06 Jan 2013, 20:38
ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ފޮޓޯ ނަގައިދީފައިވާ ޖަރުމަނުގެ ފޮޓޯ ގްރާފާއެއް ކަމަށްވާ މައިކަލް ފުރިޑެލްގެ ފޮޓޯތައް ދައްކުވައިދޭ އެގްޒެބިޝަނެއް މިއަދު ހުޅުވައިފި އެވެ.
މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ނެޝަނަލް އާޓް ގެލަރީގައި ބޭއްވުމަށް ނިންމާފައިވާ އެއެގްޒެބިޝަން ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބެވެ.
އެގްޒެބިޝަން ހުޅުވުމުގެ ހަފްލާގަގައި ވާހަކަފުޅު ދައްކަވަމުން މައިކަލް ފުރީޑެލް ވިދާޅުވީ މިއަދު ހުޅުވިގެންދިޔަ އެގްޒެބިޝަނުން ފެންނާނީ މީގެ 40 އަހަރު ކުރިންސުރެ އޭނާ ނަގާފައިވާ ފޮޓޯތަށް ކަމަށާއި ރާއްޖޭގެ ފޮޓޯތަށް ނަގައިދިނުމަށް ބޭރުގެ މެގަޒިންތަކާއި ޓުއާ އޮޕަރޭޓަރުންގެ އިތުރުން އޭނާ އަމިއްލައަށްވެސް ރާއްޖެއައިސްފައިވާ ކަމަށެވެ.
"އޭރު ފޮޓޯތަށް އިސްތިހާރުކުރުމަށް ބޮޑެތި ދަތިތަކެއް ހުރި، އަޅުގަނޑު ބޭނުންކުރި ތަފާތު ޓެކްނީކެއް. އެގޮތުން އަޅުގަނޑު ފުރަތަމަ ފޮޓޯ ބޭނުންކުރީ ޕޯސްޓަރެއްގައި،" ފުރިޑެލް ވިދާޅުވި އެވެ.
އެހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބް ވިދާޅުވީ މިހާ ހިސާބަށްވެސް ރާއްޖޭގެ ޓޫރިޒަމް ގެނެވިފައިވަނީ ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށާއި އެގޭތެރޭގައި ބައެއް ފަރާތްތަކުގެ އަމިއްލަ އިސްނެގުމަށް ކޮށްފައިވާ ކަންތައްތައް ފާހަގަކޮށްލެވޭ ކަމަށެވެ. އެގޮތުން މައިކަލް ފުރިޑެލް ބޭރުގެ މެގަޒިންތަކަށް ނަގާދީފައިވާ ފޮޓޯތަކަކީ ރާއްޖޭގެ ޓޫރިޒަމަށް އޭނާ ކޮށްދެއްވާފައިވާ ވަރަށްބޮޑު ހިދުމަތެއްކަން އަދީބު ފާހަގަކުރެއްވި އެވެ.
މައިކަލް ފުރީޑެލް ވަނީ ރާއްޖެ އިސްތިހާރު ކުރުމުގެގޮތުން ބޭރުގެ މަޝްހޫރު އެތަށް މެގަޒިނަކަށް ރާއްޖޭގެ ފޮޓޯތަށް ނަގާދީފަ އެވެ.އާންމުކޮށް ހުޅުވާލައިގެން އާޓް ގެލަރީގައި މިއަދު ހުޅުވި އެ އެގްޒެބިޝަނުގައި 1973 އިންފެށިގެން 1977 އަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާ އާ ގުޅުންހުރި 58 ފޮޓޯ ވަނީ ދައްކާލަން ބަހައްޓާފަ އެވެ.