ހުސްވި އަހަރު ރާއްޖޭގެ ފުޓްބޯޅައިގާ އެންމެ ކާމިޔާބު ކުލަބު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލްބުގެ ކޯޗުކަމަށް ބަލްގޭރިޔާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔަކު ކަމުގައިވާ ވެލިޒާރު ޕޮޕޯފް، 36، ހަމަޖައްސައިފި އެވެ. އޭނާ ނިއުގެ ކޯޗުކާމާ ހަވާލުވި އިރު ކޯޗުކަން ކޮށްދެމުން ގެންދިޔައީ މޮލްޑޯވާގެ އެފްސީ ކޮސްޓުލޭނީ ކިޔާ ޓީމަކަށެވެ.

އެފްއޭއެމް ހައުސްގައި މިއަދު ހަވީރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ބޭއްވި ޕްރެސް މީޓީން އެއްގައި ކޯޗުގެ ނަން އިޢުލާނުކުރީ އެޓީމުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު (ބަލަކް) އެވެ.

އަލީ ވަހީދު ވިދާޅުވީ މިއަދަކީ ނިއުރޭޑިއެންޓުގެ މިހާރު އޮތް ބޯޑުން ޓީމާހަވާލުވިތާ އެއްއަހަރު ފުރުނު ދުވަސް ކަމަށާއި މިއަދު ނިއުރޭޑިއެންޓުގެ ކޮންމެ ސަޕޯޓަރަކުވެސް އަހާލަން ބޭނުންވާނި ޓީމުގެ ހެޑްކޯޗަކީ ކޮބައިތޯ ކަމަށެވެ.

"މިއަދަކީ އަޅުގަނޑުމެން މި ޓީމާހަވާލުވިތާ އެއްއަހަރު ފުރުނު ދުވަސް... އަޅުގަނޑުމެންގެ ސަޕޯޓަރުންގެ ވަރަށް ގިނަބަޔަކު އިންތިޒާރު ކުރަމުން އެބަދޭ ޓީމުގެ ހެޑް ކޯޗަކީ ކޮބައިތޯ ބަލަން. އަޅުގަނޑުމެން މިއަދު ބޭއްވި ބޯޑު މީޓީންއިން މި ނިންމީ އަޅުގަނޑުމެންގެ އާ ކޯޗަކަށް ހަމަޖައްސާނީ ވެލިޒާރު ޕޮޕޯވް ކިޔާ މީހެއް. އޭނާއަކީ ޔޫއެފާ ޕްރޯލައިސަންސްޑް ބަލްގޭރިއާ ކޯޗެއް. އޭނާއަކީ ޒުވާން އަދި ތަޖުރިބާކާރު ކޯޗެއް،" ނިއުގެ ޗެއާމަން ބަލަކް ވިދާޅުވިއެވެ.

މީގެ އިތުރުން ބަލަކް ވިދާޅުވީ ޕޮޕޯފް އަކީ ޒުވާން ކޯޗަކަށް ވުމުން ނިއުރޭޑިއެންޓުގައި މިހާރު އޮތް ޒުވާން ބޯޑާއި މެނޭޖްމަންޓާއެކު މަސައްކަތް ކުރުމަށް ފަސޭހަވެގެން ދާނޭކަމަށް ގަބޫލުފުޅު ކުރަށްވާ ކަމަށެވެ.

"އަޅުގަނޑުމެން ދެކެނީ ޒުވާން މިކޯޗުގެ ވިސްނުމާ އަޅުގަނޑުމެންގެ ވިސްނުމާ ވަރަށް ބޮޑަށް ދިމާވާކަމަށް. އަދި ޓީމުދާން ބޭނުންވާ މިސްރާބަށް ދިއުމަށް ދެފަރާތުގެ ވިސްނުން ސީދާ ކުރެވޭ ކަމަށް،" ބަލަކު ވިދާޅުވިއެވެ.

