ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ހިންގުން ޑިފެންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއި ގުޅިގެން އެ ޑިޕާޓްމެންޓްގެ ހުރިހާ މުވައްޒަފުންގެ ބޭސްފަރުވާގެ ކަންތައް ސިފައިންގެ އަސްކަރީ ހޮސްޕިޓަލުން ކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ޑިފެންސް މިނިސްޓަރު ރިޓަޔާޑް ކާނަލް މުހަންމަދު ނާޒިމް ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އާސަންދައިގެ ދަށުން އެ ޑިޕާޓްމަންޓްގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް ސިފައިންގެ އަސްކަރީ ހޮސްޕިޓަލުން ދޭ ހުރިހާ ޚިދުމަތެއް މިހާރު ލިބޭނެ ކަމަށެވެ. އަދި މުވައްޒަފުންގެ އާއިލާތަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ގެންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.

"އިމިގްރޭޝަންގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާ ތަކަށް އާސަންދަ ހިމެނޭ ގޮތަށް އަސްކަރީ ހަސްފަތާލް އިން ބޭސް ފަރުވާކުރެވޭނެ. އޭގެ ތެރޭގައި އެމީހުންގެ ފިރިންނާއި އަނބިންވެސް ހިމެނޭނެ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ މުވައްޒަފުންގެ ސިއްހީ ކަންތައްތައް ވީހާވެސް ރަނގަޅަށް ކޮށްދެވޭތޯ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ ދަށައް އިމިގްރޭޝަން ބަދަލުކުރުމާއި ގުޅިގެން އެ ތަނުގެ މުވައްޒަފުން އިތުރަށް ތަމްރީނު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުގެ މަސައްކަތްވެސް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ ސިވިލްސާވިސްގެ ދަށުގައި ޑިޕާޓްމެންޓް އޮތުމުން ދިމާވާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެ ކޮމިޝަނުންވެސް މިނިސްޓްރީއަށް އެކަށީގެންވާ އެއްބާރުލުން ދެއްވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައިވެސް ސިވިލްސާވިސްގެ ދަށުން އިމިގްރޭޝަން ވަކިކުރެއްވުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.