29 Sep 2010, 11:29
އަންނަ ހުކުރު ދުވަހު އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މާލޭގައި އޮންނާނީ އިމާދުއްދީން ސްކޫލުގައި ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީޕީން ބުނީ އަންނަ ހުކުރު ދުވަހު މާލޭގައި ހުންނަ ރާއްޖޭގެ ކޮންމެ ރަށެއްގެ އެމްޑީޕީގެ މެންބަރަކަށް ވެސް ރަޖިސްޓްރީކުރުމަކާ ނުލައި އެމީހަކު ނިސްބަތްވާ ދާއިރާއަކަށް މާލޭގައި ވޯޓުލެވޭނޭ އިންތިޒާމް އިމާދުއްދީން ސްކޫލުގައި ހަމަޖެހިފައިވާނޭ ކަމަށާއި މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުކުރު ދުވަހު ވޯޓުލުން ބާއްވާ ވޯޓުފޮށިތައް ބެހެއްޓެމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ.
އެސްއެމްއެސް މެދުވެރިކޮށް ވޯޓުލަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކެންސަލްކުރުމަށް ފަހު އަލުން ހުކުރު ދުވަހު ވޯޓުލުން އޮންނާނީ މެންދުރު ފަހު 2.30 ން ފެށިގެން ރޭގަނޑު 7.30 އަށެވެ.
މި އިންތިހާބުގެ ވޯޓުލުން ދެވަނަ ފަހަރަށް ބާއްވާ އިރު ވޯޓުލަނީ ކަރުދާހުގައި ފާހަގަ ޖަހައިގެނެވެ. ނަމަވެސް މާލެފިޔަވައި، އެމީހަކު ރަށްވެހިވެފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި އުޅޭ ފަރާތްތަކާއި ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކުގެ ތެރެއިން އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމަށް އެފަރާތްތަކުގެ ނަންބަރުތައް އެމްޑީޕީ ސެކްރެޓޭރިއަޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، ހުކުރު ދުވަހު ބާއްވާ އިންތިހާބުގައި ވެސް އެސްއެމްއެސް މެދުވެރިކޮށް ވޯޓުލެވޭނެ އެވެ.