މިއަހަރުގެ ކިޔެވުން ފެށެންވާއިރަށް ށ. ފުނަދޫ ސްކޫލަށް ޕްރިންސިޕަލަކު ހަމަނުޖެހޭތީ އާއި، އެރަށު ހޮސްޕިޓަލުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ނެތި އޮޕަރޭޝަންތައް ހުއްޓިފައިވާތީ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ކަންބޮޑުވުންފާޅުކޮށް ޝުއޫރުފާޅުކޮށްފި އެވެ.

ފުނަދޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި މޫސާ ހަނީފް ވިދާޅުވީ މިއަދު ހެނދުނު 9:30 ހާއިރު ހޮސްޕިޓަލަށް އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ގޮސް އިސްވެރިންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ބޮޑެތި އޮޕަރޭޝަންތައް ހުއްޓިފައިވާތީ ރައްޔިތުން ކަންބޮޑުވާ މައްސަލަތައް ހާމަކޮށްފައިވާ ކަމަށެވެ. އެގޮތުން އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ނެތި ލަސްވަމުންދާ މައްސަލަ ފާހަގަކޮށް އެކަން ހައްލުކޮށްދިނުމަށް އެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފުނަދޫން ވާހަކަ ދެއްކި މީހަކު ބުނީ ހޮސްޕިޓަލުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ނެތިގެން މީހަކު ވިހަންޖެހުނަސް ދާން ޖެހެނީ ރަށުން ބޭރަށް ކަމަށެވެ.

ކައުންސިލްތައް އުފެދުމާ ގުޅިގެން އަތޮޅު ކައުންސިލްގެ މެޖޯރިޓީއާއެކު އަތޮޅުވެރިކަން 2010 ވަނަ އަހަރު ބަދަލުކުރީ ފުނަދޫ ހޮސްޕިޓަލުން 2008 ވަނަ އަހަރާ ހަމައަށް އައީ އޮޕަރޭޝަންތައް ކުރަމުން ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.

ހަނީފް ވިދާޅުވީ ފުނަދޫ ހޮސްޕިޓަލުގައި މިދިޔަ އަހަރުވެސް އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ހުރި ކަމަށެވެ. ނަމަވެސް އޭނާ ހޮސްޕިޓަލާ ހަވާލުވިއިރު އަންހެނުންގެ ޑޮކްޓަރަކު ނެތް ކަމަށެވެ.

"މިދިޔަ އަހަރުގެ ތެރޭ ޑޮކްޓަރު (އަންހެނުންގެ ހާއްސަ ޑޮކްޓަރު) ފުރައިގެން ދިޔައީ. މިހާރު ވެސް އޮޕަރޭޝަން ކުރެވޭ. އެކަމަކު ބޮޑެތި އޮޕަރޭޝަންތައް ވަނީ ހުއްޓިފައި. އަޅުގަނޑުމެން ތަކުރާރުކޮށް މިނިސްޓްރީއަށް ދަންނަވަމުން މިގެންދަނީ މައްސަލަތައް ހައްލުކޮށްދިނުމަށް،" ހަނީފް ވިދާޅުވި އެވެ.

ފުނަދޫ ހޮސްޕިޓަލުގައި ހާއްސަ ޑޮކްޓަރުން ނެތުމުގެ މައްސަލައިގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ޝުއޫރުފާޅުކޮށްފައިވާއިރު، އެރަށު ސްކޫލްގައި ޕްރިންސިޕަލަކު ނެތް މައްސަލައިގައި ވެސް ވަނީ ސްކޫލް ދޮށަށް ވެސް އެއްވެފަ އެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވީ އެރަށު ސްކޫލްގައި މިދިޔަ އަހަރު ވެސް ޕްރިންސިޕަލަކު ނެތް ކަމަށެވެ.

"މިދިޔަ އަހަރު ނިމިގެން ދިޔައިރު ވެސް ޕްރިންސިޕަލަކު ނެތް. ޑެޕިއުޓީ ޕްރިންސިޕަލަކު ނެތް. ސްޕަވައިޒަރުންނާ ޓީޗަރުންނާ މެނޭޖްމަންޓް ވެގެން ކަންކަން މި ބަލަހައްޓަނީ،" ކައުންސިލަރު ވިދާޅުވި އެވެ.

ށ. އަތޮޅުގެ އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް އެޑިއުކޭޝަންގައި އެދިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެމުން އަންނަ، ސްކޫލަށް އަހަރުގެ މެދުތެރޭގައި ނަމަވެސް ޕްރިންސިޕަލަކު ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވި އެވެ.

"އެޑިއުކޭޝަނުން ޕްރިންސިޕަލަކު ފޮނުވައިދޭން ވަރަށް މަސައްކަތް ކުރާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ. ކިޔެވުން ފެށޭއިރު ނުލިބުނަސް މެދުތެރޭގައި ޕްރިންސިޕަލަކު ލިބޭ ވަރު ވާނެ ކަމަށް މައުލޫމާތު ލިބިފައިވަނީ،" އަބުދުﷲ ރަޝީދު ވިދާޅުވި އެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.