ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ބ. ތުޅާދޫ ފަޅުތެރޭގައި އަޅާފައި އޮތް ބޮޑު މަސް ދޯންޏެއް ވަރަށް ބޮޑަށް އަލިފާންރޯވެ، އަނދައިފިއެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވީ ރޭ 2:30 ކަންހާއިރު ހިންގި އެއަލިފާނުގެ ހާދިސާގައި އަދާފައިވަނީ އެރަށު މީހެއްގެ "ނޫރަލީ" ނަމަކަށް ކިޔާ 60 ފޫޓުގެ މަސް ދޯންޏެއް ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ ހާދިސާގައި ދޯނީގައި ހަދާފައިވާ ގެގަޑާއި ބަނޑުފިލާގެ ބޮޑު ބައެއްގެ އިތުރުން ދޯނީގެ ގިނަ ބައިތަކެއް ވަރަށް ބޮޑަށް އަދާފައިވާ ކަމަށެވެ.

"އެދޯންޏަކީ މިހާރު ވެސް މަސްވެރިކަންކުރާ ވަރަށް ފަހުން ބޭލި އާ ދޯންޏެއް، ދޯނި އެނދި ވަގުތު ދޯނީގައި މީހަކު ނެތް" ރަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ މިހާރު އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތުޅާދޫގެ ފަޅުގައި އަޅާފައިވާ ދޯންޏެއްގައި ހިނގާފައިވާ އަލިފާނުގެ ހާދިސާއެއް މިހާރު ތަހުގީގް ކުރަމުންދާ ކަމަށެވެ.