29 Sep 2010, 16:08
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު އިސްލާހު ކުރަން އަންގާ ކަންތައްތައް އިސްލާހު ކުރުމަކީ ކޮންމެ ރައްޔިތަކަށް އޮތް ގާނޫނީ ވާޖިބެއް ކަމަށާއި، އޭސީސީން އަންގާ ކަންތައްތައް އިސްލާހު ނުކުރާ ފަރާތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އޭސީސީން ބުނެފި އެވެ.
ކޮރަޕްޝަނާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް މީޑިޔާއާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންތައްތަކާ މެދު މަޝްވަރާކުރުމަށް، މީޑިޔާގެ ބައެއް ފަރާތްތަކާއެކު އޭސީސީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް މުހައްމަދު ޝަފީއު ވިދާޅުވީ، ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅިގެން އިސްލާހު ކުރަން އަންގާ ކަންތައްތައް އެ ފަރާތަކުން އިސްލާހު ކުރޭތޯ ބަލަމުން ގެންދާ ކަމަށެވެ. އަދި މިހާރު ވެސް އެފަދަ ކަންތައް އިސްލާހު ނުކޮށް ހުރި ބައެއް ތަންތަނާ މެދު ފިޔަވަޅު އެޅުމަށް ކޯޓަށް ހުށަހަޅުއްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަފީއު އަދި ވިދާޅުވީ ކޮރަޕްޝަނާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މީޑިޔާ މެދުވެރިކޮށް އެ ކޮމިޝަނުން ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން މީޑިޔާ މެދުވެރިކޮށް އެކަމަށް ހޭލުންތެރިކުރުވުމަށް މީޑިޔާ ކެމްޕެއިނެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.