އެވެ.