06 Jan 2013, 15:18
ހއ. ތަކަންދޫ މެޖިސްޓްރޭޓް ކޯޓާއި ހދ. ނޮޅިވަރަމްފަރު މެޖިސްޓްރޭޓް ކޯޓުގެ އާއިމާރާތް އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ހުޅުއްވައިދެއްވައިފި އެވެ.
ޖުޑީޝަރީގެ މީޑިއާ ޔުނިޓުން ބުނީ ތަކަންދޫ މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް އުއްތަމަ ފަނޑިޔާރު ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި ހުކުރު ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
އެ ރަސްމިއްޔާތުގައި އެ ކޯޓުގައި ގައުމީ ދިދަ ނަންގަވައިދެއްވީ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިނެވެ. އަދި ޝަރުއީދާއިރާގެ ދިދަ ނަންގަވައިދެއްވީ ހއ. ވަށަފަރު ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އަލިދީދީ އެވެ.
ތަކަންދޫ މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތަކީ ހއ. ދިއްދޫ މުންނާރުގަސްދޮށުގޭ އިބްރާހިމް ރަޝީދާއި ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ. އެ މަސައްކަތުގެ ޖުމްލަ އަގަކީ 896،480ރ. ކަމަށް ޖުޑީޝަރީގެ މީޑިއާ ޔުނިޓުން ބުންޏެވެ.
ޖުޑީޝަރީގެ މީޑިއާ ޔުނިޓުން ބުނީ ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އާއިމާރާތް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޓުގައި ދިދަ ނަންނަގަވައިދެއްވާފައި ވަނީ އެ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ޝާހިދު ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ ދިދަ ނަންގަވައިދެއްވީ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ކަމަށް ވެސް ޖުޑީޝަރީގެ މީޑިއާ ޔުނިޓުން ބުންޏެވެ.
މައްސާހު ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ އެ މައްސަކަތުގެ ޖުމްލަ އަގަކީ 911،145.75 ރ. ކަމަށް ވެސް ޖުޑީޝަރީގެ މީޑިއާ ޔުނިޓުން ބުންޏެވެ.