ނިއުގެ އާ ކޯޗާ ބެހޭގޮތުން ބަލަކް އިތުރަށް ވިދާޅުވީ އެ ކޯޗަކީ 2002 ވަނައަހަރު ހިސާބުގައި ޕޯޓޯ ގަލަތަސަރާއީ ސްޕޯޓިން ލިޒްބަންފަދަ ޓީމުތަކަށް ކުޅުނު ބުރެޒިލް ގައުމީޓީމުގެ ކުރީގެ މަޝްހޫރު ފޯވަޑް މާރިޔޯ ޖާޑެލް އަށްވެސް ޕޮޕޯފް ވަނީ ކޯޗުކަން ކޮށްދީފައި ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ފަސްޓް ޑިވިޒަން ޓީމެއްގެ ކުޅުންތެރިންނަށް މިފަދަ ތަޖުރިބާތަކެއް ކޮށްފައި ހުރި ރަނގަޅު ކޯޗަކު ލިބުމުން އޭގެ ފައިދާތައް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ގަބޫލު ކުރަށްވާ ކަމަށް ވިދާޅުވި އެވެ.

ބަލަކް ވިދާޅުވީ ނިއުއަށް ކޯޗެއް ހޯދުމަށް މަސައްކަތް ކުރިއިރު ރާއްޖޭގައި ކުރިން ކޯޗުކަން ކޮށް، ރާއްޖޭގެ ސަޕޯޓަރުންގެ ރުހުން ހޯދާފައިވާ ކޯޗަކު ލިބޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ ޝޯޓް ލިސްޓް ކުރި ކޯޗުންގެ ތެރޭގައި ބޮއިކޯފް ވެލިޒާރު އަދި ފިންލޭންޑްގެ ކޯޗެއްވެސްހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރިން ކުރިން ރާއްޖޭގައި ކޯޗުކަން ކޮށް ސަޕޯޓަރުންގެ ރުހުން ހޯދާފައި ހުރި ކޯޗަކު ލިބޭތޯ. އެގޮތުން އަޅުގަނޑު ފާހަގަ ކޮށްލަން ކުރިން ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަން ކޮށްދިން ގޯމޭޒް އަށް އަޅުގަނޑުމެން އެޕްރޯޗް ކުރިން. އެކަމާ ކޯޗު ވަރަށް އުފާވެސް ކުރި. އެހެން ނަމަވެސް ކޯޗު ވިދާޅުވި ރާއްޖޭގައި އަދި ކުރަންހުރި ނުނިމި ހުރި މަސައްކަތްތައް އެބަހުއްޓޭ ގައުމީ ޓީމުގައި ކުރަން. އެހެންވީމާ އަދިވެސް ބޮޑަށް އިންޓަރެސްޓް ހުރީ ގައުމީ ޓީމަށް،" ކޯޗަކު ހޯދުމަށް ކުރި މަސައްކަތާ ބެހޭގޮތުން ބަލަކު އިތުރަށް ވިދާޅުވި އެވެ.

ވެލިޒާރު ޕޮޕޯފް އާއެކު އެސިސްޓެންޓު ކޯޗުންގެ ގޮތުގައި ނިއުރޭޑިއެންޓުގެ ސީނިއާ ޓީމުގައި މަސައްކަތް ކުރާނީ ނިއުރޭޑިއެންޓްގެ ޔޫތު ޓީމުގެ ކޯޗު ކުރީގެ މަޝްހޫރު ގޯލްކީޕަރު އިގުބާލް އާއި ކުރީގެ ގައުމީޓީމުގެ މަޝްހޫރު ފޯވަޑް ތޮއްޑޫ ނިޒާމް ކަމަށް ބަލަކު ވިދާޅުވިއެވެ.

"އިގުބާލަކީ ގޯލްކީޕަރަކަށް ވުމުން ފަހަތުން ކުރި ފެންނަ މީހެއް. ނިޒާމަކީ އެޓޭކިންގަ ހަމަ ކުޅަދާނަ ކުޅުންތެރިއެއް. ދެން މިއައި ކޯޗަކީ ތަޖުރިބާކާރު އަދި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާ އެކުވެސް މަސައްކަތް ކޮށްފަ ހުރި މީހެއް. އެހެންކަމުން އަޅުގަނޑު އުއްމީދު ކުރަނީ މި ތިންމީހުންނާ އެއްކޮށް ރަނގަޅު ކޯޗިން މޮޑެލްއެއް ނިއުރޭޑިއެންޓުގެ ބެންޗުގައި ތިބޭނެ ކަމަށް. އަދި ރަނގަޅު ކާމިޔާބެއް ޓީމަށް ލިބޭނޭ ކަމަށް،" ބަލަކު ވިދާޅު ވިއެވެ.

ނިއުރޭޑިއަންޓާ އެކު ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ އާ ކޯޗް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ ނުވަވަނަ ދުވަހު އެވެ. އެ ޓީމްގެ ޕްރެޓިކްސް ފަށާނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.