06 Jan 2013, 15:46
ރާއްޖެއަށް އަންނަ އުޅަދުތަކާ ފުރާ އުޅަނދުތަށް މޮނީޓާކުރެވޭ އައިޑެންޓިފިކޭޝަން ސިސްޓަމެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ގާއިމްކޮށްފި އެވެ.
ޗީފް ކަސްޓަމްސް އޮފިޝާ އަހުމަދު ވަހީދު މިއަދު ސަން އޮންލައިނަށް ވިދާޅުވީ މިއަދު ގާއިމްކުރެވުނު ސިސްޓަމުން ރާއްޖެއިން ބޭރުން އަންނަ އުޅަދުތަކާއި ރާއްޖެއިން ބޭރަށް ފުރައިގެންދާ އުޅަދުތަކުގެ ތެރެއިން މާލޭ ހިސާބުގައި ހަރަކާތްތެރިވާ އުޅަނދުތައް އެސިސްޓަމް މެދުވެރިކޮށް މޮނީޓާކޮށް ބެލެހެއްޓޭނެ ކަމަށެވެ.
"އެސިސްޓަމުން ބެލޭނެ އެބޯޓެއް ހަރަކާތްތެރިވާގޮތް، އެގޮތުން އެބޯޓް އޮތްތަނަކާ އޭގެ ރޫޓިންއާއި އަދި އެބޯޓެއް އޮތް ޕޮޒިޝަންވެސް އަޅުގަނޑުމެނަށް މޮނީޓާކުރެވޭނެ" ވަހީދު ވިދާޅުވިއެވެ.
އަދި ވިދާޅުވީ އެސިސްޓަމުގެ އެހީގައި މާލޭ އޭރިއާގެ 30 ނޯޓިކަލް މޭލު ހިސާބުގައި ހަރަކާތްތެރިވާ ހުރިހާ އުޅަދެއްވެސް މޮނީޓާކޮށް ބެލެހެއްޓޭނެ ކަމަށެވެ. އަދި ވަރަށް ކައިރި މުސްތަގުބަލެއްގައި އުތުރާއި ދެކުނުގައި ގާއިމްކުރެވިފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައިވެސް އެސިސްޓަމް ބޭނުންކުރެވި އެހިސާބުތަށްވެސް މޮނީޓާކުރެވެން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަސްޓަމްސްއިން މިފަދަ ނިޒާމެއް ގާއިމް މި ކުރަނީ ރާއްޖޭގެ ބަދަރުތަކުން މަސްތުވާތަކެއްޗާއި އެހެނިހެންވެސް ގާނޫނާއި ހިލާފު ތަކެތި ހިފެހެއްޓުމެއް ނެތި އެތެރެވަމުން އަންނަ ވަގުތެއްގަ އެވެ. އޭނާ ވިދާޅުވީ އެ ނިޒާމްގެ ސަބަބުން އެފަދަ ތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވަން އެހީތެރިވެދޭނެ ކަމަށާއި އަދި ހާލުގައި ޖެހޭ ބޯޓުތަކަށް އެހީތެރިވުމަށްވެސް ބޮޑު ބާރަކަށްވާނެ ކަމަށެވެ.