06 Jan 2013, 13:32
މެންޗެސްޓާ ސިޓީގެ ސްޓްރައިކާ ސަޖިއޯ އަގުއެރޯ އޭނާގެ ފައިގެ ފަލަމަސްގަނޑު އިރައިގެން ގޮސްފައިވާކަން ކަށަވަރު ކޮށްދީފި އެވެ.
އިޓަލީގައި ފަރުވާ ހޯދުމަށް މި ވަގުތު ހުރި އަގުއެރޯ އޭނާގެ ޓްވިޓާ އެކައުންޓުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "ޓެސްޓްތަކުން ދައްކަނީ އަހަރެންގެ ފައިގެ މަސްގަނޑެއް އިރައިގެން ގޮސްފައިވާ ކަމަށް. އަހަރެމެން ވިސްނަންވީ ޕޮޒިޓިވްކޮށް އަދި މަސަކަތް ކުރަންވީ ރަނގަޅު ފަރުވާ ލިބިގެން އަވަހަށް ރަނގަޅު ވުމަށް،" ކަމަށެވެ.
އަގުއެރޯގެ ފަޔަށް އަނިޔާ ލިބިފައި ވަނީ އާ އަހަރުގެ ފުރަތަމަ ދުވަހު ލީގުގައި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅެ ސިޓީ މޮޅުވި މެޗުގަ އެވެ. އެހެން ކަމުން އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ވޮޓަފޯޑް އަތުން ރޭ ތިނެއް ސުމަކުން ސިޓީ މޮޅުވި މެޗު އޭނާއަށް ވަނީ ގެއްލިފަ އެވެ.
އަގުއެރޯގެ ހެމްސްޓަރިން ޓިއާ ރަނގަޅުވާން ކިހާ ދުވަހެއް ނަގާނެ ކަމެއް އަދި ނޭނގެ އެވެ. މެންޗެސްޓާ ސިޓީން އުންމީދު ކުރަނީ ޖެނުއަރީ 13 ވަނަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗަށް އަގުއެރޯ ފިޓްވާނެ ކަމަށެވެ.