ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިންކަމަށް ތުހުމަތު ކުރެވޭ ދެ ކުއްޖެއްގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އަށް އެ ދެ ކުދިން އިންކާރުކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އެ ދެ ކުދިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އިއްވުމުން ދެ ކުދިން ވެސް ދައުވާ އަށް އިންކާރުކޮށްފައިވާ ކަމަށެވެ. އަދި ތަފްސީލީގޮތެއްގައި ދައުވާ އަށް ޖަވާބުދާރީ ވެވޭނީ އެ މައްސަލައިގައި ހިމެނޭ ހުރިހާ ލިޔެކިޔުންތައް ލިބުމުން ކަމަށް އެ ދެ ކުދިންގެ ދިފާއީ ވަކީލު ވިދާޅުވި ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް ބެލުމަށް ފަހު ދޫކުރެވެން ހުރި ހުރިހާ ލިޔެކިޔުންތަކެއް ދޫކުރާނެ ކަމަށް ގާޒީ މިއަދު ދިފާއީ ވަކީލަށް އަންގާފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގައި ހަތަރު ކުއްޖެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެ ކުދިންގެ އުމުރަކީ 17 އަހަރެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ މިއަދު 2:00 އަށް ކޯޓަށް ހާޒިރުވުމަށް އެ ހަތަރު ކުދިންނަށް ވެސް ޗިޓް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އޭގެތެރެއިން ކޯޓަށް ހާޒިރުވީ އެންމެ ދެ ކުދިން ކަމަށެވެ. އަދި ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ކޯޓަށް ހާޒިރުނުވާ ދެ ކުދިން ޖޫރިމަނާ ކުރުމަށްފަހު، ބަންދުގައި ބަހައްޓައިގެން އެ ދެ ކުދިން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް މިއަދު އަމުރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ހަތަރު ކުދިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ ފެބުރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި އެރޭ 8:30އާއި ދެމެދުގެ ވަގުތެއްގައި ތިނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށާއި އެތާގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ އެދުވަހުގެ ވަގުތެއްގައި ގދ. އަތޮޅު ކައުންސިލްގެ އިދާރާ ތެރެއަށް އެ ހަތަރު ކުދިން ވަދެގަތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ހަތަރު ކުދިންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.

އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުންކަމަށެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ ދެން އެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ 2:00 އަށް ކަމަށެވެ. ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި އެރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 89 މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.